ރޯޑް ވާދިނަސް ނެތިގެން ދުއްވުން މަނާކުރެވޭނީ ހަމައެކަނި ދެ ބޭނުމަކަށް ދުއްވާ ވެހިކަލްތައް: ހުކުމް

ރޯޑް ވާދިނަސް ބާތިލުވެފައިވާ ވެހިކަލްތަކުގެ ތެރެއިން ދުއްވުން މަނާކުރެވޭނީ ހަމައެކަނި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރާ ވެހިކަލްތަކާއި އަދި އަގު ދީގެން އާއްމު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ވެހިކަލްތައް ކަމަށާއި އެނޫން ބޭނުންތަކަށް ދުއްވާ ވެހިކަލެއްގެ ރޯޑް ވާދިނަސް ބާތިލުވެފައިވީ ނަމަވެސް، އެ ވެހިކަލެއް ދުއްވުން މަނާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ރޯޑް ވާދިނަސް ނެތޭ ބުނެ އުޅަނދުތައް އެއްގަމު ދަތުރުފަތުރުކުރުމަށް ބޭނުންކުރުން މަނާކުރާތީ އެއީ ޓްރާންސްޕޯޓުން ގަވައިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލް އިދުހާމް މުއިއްޒު އަދްނާން ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ، ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭ ރޯޑް ވާދިނަސް ނުހަދައިގެން، އެރޯޑް ވާދިނަސް ބާތިލުވެފައިވާ ވެހިކަލްތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ވެހިކަލްތައް ދުއްވުން މަނާ ނުކުރެވޭނެ އެވެ. އަދި އެގޮތަށް މަނާކުރެވޭނީ ހަމައެކަނި "އާއްމު ދަތުރުފަތުރު" ތަކަށް ބޭނުންކުރާ ވެހިކަލްތަކާއި އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލްތައް ކަމަށް ވެސް އެހުކުމްގައި ބުނެފައިވެ އެވެ.

ގާޒީ މަރިޔަމް ނިހާޔަތު މައްސަލަ ބެއްލެވުމަށް ފަހު އެގޮތަށް ނިންމަވާފައި ވަނީ، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ރޯޑް ވާދިނަސް ބާތިލުވާ އުޅަނދުތައް ދުއްވުން މަނާ ކުރެވޭނީ އާއްމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ކަމަށާއި އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ކަމަށް ބުނެފައިވާތީ އެވެ. އަދި ހަމަ އެގާނޫނުގައި "އެއްގަމު ދަތުރުފަތުރު" އަދި "އާއްމު ދަތުރުފަތުރު" މި ދެ އިބާރާތް ވަކިވަކިން މާނަކޮށް، ބޭނުންކޮށްފައިވާތީ އެވެ.

"ރޯޑް ވާދިނަސް ބާތިލުވާ އުޅަނދުތައް ބޭނުންކުރުން މަނާކޮށްފައި ވަނީ ދެ ބޭނުމެއްގައި ކަމާއި މިގޮތުން މި އުޅަނދުތައް ބޭނުންކުރުން މަނާކޮށް އެކަން މަހުދޫދުކޮށްފައި ވަނީ އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމާއި، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރުން، މި ދެބޭނުމަށް ކަމާއި، ގާނޫނުގައި މިދެބޭނުން ވަކިން ބަޔާންކޮށްފައިވުމުން އަލަށް ރަޖިސްޓްރީކުރާ ނުވަތަ ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑް ވާދިނަސް ހެދުމަށް މިނިސްޓްރީން ކަނޑައަޅާ މުއްދަތު ހަމަވުމުން ރޯޑް ވާދިނަސް ބާތިލުވާ އުޅަނދުތައް ބޭނުންކުރުން މަނާވާނީ ހަމައެކަނި މިދެބޭނުމުގައި ކަމަށް ބަލަން ޖެހޭ،" ގާޒީ ނިހާޔަތު އިއްވެވި ހުކުމްގައިވެ އެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ 67 ވަނަ މާއްދާގެ )ހ( ގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމް މާނަކޮށްފައިވަނީ "މީހުން އުޅޭ ރަށްރަށާއި އަދި އާއްމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅައިފައިވާ ބަންޑާރަ މަގުތަކާއި، ފާލަންތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުން"ނަށެވެ. އެމާއްދާގެ )ށ(ގައި އާއްމު ދަތުރުފަތުރު މާނަކޮށްފައިވަނީ "އަގުދީގެން އާއްމުންނާއި ލުއި ދާގީނާ އުފުލަން ކަނޑައަޅާ ހުއްދަ ދީފައިވާ އުޅަނދުފަހަރުތަކުން ކުރާ ދަތުރު" ތަކަށެވެ.

މީގެ އިތުރުން މައްސަލަ ނިންމެވުމުގެ ކުރިން ގާޒީ ބެއްލެވި ނުކުތާތަކުގެ ތެރޭގައިވާ ގޮތުގައި، ރޯޑް ވާދިނަސް ބާތިލުވެފައިވާ އުޅަނދެއް، ގާނޫނުން މަނާކޮށްފައިވާ ދެބޭނުމަށް ]ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރުމަށް ނުވަތަ އާއްމު ދަތުރުފަތުރުކުރުމަށް ބޭނުންކުރުމަށް[ ފިޔަވައި އެހެން ބޭނުމަކު ދުއްވުން ޓްރާންސްޕޯޓުން މަނާކޮށްފައިވާ ނަމަ، އެކަމުގެ ސަބަބުން އެ އުޅަނދެއްގެ ވެރިފަރާތަަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދެވެން ޖެހޭނެ ކަމަށް ނިންމާފައިވެ އެވެ.

ނަމަވެސް، އިދުހާމް މުއިއްޒު އަދްނާން ޓްރާންސްޕޯޓްގެ މައްޗަށް ކުރި މިދައުވާގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިނުވާތީ ގާޒީ މައްސަލަ ނިންމެވީ ބަދަލުގެ ބައި އެ މައްސަލައިގެ ތެރޭގައި ނުހިމަނަ އެވެ.

މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ރޭ ވިދާޅުވީ، މި ހުކުގެ ދަށުން މީހުންގެ އަމިއްލަ ކާރާއި ސައިކަލް ފަދަ ވެހިކަލްތަކުގެ ރޯޑް ވާދިނަސް ނެތަސް، ދުއްވުމަކީ މަނާ ކަމަކަށް ނުވާނެތީ، އެ ވެހިކަލްތައް ދުއްވާ ފަރާތްތައް ފުލުހުންނަށް ޖޫރިމަނާ ނުކުރެވޭނެ ކަމަށެވެ. އަދި ރޯޑް ވާދިނަސް ނެތިގެން މިހާތަނަށް ޖޫރިމަނާކޮށްފައިވާ ވެހިކަލްތަކުގެ ވެރިފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ރޯޑް ވާދިނަސް ބާތިލުވެފައިވާ ވެހިކަލް ދުއްވައި ފަރާތްތައް ފުލުހުން އަންނަނީ ޓްރެފިކް ގަވައިދުގެ ދަށުން 750ރ. އިން ޖޫރިމަނާކޮށް، އެފަރާތްތަކުގެ ލަައިސަންސް ހިފަހައްޓަމުންނެވެ.

ޓްރެފިކް ގަވާއިދާ ހިލާފްވާ ފަރާތްތަކުގެ ލައިސަންސް ފުލުހުން އަތުލައި ހަ މަސް ދުވަހަށް ހިފަހައްޓަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ވަނީ މީގެ ކުރިން ހުކުމްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު