އެކްސްކްލޫސިވް އިންޓަވިއު- ރައީސް ނާސިރުގެ ހިމޭން ދުނިޔެ، ސިންގަޕޫރުގައި

ސަޢީދުގެ ފުރަތަމަ ކާފަދަރިފުޅު އައިނާ އާއި ސަޢީދާ އެކު ރައީސް ނާސިރު. މިފޮޓޯ ނަގާފައި ވަނީ 2001 ވަނަ އަހަރުގެ ކުރީކޮޅު ---

އެޑިޓަރުގެ ނޯޓް: މިއީ މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން 26 ޖުލައި 2015 ގައި ސަންއޮންލައިންގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ. މިރިޕޯޓް އަލުން މި ޝާއިއުކުރަނީ ގިނަ ކިޔުންތެރިން ތަކެއްގެ އެދުމުގެ މަތިންނެވެ. ރާއްޖެ މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަބްދުއް ސައްތާރު މޫސާ ދީދީ ފަދަ ބޭފުޅުން މި ރިޕޯޓު ތައްޔާރުކުރި އިރު ދުނިޔޭގައި ތިއްބެވިއެވެ. ގައުމީ ބަތަލުންނަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.

ރާއްޖޭގެ ދޫކުރައްވައި، ރައީސް ނާޞިރު ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ސިންގަޕޫރުގައި ރައީސް ނާސިރުގެ ދިރިއުޅުއްވުމާއި އެތަނުގައި ދުވަސްތައް ހޭދަކުރެއްވި ގޮތުގެ ވާހަކަ ތަކަކީ ކޮންމެ ދިވެއްސަކު ވެސް އެނގުމަށް ޝައުގުވެރިވާނެ ވާހަކަ ތަކެކެވެ. އެހެން ނަމަވެސް ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ފަހުން ނާސިރު ރާއްޖޭގެ އެއްވެސް މީޑިއާ އަކަށް އެއްވެސް އިންޓަވިއުއެއް ދެއްވައިފައެއް ނުވެ އެވެ. އެތައް ނޫސްވެރީންނެއް އެ ފުރުސަތު ލިބެތޯ މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބު ނުވެފަ އެވެ. ރައީސް ނާސިރު ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން އަވަހާރަވުމާ ހަމަޔަށް، އެންމެ ގާތްގުޅުމެއް ބޭއްވެވި ދިވެއްސަކީ ޢަބްދުﷲ ސަޢީދު (ސީޕްރިއާ ސަޢީދު) އެވެ. ސަޢީދަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންޑަބަނޑޭރި ކިލެގެފާނުގެ މައިފުށުން ދެބޭންގެ ދެދަރި ބޭފުޅެކެވެ. ރައީސް ނާސިރުގެ މަންމާ ފުޅަކީ ޏ. ފުވައްމުލަކު ބޭފުޅެކެވެ. ރައީސް ނާސިރު ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން، ދިވެހިރާއްޖޭގައި އެމަނިކުފާނުގެ ފަރާތްޕުޅުން ބަލަހައްޓަވަން ޖެހޭ ހުރިހައި ކަމެއް ބެލެހެއްޓެވީ ސަޢީދެވެ. ޚާއްސަ ގޮތެއްގައި، ރައީސް ނާސިރުގެ ސިއްހީ ކަންކަމާ ގުޅިގެންނާއި އެ ނޫން ގޮތްގޮތުން ވެސް އެންމެ ގިނައިން ރައީސް ނާޞިރާ މުޢާމަލާތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ދިވެއްސަކީ ސަޢީދެވެ. ސަޢީދު ވަނީ އެތައް ފަހަރެއްގެ މަތީން ސިންގަޕޫރަށް ވަޑައިގެން ރައީސް ނާޞިރާ އެކު ވަގުތުތައް ހޭދަކުރައްވައިފަ އެވެ. މި ސަބަބުތަކަށް ބަލާ އިރު ރައީސް ނާސިރު ސިންގަޕޫރުގައި އެ ހޭދަ ކުރެއްވި ދިރިއުޅުއްވުމުގެ ކަންކަން އެންމެ ކައިރިން ފެނިވަޑައިގެންނެވި، އަދި ތަޖުރިބާކުރެއްވި ބޭފުޅަކަށް ވާނީ ސަޢީދު ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މި ގުޅުމުގައި ސަޢީދާ އެކު ދެން އެންމެ ބޮޑަށް ހިއްސާ ވެވަޑައިގަންނަވަނީ ސަޢީދުގެ އަނބިކަނބަލުން ހައްވާ މަނިކެ އެވެ. މިއީ، ރައީސް ނާޞިރުގެ ސިންގަޕޫރުގެ ހަޔާތްޕުޅާ ގޮތުން ސަޢީދު ރާއްޖޭގެ މީޑިއާ އަކަށް މިހައިތަނަށް ދެއްވި ހަމައެކަނި އިންޓަވިއު އެވެ. މީގެ ކުރީން އެކި ފަރާތްތަކުން ސަޢީދު އަރިހުން މި ފަދަ އިންޓަވިއު އަކަށް އެދިވަޑައިގެންނެވި ނަމަވެސް އެ ފުރުސަތު ނުދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އަޅުގަނޑަށް މި ފުރުސަތު ދެއްވީ ކީއްވެ ކަމެއް ވެސް ނޭނގެ އެވެ. ރައީސް ނާޞިރުގެ ސިންގަޕޫރުގެ ދިރިއުޅުއްވުމާ ގުޅޭ ގޮތުން މި އިންޓަވިއު އަޅުގަނޑަށް ދެއްވީތީ ސަޢީދަށް އަޅުގަނޑު އިޚުލާސްތެރި ޝުކުރެއް ދަންނަވަމެވެ. މިލިޔުމަކީ އަޅުގަނޑުގެ ނޫސްވެރިކަމުގެ 15 އަހަރު ދުވަހުގެ ހަޔާތުގައި ލިޔެވޭ އެންމެ އަގުބޮޑު، އެންމެ މުހިންމު އެއް ލިޔުން ކަމަށް އަޅުގަނޑު ދެކެމެވެ. މިއީ ދިވެހި ގައުމީ ތާރީޚަށް ޓަކައި ދޫކޮށްލެވޭ މުހިންމު ލިޔުމެކެވެ.

ރާއްޖޭގެ މިނިވަން ކަމުގެ އެގްރީމެންޓުގައި ރައީސް ނާސިރު ސޮއިކުރައްވަނީ ---

  1. ރައީސް ނާޞިރު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކީއްވެގެން ތޯ؟

ޖ. އޭގެ އެއްވެސް މައުލޫމާތެއް ނެތް. ހިއްސާއެއްވެސް ނުވެސް ކުރައްވާ. ހީއެއް ނުވޭ އެއްވެސް މީހަކާ ހިއްސާކުރެއްވިހެނެއް ވެސް. ހީވަނީ ކުރީންވެސް ނިންމަވާފަހެން އޮތީ އިތުރުދައުރަކަށް ހޮވިވަޑައިގަތަސް ގަބޫލުފުޅު ނުކުރައްވަން. އެގޮތުން އިތުރު ދައުރަކަށް ހޮވިވަޑައިގަތީމަ އެކަން ގަބޫލުފުޅުނުކުރެއްވީ. އެ ނިންމެވުމުގަ ހުންނަވަން ބޭނުންފުޅުވީ. ރައީސް ނާސިރު ބޭނުންފުޅުވީ ދެ ދައުރު ވެރިކަން ކުރެއްވުނީމަ ތިން ވަނަ ދައުރަކަށް އެ މީހަކަށް ނާދެވޭނެ ގޮތަށް އޮންނަން. އެހެން ނަމަވެސް މަޖިލީހުން އޭރު ނިންމެވީ ތިންވަނަ ދައުރަކަށް ނާސިރު ހުންނަވާ ގޮތަށް. އެގޮތަށް މަޖިލީހުން ނިންމެވީމާ، އެކަން ގަބޫލުފުޅު ނުކުރައްވާކަން ބަޔާންކޮށް އެކަމާ ގުޅޭ ސިޓީ ލިޔަން ހަވާލުކުރެއްވީ ވެސް އަހަރެންނާ. ނާސިރު އެ ވިދާޅުވި ގޮތަށް އެ ސިޓީ ލިޔުނީވެސް އަހަރެން. ދެން ހަމަ އެދުވަހު ވެސް ހިތަށް އެރި ކީއްވެބާވައޭ އަހަންނާ މި ހަވާލުކުރެއްވީ. އެހެން ވީމަ އޭގެން އަމިއްލަ އަށް ވިސްނުނު އެއްޗަކީ ނާސިރު ބޭނުންފުޅު ނުވިކަން އެނެންގެވި ޑިޝިޝަން އަށް އެއްވެސް އިންފްލޫއެންސެއް، ބާރެއް، ފޯރުވާފާނެ މީހަކު އެ ސިޓީ ލިޔަން ވެސް މެދުވެރިކުރަން. އެދުވަސްވަރު އުޅުއްވީ ވެސް ސަރުކާރުގެ މަތީ މަގާމުތަކުގަ ނާސިރު ގެންގުޅުއްވި ބޭފުޅުންނާ ނޫނީ އަމިއްލަފުޅަށް ގާތްކޮށް ގެންގުޅުއްވި ބޭފުޅުންނާ ވެސް ދުރުގަ އުޅުއްވީ. އެއީ ވެސް ހަމަ އެއްސަބަބު ކަމަށްވުން ހަމަ އެކަށީގެންވޭ. ދެން އެ ސިޓީ ލިޔުނު ދުވަހު ވެސް ލިޔަންވީ އެއްޗެއް ވިދާޅުވެދެއްވާފަ ހަމަ ވަގުތުން ވަޑައިގަތީ. މީހުންނާ ބައްދަލުކުރެއްވުން ވެސް އޭރު ވަރަށް ދުރު. އެކަހަލަ ފުރުސަތެއް ވެސް މީހުންނަކަށް ނުދެއްވާ. އެ ޒަމާނަށް ވިސްނައިލާ އިރު އެއީ ވަރަށް ބޮޑު ޑިޝިޝަނެއް. އަނެއްކާ މީހުންނަށް ވެސް ވަރަށް ބޮޑު ހައިރާން ކަމަކާ ޝޮކެއް ލިބޭނެ ކަމެއް. ބައެއް މީހުން ބޭނުންވެދާނެ ކަންނޭނެ އެ ނެންގެވި ޑިޝިޝަން ބަދަލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އިންފްލޫއެންސް ކުރުމަށް. އެއިން އެއްވެސް ކަމަކަށް ޖާގައެއް ނުދެއްވާ. ނާސިރު ބޭނުންފުޅެއް ނުވޭ އިތުރު ދައުރަކު ވެރިކަން ކުރައްވާކަށް...

ސަޢީދުގެ ފުރަތަމަ ކާފަދަރިފުޅު އައިނާ އާއި އަނބިކަނބަލުން ހައްވާ މަނިކެއާ އެކު ރައީސް ނާސިރު. މި ފޮޓޯ ނަގާފައި ވަނީ 2001 ވަނަ އަހަރުގެ ކުރީކޮޅު ---

  1. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ސިންގަޕޫރު ހިޔާރު ކުރެއްވީ ކީއްވެގެން ތޯ؟

ޖ. ސިންގަޕޫރަކީ ނާސިރު ކުރީން ވެސް ވަޑައިގެން އުޅުއްވާ ގައުމެއް. އަލިމަނިކަކީ ވެސް ވަރަށް ގާތް ބޭފުޅެއް. އަލިމަނިކު ވެސް އުޅުއްވަނީ އެތަނުގަ. ދެން އެހެން ކަހަލަ އާދަޔާ ޚިލާފު ސަބަބެއް އޮވެގެން ސިންގަޕޫރަށް ވަޑައިގަތީހެނެއް ހީއެއް ނުވޭ.

  1. ސިންގަޕޫރުގައި އުޅުއްވީ އަމިއްލަފުޅު ގެއެއް ނުވަތަ އެޕާޓްމަންޓެއްގައި ތޯ ނުވަތަ ކުއްޔަށް ތޯ؟

ޖ. ފުރަތަމަ ދިރިއުޅުއްވީ އަމިއްލަ ގެއެއްގަ. ފަހުން ދިރިއުޅުއްވީ އެޕާޓްމެންޓެއްގަ.

  1. ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އެއްވެސް ވަރަކަށް ދިވެހީންނާ ބައްދަލު ކުރައްވައި ހައްދަވާ ތޯ؟

ޖ. އެއްވެސް ވަރަކަށް ބައްދަލުކޮށެއް ނުހައްދަވާ. ދިވެހިންނާ ވީހާވެސް ދުރުގަ އެކަހެރިކޮށް އުޅުއްވޭތޯ ބެއްލެވީ.

  1. އެންމެ ގާތް ބޭފުޅުންގެ ގޮތުގަ ފާހަގަކުރެވޭ ބޭބޭފުޅުންނާ ވެސް ބައްދަލެއް ނުކުރައްވާތޯ؟

ޖ. ދެން އާންމު ގޮތެއްގަ އެންމެންނާ ވެސް ވީހާވެސް ދުރުގަ އުޅުއްވޭތޯ ބެއްލެވީ. ދެން އެހެން ނަމަވެސް ވަރަށް ގާތް އިތުބާރު ކުރެއްވޭ ބޭފުޅުންނާ ބައްދަލުކުރައްވާ އުޅުއްވާ. އޭގެ ތެރޭގަ ރަޝީދު (ކަރަންކާ ރަޝީދު)، މޫމިނާ ހަލީމް، އަބްދުއްސައްތާރު މޫސާ ދީދީ، އަހުމަދު އާދަމް، އެކަހަލަ ބައެއް ބޭބޭފުޅުން ހިމެނޭ. އެއީ ވެސް ދެން އާންމުކޮށް ކުރައްވާ ކަންތައްތަކެއް ނޫން. އަނެއްކާ އެބޭފުޅުންނަށް ވެސް އެ ފުރުސަތެއް ނުވެސް ހޯއްދެވޭނެތާ އެހާފަސޭހައެއްކޮށްނެއް.

  1. އެހާ މަދުން ބޭފުޅުންނާ ބައްދަލުކުރައްވައި އެހެއްދެވީ ކީއްވެތޯ؟

ޖ. ގަބޫލު ކުރެވޭ ގޮތުގަ އެއީ ނާސިރު ބޭނުންފުޅެއް ނުވޭ ނާސިރާ ހެދި އެއްވެސް މީހަކަށް ދެރަ ގޮތެއް ވާކަށް، ނާސިރާ ބައްދަލުކޮށްގެން މީހަކަށް ސިޔާސީ ގޮތުން ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް ދެރައެއް ލިބޭކަށް.

  1. ނާސިރު ގެންނަން އޭރު ސަރުކާރުން މަސައްކަތް ކުރިނޫންތޯ! އެކަން ކާމިޔާބުނުވީ ކީއްވެތޯ؟

ޖ. އެއީ ނާސިރަށް އެނގިވަޑައިގަންނަވާ ސަރުކާރުން ބޭނުންވޭކަން ނާސިރު އަނބުރައި ގެންނަން. ނާސިރަށް އެނގިވަޑައިގަންނަވާ ނާސިރު ހަމަ ސިންގަޕޫރަށް ވަޑައިގަތުމާ އެއްކޮށް އޭރުގެ ފޮރިން މިނިސްޓަރު ފަތުހުﷲ ވެސް ވަޑައިގެންނެވި ކަން ނާސިރު މިކޮޅަށް ގެނައުމަށް ޓަކައި. އެކަމަކު ފަތުހުﷲ އަށް ވަޑައިގެންނެވުނީ ނާސިރު ވަޑައިގެންނެވި ފަހުން. ދެން ކޮންމެވެސް ސަބަބުތަކަކާ ހެދި އެކަން ނުވީ. އެއީ ސިންގަޕޫރުގެ ސަރުކާރަކީ ވެސް ވަކި ގަވައިދުތަކަކާ އުސޫލުތަކެއްގެ ތެރެއިން ކަންކަން ކުރާ ބައެއް. އެހެންވީމަ އެސަބަބާ ހެދިކަންވެސް ނޭނގެ. އެއީ ހަމަ ނާސިރު ވިދާޅުވިވެސް ވާހަކައެއް.

ރައީސް ނާސިރުގެ ސިންގަޕޫރުގެ ހަޔާތްޕުޅާ ގުޅޭ ގޮތުން ސަޢީދު "ސަން" އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ ފަޔާޒް މޫސާ

  1. އެންމެ ފުރަތަމަ އެކޮޅަށް ވަޑައިގެން އުޅުއްވި އިރު ނުވަތަ ފަހުން ވިޔަސް ސެކިއުރިޓީ ގެންގުޅުއްވިތޯ؟

ޖ. ސެކިއުރިޓީއެއް ނުގެންގުޅުއްވާ. ދެން ގޭގަ ހުންނާނެ ސެކިއުރިޓީ. އެއީ ދެން ސިންގަޕޫރުގަ އާންމުކޮށް ވަރަށް ގިނަ ގޭގޭގަ އެ ހުންނަ އުސޫލުން.

  1. އަރިހުގައި ގޭގައި އެއްކޮށް ދިރިއުޅުއްވީ ކޮން ބޭފުޅުންނެއް ތޯ؟

ޖ. ނާސިރު އަރިހުގަ އޭރު އުޅޭނީ ގެންގުޅޭ ޑްރައިވަރާ، މެއިޑެއްގެ ގޮތުގަ ގެންގުޅުއްވާ މީހަކާ، ދެން ނާސިރުގެ ދެބޭފުޅުން. ދެ ބޭފުޅުން ވެސް ސިންގަޕޫރުން ކިޔެވުން ނިންމެވުމަށް ފަހު ގިނަ ދުވަހު އުޅުއްވީ ބޭރުގަ ކިޔަވާވިދާޅުވާން.

  1. ސިންގަޕޫރަށް ވަޑައިގަތް ފަހުން ރާއްޖޭގައި އާއިލާގެ ބޭފުޅުންނާ ގުޅުން ބާއްވަވާ ތޯ؟

ޖ. ނުބާއްވަވާ... އެއީ ކުރީން ވެސް ބުނިފަދައިން ތިމަންނަ އަށް ލިބިދާނެ ހިތްހަމަޖެހުމަކަށް ވުރެ އަނެކަކަށް ލިބިދާނެ ދެރައަކަށް ވިސްނަވާ ކަމަށް ވާހަކަފުޅުތަކުން ބޮޑަށް ދޭހަވަނީ.

  1. އަމިއްލަފުޅު ބޭފުޅުންގެ ތެރެއިން ނާޞިރުގެ އަރިހުގައި އެކުގައި ނޫޅުއްވާ ބޭފުޅުންނާ ގުޅުން ބޭއްވެވި ތޯ؟

ޖ. ހުރިހާ ބޭފުޅުންނާ ވެސް ގުޅުން ބޭއްވެވި. ނަމަވެސް ޢަލީ ނާސިރާއި އަލީ ނާސިރުގެ އާއިލާއާ ވަރަށް ގާތް ގުޅުން އޮތް. އެކަމަކު އުޅުއްވަނީ އެއްކޮނެއް ނޫން. އެހެން އެވީ އަލީ ނާސިރު ވަކީން އުޅުއްވާން ބޭނުންފުޅުވާތީކަންނޭނގެ. އެކަމަކު ގުޅުން ވަރަށް ރަނގަޅު. ދެން އަހުމަދު ނާސިރު އެހާ ގާތްކޮށް އުޅުއްވާތަނެއް ފެނިފައެއް ނެތް. ސިންގަޕޫރުން ބޭރުގަ ތިއްބަވާ ބޭފުޅުން ވެސް ނާސިރު އަރިހަށް ވަޑައިގެން އުޅުއްވާ. ދެން ވަކި ހިސާބަކުން އަލީ ނާސިރު ވެސް އަވަހާރަވީ.

  1. އެއްވެސް ވަރަކަށް ދިވެހިރާއްޖޭގެ ކަންކަމާ ސުވާލު ކުރައްވައި ރާއްޖޭގެ ޚަބަރުތައް އޮޅުން
    ފިލުއްވައި ހައްދަވާތޯ؟

ޖ. އެއްވެސް ވަރަކަށް ނާއްސަވާ. އައްސަވާކަށް ބޭނުންފުޅެއް ވެސް ނުވޭ އެހާވަރަކަށް. އެއީ ރާއްޖެއާ ބެހޭ ފޮތެއް ވެސް އެއްފަހަރަކު ގެންގޮސް އެރުވިން. ނާސިރަށް ހަދިޔާއެއް ނުވަތަ އެއްޗެއް ގެންގޮސްފި ނަމަ އެއަކަށް އިދިކޮޅެއް ނުހައްދަވާނެ. އެހެން ވެ އެ ފޮތްވެސް ގެންގޮސް ދިނީތީ އެޕްރެޝިއޭޓް ކުރެއްވި. އެކަމަކު އެ ފޮތް ނަގާ އެތާ މޭޒުމަތީ ބޭއްވެވީ. ހީއެއް ނުވޭ އެ ފޮތް ފަހުން ބައްލަވާ ހެއްދެވިހެންނެއްވެސް.

  1. ކީއްވެގެން ކަމަށްތޯ ގަބޫލުފުޅުކުރެއްވެނީ ރާއްޖޭގެ ކަންކަން ބައްލަވަން ބޭނުންފުޅުނުވަނީ؟

ޖ. ނާސިރު އެކަމުގަ ގެންގުޅުއްވަނީ ކޮންކަހަލަ ޚިޔާލެއްކަމެއް ނޭނގެ. އެކަމަކު ބޮޑަށް ހީވަނީ ނާސިރަށް އެ ލިބިވަޑައިގަތީ ވަރަށް ހިތި ތަޖުރިބާއެއްތާ... އެއީ ރާއްޖޭގެ އެންމެން ވެސް ގަބޫލު ކުރާ ގޮތުގަ ވަރަށް ބޮޑެތި ޚިދުމަތްތަކަކާ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއް، އޭނަގެ އެންމެ ފަހު ވަގުތު ދިމާވި ހިތި ތަޖުރިބާއެއްގެ ސަބަބުން ވީ ކަމެއް ކަމަށް ވުން ވެސް އެކަށީގެންވޭ.

  1. ސިންގަޕޫރުގެ ސިޔާސީ ނުވަތަ ބާރުހުރި ފަރާތްތަކާ ނުވަތަ ވިޔަފާރިވެރިންނާ ގުޅުން ބޭއްވިތޯ؟ ބޭއްވެވި ކަމަށް ވާ ނަމަ އެއީ ކޮންބަޔަކާތޯ؟

ޖ. އެނގިގެނެއް އެކަހަލަ އެކަހަލަ އެއްވެސް ކަމެއް ނެތް. ނާސިރު އުޅުއްވީ ހަމަ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން. އަހަންނާ ހައްވާ މަނިކެ އާއި ޢާއިލާއާ ދޭތެރޭ ވަރަށް ގާތް، ވަރަށް އެއް ލެވެލެއްގަ ހީސަމާސާކޮށް މަޖާކޮށް، ތަނަކަށް ވަޑައިގަތަސް އެކީގަ ކާރުގަ ގެންދަވާ. އެކަމަކު އެކަހަލަ ކަމެއް ފާހަގަވެފައެއް ނެތް.

  1. އެހެން އެ އުޅުއްވާ އިރު ދެން ކޮން ކަހަލަ ވާހަކަތަކެއްތޯ ދައްކަވަނީ؟ އެކީގަ އުޅުއްވާ އިރު ތަފާތު އެކި ކަހަލަ ވާހަކަތައް ވެސް ދައްކަވާނެ އެހެން ނޫންތޯ!!

ޖ. ދެން އާންމު ގޮތެއްގަ ވަރަށް މަދުން ވާހަކަދައްކަވާނީ. ދެން ގިނައިން ދެކެވިފަ ހުންނާނީ ނާސިރު އެގެންގުޅުއްވާ ކޮމްޕިއުޓަރާ ފިލްމާ މިކަހަލަ އެއްޗެހީގެ ވާހަކަޔާ ނާސިރު އެކުރައްވާ ދަތުރުފުޅުތަކުގެ ވާހަކަ. އާންމުކޮށް ވަރަށް ގިނައިން ދަތުރުފުޅުތައް ކުރައްވާނެ ކެނެޑާ އަށާ ޔޫކޭ އަށާ ޖަޕާނަށާ ހޮންކޮންގް ފަދަ ގައުމުތަކަށް. ބޭފުޅުންގެ ޗުއްޓީގަ ވެސް ވަޑައިގަންނަވާނެ. ކެނެޑާއަށް ވަރަށް ގިނައިން ވަޑައިގަންނަވާ. އެހެން ވަޑައިގަންނަވާ އިރު އެތަންތަނުން އެ ދިމާވާ ކަންތައްތަކުގެ ވާހަކަ ވަރަށް ގިނައިން ދައްކަވާނެ. އަދި އަޅުގަނޑުމެން އެ ގައުމުތަކަށް އާންމުކޮށް މި ދަތުރުކުރާ މީހުންނަށް ވުރެ އެ ގައުމު ތަކުގެ އިމިގްރޭޝަން ގާނޫނު އަދި ކަސްޓަމްސް ގާނޫނު އަދި ގަވައިދުތައް ފަދަ މައުލޫމާތު ނާސިރުގެ މާބޮޑަށް ވެސް މުއްސަނދިކަން ފާހަގަކުރެވޭ. މީގެ އިތުރުން ނާސިރު އެ ގެންގުޅުއްވާ ކޮމްޕިއުޓަރާ ފިލްމުތަކުގެ ވާހަކަ ވެސް ވަރަށް ދައްކަވާނެ.

  1. ކޮން ކަހަލަ ފިލަމެއްތޯ ބައްލަވައިހައްދަވަނީ؟

ޖ. އާދެ، ފިލްމު އެއްޗެހި ބެއްލެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ. ލައިބްރަރީއާ އެއްޗެއްހި ވެސް ހުންނާނެ. އެއެއްޗެހިތައް ރެކޯޑު ކުރުމާ ވަކި ސިސްޓަމަކަށް ލުމާ މި ކަހަލަ ކަންތައް އެއީ ހަމަ އަބަދުވެސް ކުރައްވާ ކަންކަން.

ހުޅުލޭ އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރިޔަށް ދިޔަ އިރު ރައީސް ނާސިރު މަސައްކަތް ބައްލަވައިލައްވަނީ ---

  1. ކޮންކަހަލަ އެއްޗިއްސެއްތޯ ބައްލަވަނީ އަދި އަޑުއައްސަވަނީ؟

ޖ. ސައިންސް ފިކްޝަނާ އެއްޗެހި ވަރަށް އިންޓްރެސްޓް ނަންގަވާކަން ފާހަގަކުރެވޭ. ކޮމްޕިއުޓަރު އަދި ހިސާބުގެ ފޮތްތައް ވެސް ވަރަށް ގެންގުޅުއްވާ. ކޮމްޕިއުޓަރު ފަދަ އެއްޗެހި އަމިއްލަފުޅަށް އޭގެ ބައިބައި އެސެމްބްލް ކުރައިވައި އަޕްގްރޭޑް ކުރައްވައި ހައްދަވާނެ.

  1. ސިންގަޕޫރުގައި ވިޔަފާރި ކުރެއްވިތޯ؟ ކުރެއްވީ ކޮން ވިޔަފާރިއެއްތޯ؟ ނުވަތަ އާމްދަނީ ހޯއްދެވުމަށް ކުރެއްވީ ކޮން މަސައްކަތްޕުޅެއް ތޯ؟

ޖ. އޭގެ މައުލޫމާތެއް ނެތް. ނާސިރު ސިންގަޕޫރަށް ވަޑައިގެންނެވި އިރު އަރިހުގަ ދިޔައިން. ގޮސްފަ އެތާގަ ވަކި ދުވަސްކޮޅެއް ވުމަށް ފަހު އަނބުރާ އަންނަން ޖެހުނީ. އެއީ މިކޮޅުން ސަރުކާރުން، ނޫނީ މަޖިލީހުން އަންގައިގެން. އެހެންވީމަ އެހިސާބުން ފެށިގެން އައިތަނުން ދެން އައީ އެއްކަލަ ނާސިރާ ގުޅުވައިގެން ބަޣާވާތެއްގެ ކަންތަކާ އެތައް މައްސަލަތަކެއް ފެންމަތިވެގެން. ދެން އަނބުރާ ދެވުނީ ވަރަށް ދުވަސްކޮށްފަ. އެހެންވީމަ ދިޔަފަހަކުން އެކަހަލަ ކަމެއް ކުރެއްވި ކަމެއް ނުވަތަ ކުރައްވާ ކަމެއް އެނގިފައެއް ނެތް.

  1. 1988 ވަނަ އަހަރު ރާއްޖެ އަށް ބަޔަކު ދިން އުދުވާނީ ހަމަލާ އެއީ ފަހުގެ ތާރީޚެއްގަ ގައުމުގެ މިނިވަންކަން ގެންލިގެން ހިނގައިދާ ފަދަ ގޮތަކަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަލަ. އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް އެއްވެސް އިރަކު ދެއްކެވިތޯ؟

ޖ. ހަނދާނެއް ނެތް އެކަހަލަ ވާހަކައެއް ދެކެވުނު ހަނދާނެއް. ދެން ކޮންމެ ގޮތެއް ވިޔަސް ނާސިރުގެ ވާހަކަފުޅުތަކުން އެނގޭ ދިވެހި ގައުމުގެ ކަންކަން ރަނގަޅަށް ރައްޔިތުންނަށް އެންމެ ފައިދާ ހުންނަ ގޮތަށް ކުރިޔަށް ދިއުމަށް އަބަދުވެސް އެދިވަޑައިގަންނަވާކަން. މިނިވަން ގައުމެއްގެ ގޮތުގަ އަބަދުވެސް އޮންނާން އެދިވަޑައިގަންނަވާ ކަން ބައެއް ފަހަރަށް އެ ދައްކަވާ ވާހަކަފުޅުތަކުން އިހުސާސް ކުރެވޭ.

  1. ރާއްޖޭގެ ކަންކަމާ މެދު ކަންބޮޑުވެވަޑައިގެން ވާހަކަފުޅުދައްކަވާތޯ؟

ޖ. ރާއްޖެއާ ގުޅޭ ގޮތުން ސީދާ އެހެން ވާހަކަފުޅުދައްކަވައެއް ނުހައްދަވާ. އެކަމަކު ރާއްޖޭގެ ކަންކަމާ މެދު ކޮންސާންވެވަޑައިގަންނަވާކަން ދޭހަވާ ގޮތަށް ވާހަކަފުޅުދައްކަވާފަ އެބަ ހުރި.

  1. ރާއްޖެއިން ވަޑައިގަތް އިރު ދާއިމީ ގޮތުން އެއްވެސް ބޭހެއް ފަރީކުޅުއްވިތޯ؟

ޖ. ނާސިރަކީ ދެން ވަރަށް ކުރީއްސުރެ ވެސް އެއްކިޑްނީ ނަންގަވާފަ ހުރި ބޭފުޅެއް، އޭގެ އިތުރުން ހަކުރުގެ ކަންތައް ހުރި. އެހެން ނަމަވެސް ސިއްހީ ގޮތުން ހަމަ ވަރަށް ދުޅަހެޔޮކޮށް ހުންނެވީ. އަނެއްކާ ނާސިރަކީ އަމިއްލަފުޅަށް ސިއްހަތަށް ވަރަށް ބައްލަވާ ބޭފުޅެއް. ސިއްހަތު ރަނގަޅަށް ބެހެއްޓެވުމަށް ބޭނުންވާނެ ކަންކަން ވެސް ވަރަށް ރަނގަޅަށް އަމިއްލަފުޅަށް ވެސް ދެނެވަޑައިގަންނަވާ. ޑޮކްޓަރެއް ނޫނަސް ހަމަ ޑޮކްޓަރެކޭ އެއް ފެންވަރަށް ނާސިރުގެ އަމިއްލަ ހަށިގަނޑުގެ ސިއްހީ ކަންކަން ބައްލަވައި ދިރާސާކުރައްވާފަ ހުންނަނީ އަމިއްލަފުޅަށް.

  1. ދާއިމީކޮށް ފަރުވާ ހޯއްދަވާން ޖެހޭ ބައްޔެއްގައި އުޅުއްވިތޯ؟

ޖ. ކުރީން ވެސް މި ދެންނެވި ދެ މައްސަލަ މައިގަނޑު ގޮތެއްގަ އުޅުނީ. ދެން ލޯފުޅުގެ އާލާސްކަންފުޅެއް ވެސް ފަހުން އައިސް އުޅުނު.

  1. ރާއްޖޭގެ އެއްވެސް ކާއެއްޗެއް ނަމަވެސް އެކޮޅަށް ވަޑައިގަތް ފަހުން ގެންދަވައި ނުވަތަ ހޯއްދަވައި އުޅުއްވިތޯ؟

ޖ. ރާއްޖޭގެ އެއްޗެހި ވަރަށް މީރުފުޅުވެގެން އުޅުއްވާނެ. ގަރުދިޔަ ވެސް ފަރީއްކުޅުއްވާނެ. އަނެއްކާ ގުޅަޔާ ކާޖާ މަސްފަތަފޮޅި ކަހަލަ އެއްޗެހި ރޭގަނޑު މިކޮޅުން ފްލައިޓުން ދާ އިރު ގެއިން ހަދައިގެން ވެސް ގެންދަން. އަދި އެކޮޅަށް ގޮސްފަ ވެސް ގަރުދިޔަ އަދި މަސްފަތަފޮޅި ކަހަލަ ހެދިކާ ހައްވާމަނިކެ (އަބްދުﷲ ސައީދުގެ އަނބިކަނބަލުން) ހަދާނެ. އެތަކެތި ވަރަށް މީރުކޮށް ފަރީއްކުޅުއްވާނެ.

ރައީސް ނާސިރުގެ ވެރިކަމުގައި ހުުޅުލޭ އެއާޕޯޓު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ ---

  1. ގޭތެރެ ކިހިނެއްތޯ ޑެކަރޭޓް ކުރައްވާފަ ހުންނަނީ؟

ޖ. ވަރަށް މޮޑާން ފިނިޝް އެއް ހުންނަނީ. އެކަމަކު ނާސިރު ގަބޫލުފުޅު ކުރައްވާ ވަކި ގޮތްތަކަކަށް އެހުންނާނީ. ސްޓޯރޭޖާ އެއްޗެހި ބަހައްޓާނެ ތަންތަން ވަރަށް ގިނައިން ހުންނަން ބޭނުންފުޅުވާނެ. ވަރަށް ގިނަ އެއްޗެހި ގެންގުޅުއްވާނެ ލިޔުންތަކާ ފޮތްތަކާ އެކަހަލަ އެއްޗެހި. އެހެންވީމަ އެކަހަލަ ގޮތަކަށް މުޅިތަން ފެންނާނީ.

  1. ނާސިރަކީ ފޮތްތެރި ބޭފުޅެއްތޯ؟

ޖ. ވަރަށް މައުލޫމާތު މުއްސަނދި. ބައެއް ފަހަރު ހިތަށް އަރާ އަހަރެމެން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް ދުނިޔަމަތީގެ އެކި ވިޔަފާރި ތަކުގަ އުޅޭ މީހުންނަށް ވުރެ ވެސް ބޮޑަށް ނާސިރަށް އެކި އެކި ރަށް ރަށުގެ އެކިއެކި ތަންތަނުގެ ގަވައިދު ތަކާ އުސޫލުތަކާ ކަންތައްތައް ހުންނަ ގޮތް އެނގިވަޑއިގަންނަވައޭ. ހައިރާންވާ ވަރަށް އެކަންކަން ނާސިރަށް އެނގިވަޑައިގަންނަވާ.

  1. ކުރީން ފާހަގަކުރެއްވި ކެނެޑާ އަށް ވަރަށް ގިނައިން ވަޑައިގަންނަވާ ވާހަކަ. އެއީ ކީއްވެތޯ؟

ޖ. އެއީ ކެނެޑާގަ ނާސިރުގެ އަންހެން ބޭފުޅާ، އައިސްތު ނާސިރު ކިޔަވާވިދާޅުވާން ހުންނެވީ. އެހެންވެ އެތަނަށް ވަރަށް ގިނައިން ވަޑައިގަންނަވާނެ. އިސްމާޢީލް ނާސިރު ހުންނެވީ ޔޫކޭގަ އާއި ޔޫއެސްގަ.

  1. އެއްވެސް ވަރަކަށް ބަދިގެތެރެއަށް ވަދެވަޑައިގެން އެހެން އުޅުއްވާތޯ؟

ޖ. އެހެން ފެނިފައެއް ނެތް، އެކަމަކު އަހަރެމެން އެހެން ގޮސް އުޅޭ އިރު، ހަމަ ބަދިގެއަށް ވެސް ވަޑައިގެންފާނެ. މިޒާޖުފުޅު ހުންނަ ގޮތުން އެ ގެންގުޅޭ މެއިޑުން ނުވަތަ ޑްރައިވަރުންނާ ވެސް ވަރަށް ގާތްކޮށް އޯގާތެރިކޮށް ކަންތައްކުރައްވަނީ. އެމީހުންނަށް ހަމަ ރަނގަޅު އެއްޗެހި ހަދިޔާއަށް ދެއްވުން ފަދަ ކަންކަން ވެސް ކުރައްވާ. ވަކި ނޯކަރެކޭ ކިޔާފަ ވަކި ފެންވަރެއްގަ އެހެން ގެންގުޅުއްވާ އުސޫލެއް ނުގެންގުޅުއްވާ.

  1. ފަރީއްކުޅުއްވުމުގެ ކަންކަން ކިހިނެއްތޯ ގެންގުޅުއްވަނީ ކޮން ކަހަލަ އެއްޗިއްސެއްތޯ ފަރީއްކުޅުއްވަނީ؟

ޖ. ވަރަށް މަދުން ލުއިކޮށް ފަރީއްކުޅުއްވުމުގެ ކަންކަން ގެންގުޅުއްވީ. ބޭރަށް ވަޑައިގަންނަވާ އިރު އަހަރެންނާ އެކު އެ ވަޑައިގަންނަވާ ހޮޓަލުން ހަމަ ތަފާތު ކާނާ ވެސް ފަރީއްކުޅުއްވަފާނެ. ދެން ގޭގަ ގަރުދިޔަ އާއި ބަތް ކަހަލަ އެއްޗެހި ވެސް ފަރީއްކުޅުއްވާ. ދެން ދިވެހި އެކި ކަހަލަ ހެދިކާ ވަރަށް މީރުފުޅުވާނެ.

  1. ފަރީއްކުޅުއްވުމުގެ ވަގުތުތައް ކިހިނެއްތޯ ގެންގުޅުއްވަނީ؟

ޖ. ގަޑިން ގަޑިއަށް ފަރީއްކުޅުއްވާނެ. ހެނދުނު ވެސް މެންދުރު ވެސް ރޭގަނޑު ވެސް ބަރާބަރު ގަޑިޔަށް އެކަން ކުރައްވާނެ.

  1. ގޭތެރޭގަ ގިނައިން ކޮޓަރިކޮޅުގަތޯ ނޫނީ ސިޓިން ރޫމުގަތޯ ވަގުތު ހޭދަކުރައްވަނީ؟

ޖ. ގިނައިން އިންނަވަނީ ސިންޓިންރޫމުގަ. ދެން ވަރަށް ގިނައިން އެކި ތަންތަނަށް ވިސިޓް ކުރައްވައި ވެސް ހައްދަވާނެ. އަދި އެއްޗެއް ގަންނަން ޖެހުނަސް ހަމަ ވަރަށް ގިނަ ފަހަރަށް ފިހާރަޔަށް ވެސް ނާސިރު އަމިއްލަފުޅަށް ވަޑައިގަންނަވާނީ..

  1. ސިންގަޕޫރުގަ އުޅުއްވި އިރު އިޖުތިމާއީ އެއްވެސް ކަމެއްގަ ބައިވެރިވެވަޑައިގެން އުޅުއްވިކަން އެނގިވަޑައިގެންފަވޭތޯ؟

ޖ. އެހެން އެނގިފައެއް ނެތް.

  1. ކަސްރަތު ކުރައްވާތޯ؟

ޖ. ކަސްރަތު ކުރައްވާ. ގޭގަ ވެސް ހުންނާނެ ކަސްރަތު ކުރައްވަން ބޭނުންވާ ސާމާނު.

  1. މެޑިކަލް ޗެކަޕްތައް ގަވާއިދުން ހައްދަވާތޯ؟ ކިހާ ފްރިކުއެންޓްކޮށް ތޯ؟

ޖ. ޑޮކްޓަރު ލަފާ ދެއްވާފަ އެ އޮންނަ ގޮތަކަށް އެ ހައްދަވާ ޗެކަޕްތައް ހައްދަވާކަން އެނގޭ.

  1. ބޭސްފަރުވާ އަށް ޑޮކްޓަރަށް ވަޑައިގަންނަވާ އިރު އަރިހުގަ ވަޑައިގަންނަވަންތޯ؟

ޖ. ފަހުން އައިސް، ދެން ހަމަ ބޭނުންފުޅުވާނީ ވެސް އާލާސްކަންފުޅާ ޑޮކްޓަރަށް ވަޑައިގަންނަވަން ޖެހިއްޖެއްޔާ ވިދާޅުވާނީ ޢަބްދުﷲ ސައީދު ނޫނީ ހައްވާ މަނިކެ އައީމައޭ ދާނީ. އެގޮތަށް އެކީގަ ހަމަ ނާސިރު އަރިހުގަ ފަހު ދުވަސްކޮޅު މުޅީންހެން ގޮސްފަ ހުންނާނީ. އަސްލުގަ ހަމަ ވަޑައިގަންނަވާނީ ވެސް އަހަރަމެން ދެމީހުންނާ އެއްކޮށް. އެއީ އިތުބާރުކުރައްވަނީ ވެސް ހަމަ އަހަރެމެން ދެމީހުންނަށް. ވަކީން ޚާއްސަކޮށް މެޑިކަލް ކަންތައްތަކުގަ. އެއީ ލަންޑަނަށް އާލާސްކަންފުޅާ ވަޑައިގެންނެވި ފަހަރުވެސް ހަމަ އެތަނަށް ވެސް ދިޔައިން. އެތަނުގަ ހޮސްޕިޓަލުގަ އޮންނެވި އިރު އެތަނުގަ ހުރިން ހަމަ ނިމެންދެން.

  1. އާއިލާގެ އެހެން ބޭފުޅުންނަށް ނޭނގޭ ސިއްހީ އެއްވެސް މައްސަލަތަކެއް ހުރިތޯ؟

ޖ. ނޫން. ނުހުންނާނެ. ދެން އެންމެ ފަހު ދުވަސްކޮޅުގަ ނާސިރު ހޮސްޕިޓަލުގަ އޮންނަވަން ޖެހުނު ހިސާބުން ފެށިގެން އެކަންތައްތައް ބެލެހެއްޓެވީ އިސްމާއީލް ނާސިރު. އެއީ އަރިހުގަ އެވަގުތު ހުންނެވި ހުންނެވި އެންމެ ދޮށީ ބޭފުޅާ ކަމަށް ވާތީއާވެސް އެކު. އޭނަގެ ބެއްލެވުމުގެ ދަށުން އެހެން މީހަކަށް އެއްޗެއް ނުވެސް ބުނެވޭނެތާ. އޭނާގެ ބެއްލެވުމުގެ ދަށުން ފަހުން ޓްރީޓްމެންޓާ އެއްޗެހި ގެންދެވީ. ދެން ނާސިރުގެ އަނެއްހެން ބާރު އަދި އަމިއްލަ އިޚުތިޔާރު އޭރު ކުޑަވާނެތާ!

  1. ނާސިރު އެ ބޭއްވެވި ގާތްކަން އޭރު ނާސިރުގެ ބޭފުޅުން އަބްދުﷲ ސައީދާ މެދު ބަހައްޓަވާތޯ؟ ނުވަތަ އެ އިތުބާރު އެގޮތަށް ކުރެއްވިތޯ؟

ޖ. އާދެ، އިސްމާއީލް ނާސިރު އާއި ޢާއިޝަތު ނާސިރު ހަމަ އެންމެ ފަހު ދުވަހާ ހަމަޔަށް ވެސް އެގޮތަށް ބައްލަވާ.

  1. ގޭގައި ތުރުކުރައްވަނީ ކޮންކަހަލަ ހެދުންކޮޅެއްތޯ އަދި ބޭރަށް ވަޑައިގަންނަވަނީ ކޮންކަހަލަ ހެދުންކޮޅެއްގައިތޯ؟

ޖ. ނާސިރު އާންމު ގޮތެއްގައި ހަމަ ތުރުކުރައްވަނީ ބޭރަށް ޖަހާ ވައްތަރުގެ ބުޝް ޝޯޓް ގަމީހާއި ފަޓުލޫނު. ބޭރަށް ވަޑައިގަންނަވާ އިރު ވެސް ހަމަ އެ ގޮތަށް ހެދުން އަޅުއްވަނީ. ޓައީ އަޅުއްވައިގެން އުޅުއްވަނިކޮށް ނުދެކެން ދުވަހަކު ވެސް..

  1. ވާހަކަ ދެއްކެވުން ހުންނަނީ ކިހިނެއްތޯ؟

ޖ. ވަރަށް ސަމާސާކޮށް ވާހަކަދައްކަވާ ހައްދަވާ... އޭގަ އޮންނާނީ އަހަރެމެންނަށް ކިހާ ވަރަކަށްތޯ މިކޮޅުން އެ ސަމާސާ ބަލައިގަނެވޭނީ، ވާހަކަ އަކީ އެ ސަމާސާ ކުރިޔަށް ގެންދެވޭނީ. ނާސިރު ހަމަ ވަރަށް ސަމާސާ ވާހަކަދައްކަވައި އުޅުއްވާނެ. ޝެއާ ކުރައްވާނެ ލިބިވަޑައިގެންފަ ހުރި އެކި މައުލޫމާތު ތަކާ ވަޑައިގެންނެވި ތަންތަނުން ލިބިވަޑައިގެންފަ ހުރި އެއްޗިއްސާ ތަޖުރިބާގެ ވާހަކަ ވެސް....

  1. އެކޮޅުގަ އުޅުއްވި އިރު އެއްވެސް ކުޅިވަރެއް ކުޅުއްވައި އުޅުއްވިތޯ؟

ޖ. އެކޮޅުގަ ދެން އެހެން ކުޅިވަރު ކުޅުއްވައި އުޅުއްވި ކަމެއް ނޭނގެ، އެކަމަކު ނާސިރަކީ އަބަދުވެސް ކުޅިވަރު ކުޅުއްވާ ބޭފުޅެއްތާ! ނާސިރަކީ ކުރައްވާ ކަމެއްގަ ހަމަ ވަރަށް ކުރީގަ ހުންނަވާ ބޭފުޅެއް. އެއް ދުވަހަކު ވިދާޅުވި އެންމެ ކުޑަ އިރު ވެސް ވެލާނާގެއަށް ވަޑައިގަންނަވާނޭ ހުރިހާ ބޮޑެތި ބޭފުޅުން. އެއީ ނާސިރުގެ ކާފާފުޅުގެ އަރިހަށް. އޭރުގެ ސިޔާސީ ބޭފުޅުން އެގެޔަށް ވަޑައިގެން ތިއްބަވާނެ. އެއިރު އެބޭފުޅުން ކުޅިވަރު ކުޅުއްވާ އިރު ވަރަށް ގިނައިން ސިޔާސީ ވާހަކަދައްކަވާނެ. އަދި އެވާހަކަތައް ނާސިރަށް އަޑު އިވިވަޑައިގަންނަވާ ވާހަކަ ވެސް ވިދާޅުވޭ. އެހެން އުޅުއްވާ އިރު ތާސްކުޅުން އެ ބޭފުޅުންގެ މެދުގަ އޮންނާނެ. އެކަމަކު އެ ހުރިހާ ބޭފުޅުން ވެސް އޭރު ވެސް ބޭނުންފުޅުވާނެޔޯ އެ ޓީމަށް ނާސިރު ގެންދަން. އެއީ ނާސިރު މަކަރެއް ނަހައްދަވާނެ. އަނެއްކާ މޮޅުވާނެ.

  1. ފަހުން ސިންގަޕޫރުގަ އެ އުޅުއްވި އިރު ތާސްކުޅުއްވައެއް ނުހައްދަވާތޯ؟

ޖ. ފަހުން އެހެން ތާސްކުޅުއްވިތަން ފެނިފައެއް ނެތް. އެކަމަކު ނާސިރު އަބަދުވެސް ރެޑީގަ ހުންނަވާނީ އެކަހަލަ ސަޖެސްޝަނެއް ކޮށްފިއްޔާ އެކަމާ ބައިވެރިވެވައިގަންނަވަން.

  1. އަވަހާރަވީ ކޮން އާލާސްކަންފުޅެއްގައިތޯ؟

ޖ. އެދެން ހަމަ ވަރަށް ބޮޑު ކޮމްޕްލިކޭޝަން އަކަށްތާ ފަހުން ދިޔައީ... ޝުގަޔާ ކިޑްނީގެ ކަންތަކާ ގުޅިގެންގޮސް އާލާސްކަންފުޅު ބޮޑުވެގެންގޮސް އަވަހާރަވެދިޔައީ.

  1. ފަހުން ނާސިރުގެ ފުއްޕާމޭގެ ނުވަތަ ހިތުގެ މައްސަލައެއް ފާހަގަ ހުރިތޯ؟

ޖ. ހިއެއް ނުވޭ ނާސިރުގެ ހިތުގެ އެއްވެސް ކަހަލަ މައްސަލައެއް ހުރިހެންނެއް... ވާނެ ގޮތަކީ ކިޑްނީވިޔަސް އަދި ޑައިބެޓިކްވިޔަސް މައްސަލަތައް ބޮޑުވެގެން ދިޔައީމަދެން ވަކިހިސާބަކުން ހުރިހާ އޯގަނެއްގެ މައްސަލަތައް އަންނާނެތާ! އެގޮތުން އެކަހަލަ ކަމެއް ދިމާވުން އެއީވެސް އެކަށީގެންވާ ކަމެއް.

  1. އަވަހާރަވީ އިރު އަރިހުގައި ތިއްބެވީ ކޮންބޭފުޅުންނެއްތޯ؟

ޖ. އަރިހުގައި އަހަރެންވެސް ހައްވާމަނިކެވެސް ހުރިން. ދެން އިސްމާއިލް ނާސިރު. އަދި ކުރީގަ ވެސް ބުނި ގާތް ބޭފުޅުން ނާސިރުގެ ހާލުކޮޅު ބޮޑުވުމުން ސިންގަޕޫރަށް ވަޑައިގެން އަވަހާރަ ވުމާ ހަމަޔަށް ހޮސްޕިޓަލުގަ ތިއްބެވި..

  1. އަވަހާރަވުމަށް ފަހު ރާއްޖޭގައި ފަސްދާނު ލެވުމަކީ ރައީސް ނާޞިރު އެއްވެސް ވަރަކަށް އެދިވަޑައިގަތް ކަމެއްތޯ؟

ޖ. އެހެން ވިދާޅުވެފައެއް ނެތް. އެކަމު އަހަރެންގެ ހިތުގަ އަބަދުވެސް އޮވޭ ނާސިރު އަވަހާރަ ވެއްޖެއްޔާ ރާއްޖޭގަ ފަސްދާނުލެވޭނެގޮތެއް ވޭތޯ ބަލާނަމޭ. ދެން ނާސިރުގެ ހަށިކޮޅު މާލެ ގެންނަވައި ހުރިހާ ކަމެއް ސިންގަޕޫރު ސަރުކާރާއި އަދި ސްރީލަންކާގެ ސަރުކާރާ ގުޅުއްވައިގެން އެހާ ފުރިހަމަ އަށް ހުރިހާ އިންތިޒާމް ތަކެއް ކޮށްދެއްވައި، އަދި ފުރިހަމަ ޢިއްޒަތުގައި މާލޭގައި ވަޅުފުޅު ލުމުގެ ކަންތައްތައް ހަމަޖެއްސެވީ ރައީސް ނަޝީދު، އެއިރުގެ ދިވެހި ސަރުކާރުން. އެކަމަށް ޓަކައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ވެސް ދީލަތި ޝުކުރެއް ދަންނަވަން.

  1. އެކަން ކުރިން އެއްވެސް ވަރަކަށް ނާސިރާ ހިއްސާކުރެވިފަ އޮންނާނެތޯ؟

ޖ. ނޫން ނޫން. އެކަހަލަ ވާހަކައެއް ދެއްކުމަކީވެސް އަހަރެން ދެކޭގޮތުގައި އަނެއްހެން އެހާ ރަނގަޅު ކަމަކަށް ނުވާނެ. އެއީ ނާސިރަކީ އަބަދުވެސް ދިރިއުޅުއްވުމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް.

  1. އަވަހާރަވުމުގެ ކުރީން ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވިތޯ؟

ޖ. ދެން އެހެން ސަމާސާ ގޮތަކަށް ވިދާޅުވެފަ އެބަހުރި ރާއްޖެ ވަޑައިގަންނަވާ ވާހަކަ. ވިދާޅުވާނެ ކޮންމެވެސް ދުވަހަކު ޖައްސާލަންވާނެދޯއޭ، ކޮންތާކުހޭ ހުންނާނީ، އަބްދުﷲ ސައީދުމެންގޭ ހުރެވިދާނެހެއްޔޭ.. އެކަހަލަ ގޮތަކަށް ވިދާޅުވެފަ އެބަހުރި. ދެން ނާސިރަށް އެނގިވަޑައިގަންނަވާ ހުންނަވާނެ އެހެން ތަނެއް ނެތްކަން. އެހެންވެ ކަންނޭނގެ އަބްދުﷲ ސައީދު ގޭގަ ހުރެވިދާނެހެއްޔޭ އެ ވިދާޅުވަނީ... އެކަމަކު އެ ޑިސްކަޝަން އެއަށްވުރެ ކުރިޔަކަށް ނުދޭ، ސީރިއަސްކޮށް ނުދެކެވޭ.

  1. ފަހު ވަގުތު އެއްވެސް ޚާއްސަ ވާހަކަތަކެއް ނޫނީ ވަސިއްޔަތެއް އެއްޗެއް ހިއްސާކުރެއްވިތޯ؟

ޖ. ވަސިއްޔަތެއް ކަހަލަ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަވާ. ނާސިރު އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އަވަހާރަވަނީ ކަމަށް ނުވަތަ މި ދަނީ ކަމަށް އެހެން އިހުސާސް ވެގެން އެއްޗެއް ވިދާޅުވެފައެއް ނެތް. ނާސިރު އެހާލުކޮޅުގަ ވެސް އެހާދުވަހު އެ ދެމިއޮންނެވީ ނާސިރުގެ ހިތްވަރުފުޅު ގަދަކަމުންނޭ ބުނެވޭނީ. އެއްވެސް ވަގުތަކު ދިރިއުޅުމުގެ އުއްމީދެއް ކަނޑައެއް ނުލައްވާ.

  1. ފަހުން ފަހުން ވަރަށް ގިނައިން ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވާ އެހެންނޫންތޯ.. އެހެން އެ ވަޑައިގަންނަވާ އިރު ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާތޯ؟

ޖ. ނޫން ނުދައްކަވާ... އެކަމަކު ނާސިރު މެޑިކަލް ކަންކަމަށް އެންމެ އިތުބާރު ކުރައްވަނީ ޔޫކޭ... އެހެންވީމަ މެޑިކަލް ކަންތައްތައް ދިމާވީމަ އަބަދުވެސް ޔޫކޭއަށް ވަޑައިގަންނަވަން ބޭނުންފުޅުވޭ. އެންމެ ފަހުގެ އާލާސްކަންފުޅުގަ ވެސް އެންމެބޮޑަށް ބޭނުންފުޅުވީ ޔޫކޭއަށް ވަޑައިގަންނަވަން. އެކަމަކު އިސްމާއީލް ނާސިރު ބޭނުންފުޅެއް ނުވި ގެންދާކަށް. އެއީ އިސްމާއީލް ނާސިރު ދެކިވަޑައިގަންނަވާ ގޮތުގަ ސިންގަޕޫރުގަ ފަރުވާ މާރަނގަޅު ވެފަ މާ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށް އިސްމާއީލް ނާސިރަށް ފެނިވަޑައިގަންނަވާތީ އެގޮތަށް ނިންމެވީ. އެކަމަކު ނާސިރު އޭރުވެސް ބޭނުންފުޅުވަނީ ޔޫކޭ އަށް ވަޑައިގަންނަވަން.

  1. ޔޫކޭ އަށް ގެންދަން ނާސިރުގެ ސިއްހީ ހާލުކޮޅު އޭރު ތަންދޭތޯ؟

ޖ. އެހެން ގެންދަން ބޭނުން ނަމަ ސިއްހީ ހާލުކޮޅު ތަންދޭ. އެކަމަކު އެހާ ފަސޭހައެއް ނޫން. ޔޫކޭ އަށް ވަޑައިގަންނަވަން ނިންމެވިވެސް މެ. އަހަރެން ވެސް ހައްވާ މަނިކެ ވެސް ޔޫކޭއަށް ދާން ވެސް ނިންމިން. ދެން އެހެން ނަމަވެސް އިސްމާއީލް ނާސިރު ދެން އެ ޑިސިޝަން ނެންގެވީ އެ ގޮތަށް ސިންގަޕޫރުގަ ފަރުވާ ކުރިޔަށް ގެންދަން.

  1. ނާސިރުގެ ވެރިކަން ނިމިގެން ރާއްޖޭގަ ނާސިރާ ގުޅުވައިގެން ހިންގި ހަރަކާތް، ބާޣީއެއް ކަމަށް ބުނެ، މިކަންކަމާ އެއްވެސް އިރަކު އެއްވެސް ކޮމެންޓެއް ކުރެއްވިތޯ؟

ޖ. އެއްވެސް ގޮތަކަށް ނާސިރު ހިތްޕުޅު ހަމަނުޖެހިގެން ރުޅިވެރިކަމުގެ ގޮތުން އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެއެއް ނުހައްދަވާ.

  1. ނާސިރުގެ ގާތް ވަރަށް ގިން ބޭފުޅުން އޭރު ތިއްބެވި. ރަހުމަތްތެރިކަމުގެ ގޮތުން ބެއްޔަސް ނުވަތަ އާއިލީ ގޮތުން ބެލިޔަސް. ކީއްވެތޯ އަބްދުﷲ ސައީދަށް އެހާ ބޮޑު އިތުބާރެއް ކުރެއްވީ؟

ޖ. އެ ކަމާ މެދު އަމިއްލައަށް ވިސްނައިލާ އިރު ވިސްނުނު އެއްޗަކީ، އިތުބާރާ ޓްރަސްޓް. އިތުބާރު ގެއްލޭނެ ގޮތަކަށް ކަމެއް ނުކުރާނެ ކަމާ ތެދުވެރިކަމާ އިޚުލާސްތެރިކަމާ އެކު ނާސިރު ހަވާލުކުރެއްވި ކަމެއް ކުރާނެކަން ގަބޫލުފުޅުކުރެއްވުން. އެއީ އެނޫން އެއްވެސް ސަބަބެއް ހަމަ ހިތަކަށް ނުވަތް، އެކަންކަން އަހަންނާ ހަވާލުކުރެއްވުމުގެ. މިނިވަން ކަމަށް 25 އަހަރު ފުރުނު އިރު ނާސިރަށް އޭރުގެ ސަރުކާރުން ދެއްވި މިނިވަންކަމުގެ އައްޑަނަ އާއި އެކު ލިޔުމެއް ވެސް ލިބިވަޑައިގެންނެވި. އެ ލިބިވަޑައިގަތީމަ ފޯނު ކުރައްވާފަ ވިދާޅުވި އެއާ ހަވާލުވާން. އެހެންވީމަ އެއެއްޗާ ހަވާލުވެގެން އެއެތި ހިފައިގެން ވެސް ދިޔައިން. އެ ލިޔުމުގަ އޮތް މާފުދެއްވި ވާހަކައެއް ވެސް. އެކަމަކު ނާސިރު ދެކިވަޑައެއް ނުގަންނަވާ އެއީ ހަގީގީ މަޢާފެއް ކަމަކަށް. އެ ލިޔުން ބައްލަވައިލައްވާފަ ނާސިރު ދެކިވަޑައިގެންނެވި ގޮތުގަ އޭގަ އެބަ އޮތް ފޮރުވިފަ އޮތް އެއްޗެއް. އެއީ އަހަރެމެންނަށް ވެސް އަޅައި ނުގަންނަ އެއްޗެއް. އަދި މަޢާފު ދެއްވަން ޖެހޭ ފަދަ ކަމެއް ކުރެއްވި ކަމަކަށް ވެސް ނާސިރު ގަބޫލުފުޅެއް ނުކުރައްވާ.

  1. ނާސިރު ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން މާލޭގަ ހުރި ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ބެލެހެއްޓެވުމުގެ ހުރިހާ ކަމެއް ކުރެއްވީ އަބްދުﷲ ސައީދު. މީހުން ކިޔާ އެތާ ހުރޭ ބިންގަރާހެއް ވެސް، ހެލިކޮޕްޓަރު ވެސް ޖެއްސޭ ގޮތަށޭ ހުންނަނީ. ކިހިނެއްތޯ އެ ގެ ބިނާ ކުރެވިފަ ހުރީ؟

ޖ. ވެލާނާގެ އާ ހަވާލުވީ ސަރުކާރުން އެންގުމުން ނާސިރު ވިދާޅުވެގެން. އެ ހަވާލުވި އިރު ހުރީ ވަރަށް ގިނަ ކަންކަން ބަދަލުވެފަ. ނާސިރު ދިރިއުޅުއްވާފަ އޭރު ވަޑައިގެންނެވި ގޮތަކަށް ނޫން ހުރީކީ. އެހެންވީމަ ނާސިރު އުޅުއްވި އިރު އެގޭގެ އެތެރެ ހުރި ގޮތް އޭރު ފެންނާކަށް ނެތް. ވެލާނޭގޭގަ އެއްވެސް އިރަކު ތި ވިދާޅުވި ކަހަލަ ބިންގަރާހެއް ނޫނީ ހެލިކޮޕްޓަރު ޖައްސާ ކަހަލަ ތަނެއް ނުހުރޭ. އަދި އެކަހަލަ ސިއްރުވެރި އެއްވެސް ކަމެއް ނުހުރޭ. އެކަމަކު ސެކިއުރިޓީ ކަންކަން ވަރަށް ރަނގަޅަށް ހުރޭ.

  1. ނާސިރު ދިރިއުޅުއްވި ކޮޓަރިކޮޅު ހުރީ ކިހިނެއްތޯ؟

ޖ. ވަރަށް ސިމްޕަލްކޮށް ހުންނަނީ. ނާސިރުގެ އެނދުކޮޅު ހުރި. އެހާ އަގުބޮޑު ޑެކަރޭޓިވް އެއްޗިއްސެއް ނެތް.

  1. ވެލާނާގެއާ މެދު އެއްވެސް ތަސައްވުރެއް ނުވަތަ ވަކި ގޮތަކަށް ބޭނުންކުރެއްވުމުގެ ވިސްނުންފުޅެއް ހުރިތޯ؟

ޖ. އެހެން ވަކި ވިސްނުންފުޅެއް ހުރިހެން ހީއެއް ނުވޭ. ނާސިރު އަނެއްހެން އަހަރެމެން ބޭނުންވި ގޮތަކަށް އެތަން ބޭނުންކުރަން ހުއްދަދެއްވާ ކަހަލަ ގޮތަކަށް ކަންނޭނގެ ހުންނެވީ. އެކަމަކު އަހަރެންނަކީ އެއްވެސް އިރަކު ވިސްނުމެއް ހުރި މީހެއް ނޫން އެކަހަލަ އެޑްވާންޓޭޖެއް ނަގާކަށް.

ނާސިރުގެ ސިންގަޕޫރުގެ ހަޔާތްޕުޅާ ގުޅޭ ގޮތުން ސަޢީދު "ސަން" އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ ފަޔާޒް މޫސާ

  1. ވެލާނާގެ ނާސިރުގެ އެއްވެސް ބޭފުޅަކަށް ދެއްވާފަތޯ ހުރީ؟

ޖ. އެހެން، ދެއްވާފަ ހުރީ، އައިސްތު ނާސިރު އަށާ އިސްމާއީލް ނާސިރަށް.

  1. ނާސިރުގެ އެހެން ބޭފުޅުން ވެސް ތިއްބެވި ނޫންތޯ. ކީއްވެގެން ކަމަށްތޯ ގަބޫލުފުޅުކުރެއްވެނީ އެދެބޭފުޅުންނަށް އެކަނި ވެލާނާގެދެއްވީ؟
    ޖ. ނާސިރުގެ ކޮންމެ ބޭފުޅަކަށް ވެސް އުޅުއްވާނެ ގެއެއް ދެއްވާފަ ހުރީ. އެންމެ ފަހުން ގެއެއް ނުދެއްވައި ތިއްބެވީ އިސްމާއީލް ނާސިރާއި އައިޝަތު ނާސިރަށް. ދެން ނާސިރު އެދެބޭފުޅުން ބަލައިބޮޑުކުރެއްވީ ވެސް އެންމެ ތުއްޕުޅު އިރުއްސުރެ ފެށިގެން. އައިސްތު ނާސިރު އެންމެ ކުޑަވާނީ. ވަރަށް ތުއްޕުޅު އިރުއްސުރެ ފެށިގެން އެބޭފުޅުންގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ނާސިރު. ސްކޫލަށް އެބޭފުޅުން ތައްޔާރުކުރެއްވުމާ ގެންގޮސް ގެނައުން ފަދަ ކަންކަން ވެސް ކުރެއްވީ ނާސިރު.
  2. ވެލާނާގެ ވިއްކަވައިލައްވަން އެއްވެސް އިރަކު އުޅުއްވިކަން އެނގިވަޑައިގަންނަވާތޯ؟

ޖ. ނާސިރު ބެއްލެވި އެތަން ކިހާ އަގަކަށް ހިނގައިދާނެތޯ. ނާސިރަށް އެނގިވަޑައިގަންނަވާ ނާސިރުގެ ބޭފުޅުން އެތާ ދިރިއުޅުއްވަން ވަޑައިނުގަންނަވާނެކަން. އެކަމަކު އަގު އެ ބެއްލެވީ ކޮން މަގުސަދެއްގައި ކަމެއް ނޭނގެ. ދެން އެހިސާބަށް ދިޔަތަނާ ސަރުކާރުން އެކަމަށް ހުރަސްއެޅުއްވީ. ސަރުކާރަށް ވެލާނާގެ ނަންގަވަން ނިންމެވި ކަމަށް ސިޓީއެއް ލިބުނީ.

  1. ވިޔަފާރީގެ އަގުން ބަލާ ނަމަ ދައުލަތުން ވެލާނާގެ ނެންގެވީމަ ވަރަށް ކުޑަ އަގެއް ލިބިވަޑައިގަންނަވާނީ. އެކަމާ ގުޅޭ ގޮތުން ނާސިރު އެއްޗެއް ވިދާޅުވިތޯ؟

ޖ. ނާސިރަށް އެނގިވަޑައިގަންނަވާ އެ ލިބުނީކީ ލިބެން ޖެހޭ ޢަދުލުވެރި ބަދަލެއް ނޫންކަން. އެކަމަކު އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ނޫނީ ކޯފާ ވެގެން އެކަހަލަ އެއްވެސް ޝުއޫރެއް ފާޅެއް ނުކުރައްވާ. ނާސިރުގެ ބޭފުޅުން ވެސް އެއްޗެއް ވިދާޅުވިކަމެއް އެނގިފައެއް ނެތް.

  1. އެއްޗެއް ވިދާޅު ނުވީ ކީއްވެގެން ކަމަށްތޯ ގަބޫލުފުޅު ކުރެއްވެނީ؟

ޖ. އެއީ ދެން އެކަން ވާނެގޮތް ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަންނޭނގެ.

  1. ނާސިރަކީ ދިވެހި ގައުމު ދެކެ ކިހާ ވަރަކަށް ލޯބިފުޅުވި ބޭފުޅެއް ކަމަށްތޯ ވިދާޅުވާނީ؟

ޖ. ނާސިރަކީ ހަމަ ވަރަށް ވަރުގަދަ "ދިވެހި ދިވެއްސެއް" ކަން ދޭހަކޮށްދޭ ދިވެއްސެއް އެއީ. އެހެން ބުނެވޭނީ. ދެން އަނެއްކާ ވަރަށް އިޚުލާސްތެރި ތެދުވެރި ހަމަ ގައިމުވެސް ޚިޔާނާތްތެރި ނުވާނެ ބޭފުޅެއް އެއީ. ރާއްޖެ އަށް ދިވެހިންނަށް ރަނގަޅު ގޮތް ވުން ނާސިރު އަބަދުވެސް އެދިވަޑައިގަންނަވާކަން އެނގޭ.

comment ކޮމެންޓް