އައު މޭޔަރު ވިދާޅުވަނީ:
ބޮއްސުންލައިގެން ގޮސްފައިވާ ކަންކަން ހަމަ މަގަށް އަޅުވައި، މާލެ ރީތި ސިޓީއަކަށް ހައްދަވާނެ ކަމަށް

މާލޭ ސިޓީގެ ހުރިހާ ކަމެއްވެސް އޮތީ ބޮއްސުންލައިގެން ގޮސްފައި ކަމަށާއި އެ ހުރިހާ ކަމެއްވެސް ހަމަމަގަށް އެޅުވައި މާލޭ އަކީ "ރީތި" ސިޓީއަކަށް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އަލަށް އިންތިހާބުވެ ވަޑައިގަތް މައިޒާން އަލިމަނިކު (އަލިބެ) މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ އައު މޭޔަރަކަށް އަލިބެ އިންތިހާބުކޮށްފައި ވަނީ މޭޔަރަކު ހޮވުމަށް މިއަދު މާލޭ ސިޓީ ކައުންސިލުގައި ނެގި ސިއްރު ވޯޓުގައި ކައުންސިލްގައި ތިއްބަވައި 11 މެންބަރުންގެ ތެރެއިން 10 މެންބަރުންގެ ވޯޓުންނެވެ.

މޭޔަރަކަށް އިންތިހާބުވެވަޑައިގަތުމާއި އެކު ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަލިބެ ވިދާޅުވީ މާލޭގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވަނީ ކުރަން ފެށިފައި ހުރި ބައެއް ކަންތައްތައް އެކި ސަބަބުތައް ދިމާވެގެން ހުއްޓިފައިވާތީ ކަމަށެވެ. އެ މަސައްކަތްތައް އަލުން ފައްޓަވާ މާލެ އަކީ ރީތި ސިޓީއަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުގައި ހުއްޓުންތަކެއްވެސް ހުރީ. އަޅުގަނޑުމެން އެކަންކަން ތަޖުރިބާ ކޮށް ފާހަގަކޮށް ރަނގަޅު ކުރެވޭތޯ މި ބަލަނީ،" އަލިބެ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެވެ: "ހުރިހާ ކަމެއްވެސް ބޮއްސުންލާފައި މާލޭގެ ކަންތައްތައް މި އޮތީ ވަރަށް ދަށުދަރަޖައެއްގައި. އަޅުގަނޑު ބޭނުންވަނީ މާލެއަކީ ވަރަށް ރީތި ވަރަށް އަހުލާގު ރަނގަޅު ރައްޔިތުންތަކެއް އެކުލެވިގެންވާ ސިޓީއަކަށް ހަދަން،"

ތޮއްޖެހިފައިވާ މާލޭ ސިޓީ ތަރުތީބު ކުރުމަށް އަލިބެ ގެންގުޅުއްވާ ތަސައްވުރާއި ގުޅޭގޮތުން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެށިފަހި މާލޭގެ ޕްރޮގްރާމަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސް އެ ޕްރޮގްރާމް ތަންފީޒު ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ކައުންސިލަރުންވެސް މިބަލަނީ ސަރުކާރުގެ ސިޔާސަތުތަށް ތަންފީޒު ކުރެވޭތޯ. އެގޮތުން ވެށި ފަހި ޕްރޮގްރާމް ބަލައިގެން ބައެއް އެއްޗިހި ރަނގަޅު ކޮށްގެން ވެށި ފަހި ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރަމުން ގެންދާނީ،" އަލިބެ ވިދާޅުވި އެވެ.

މޭޔަރެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް އަބަދުވެސް ސަރުކާރަށާއި ކައުންސިލަރުންނަށާއި އަދި ރައްޔިތުންނަށްވެސް ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އަލިބެ ދެއްވި އެވެ.

"ކައުންސިލަރުން ބޭނުންވާ ހުރިހާ އެއްބާރުލުމެއްވެސް އަޅުގަނޑުގެ ފަރާތުން ލިބޭނެ. އަދި ސަރުކާރުގެ ސިޔާސަތުތަށް ތަންފީޒު ކުރުމުގައިވެސް އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ،" އަލިބެ ވިދާޅުވި އެވެ.

އަލިބެ މޭޔަރަކަށް އިންތިހާބު ކުރީ ކުރިން އެމަގާމުގައި ހުންނެވި ސަރަނގު އާދަމް މަނިކު އެމަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އާދަމް މަނިކު އެމަގާމުން އިސްތިއުފާ ދެއްވި އިރު ކައުންސިލުންވަނީ ދެ ފަހަރެއްގެ މަތިން އާދަމް މަނިކުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކޮށްފަ އެވެ.

އަލިބެ ވިދާޅުވީ، އާދަމް މަނިކުގެ ފުރިހަމަ އެއްބާރުލުން އަލިބެއަށް ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާދަމް މަނިކު ދެއްވާފައިވާކަމަށެވެ.

"އެބޭފުޅާ ވިދާޅުވި ހުރިހާ އެއްބާރުލުމެއްވެސް އަޅުގަނޑަށް ދެއްވާނެ ކަމަށް. އެކަމާ ޝައްކެއްނުކުރަން. އަޅުގަނޑަށް ކުރިމަތިވާނެ ގޮންޖެހުމެއް ނެތް،" އަލިބެ ވިދާޅުވި އެވެ.

މޭޔަރު ވަނީ ކައުންސިލުން މާލެއަށް ގެންނަ އައު ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކެތްތެރިވެ ވަޑައިގަތް ކައުންސިލަށް އެއްބާރުލުން ދެއްވުމަށް ސިޓީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ހުރިހާ ބޭފުޅުންވެސް އެބަޖެހޭ ކެތްތެރިވެ ލައްވަން. ދިމާވެދާނެ ދަތިތަކެއްވެސް ހުރެދާނެ. އެކަމަކު އެކަންކަން ވާހަކަދައްކައިގެން ހައްލުކުރެވޭނެ،" އަލިބެ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު