އިންނަމާދޫ ކައުންސިލްގެ އިދާރާ ބަޔަކު ބަންދު ކުރުމުން ފުލުހުން ހުޅުވައިފި

ރ. އިންނަމާދޫ ސްކޫލާއި ޕްރިސްކޫލް ކައިރީގައި ހުންނަ އޮޑިހަރުގެތަކުގެ މައްސަލައަށް ހައްލެއް ނުހޯދައިދީގެން، ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިއްޔެ ރަށު ކައުންސިލްގެ އިދާރާގެ ދޮރުގައި ފިލާޖަހައިގެން ބަންދުކޮށްފައި ހުއްޓާ ފުލުހުން މިއަދު ގޮސް ހުޅުވައިފި އެވެ.

ސަބް އިންސްޕެކްޓަރު އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުން މިއަދު ހެނދުނު ކައުންސިލްގެ އިދާރާ އަށް ގޮސް، އެ އިދާރާ ހުޅުވީ ހެނދުނު ކައުންސިލްގެ މުވައްޒަފުން އޮފީހަށް ދިޔަ އިރު ދޮރުގައި ފިލާޖަހައި ބަންދުކޮށްފައި ހުރުމުން އޮފީހަށް ނުވަދެވިގެން ފުލުހުންނަށް އެނގުމުން ކަމަށެވެ. އަދި ކައުންސިލްގެ އިދާރާގެ ދޮރުގައި ފިލާޖަހައިގެން ބަންދުކުރަން ޖެހުނު މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންނަމާދޫން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ހަތެއް ޖަހާ އެހާކަންހާ އިރު ކައުންސިލްގެ އިދާރާގެ ދޮރުގައި ފިލާޖަހައިގެން ބަންދުކުރަން ޖެހުނީ ސްކޫލާއި ޕްރީސްކޫލް ކައިރީގައި ހުންނަ ހަރުގެތަކުގައި ފައިބަރުގެ މަސައްކަތް ކުރާތީ އެކަން ހުއްޓުވައި ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އެ މައްސަލައަށް ހައްލެއް ނުލިބިވަނިކޮށް، އެ ހަރުގެތައް އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމަން މަސައްކަތް ކުރާތީ އާއި އެތަންތަނުން ކައުންސިލަށް ލިބެން ޖެހޭ ކުލި ނުނަގާތީ ކަމަށެވެ.

އެ ރަށު މީހަކު ބުނީ އިއްޔެ ކައުންސިލްގެ އިދާރާގެ ދޮރުގައި ފިލާޖެހި މައްސަލާގައި އެކަންތައް ކުރި މީހުންނާ ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ.

"ދޮރުގައި ފިލާޖެހި މައްސަލަ ފުލުހުން ވަރަށް ބޮޑަށް ކުށްވެރިކުރޭ. ނަމަވެސް ބުނި ހަރުގެތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަންޏާ އެކަންތައް ވެސް ބަލައިދޭނަމޭ،" އެ ރަށު މީހަކު ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިންނަމާދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އިއްޔެ މެންދުރު ފަހު ކައުންސިލް އިދާރާގެ ތެރެއަށް ވަދެ ވަނީ ނުރުހުން ވެސް ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރަށު ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު