ދ. ކުޑަހުވަދޫގައި ފުލުހުންގެ ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
ކުޑަހުވަދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ރަށު ބަނދަރު ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ، އެ ރަށު ނޫރާނީގޭ އިސްމާއީލް މައުރޫފަށް ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓްގައި އިސްމާޢިލްގެ ގައިގެ ތަންތަން މެށި ޒަޚަމްވެފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނަމަވެސް އޭނާ އަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލު ކުޑަހުވަދޫ ހޮސްޕިޓަލުން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނަޝީދު ވިދާޅުވީ "މިވަގުތު ވަރަށް އަވަދިނެތި" އުޅުއްވާތީ މައުލޫމާތު ދެއްވެން ނެތް ކަމަށެވެ.
ކުޑަހުވަދޫން ވާހަކަ ދެއްކި މީހާ ބުނީ މިއަދު މެންދުރު 2:30 ހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ އެ ރަށު ބަނދަރާވީ ފަޅިން ސައިކަލަކާއި ފުލުހުންގެ ވޭނެއް ބާރު ސްޕީޑްގައި ދުއްވާފައިދަނިކޮށް ޖެހިގެން ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން އިސްމާއިލް ފުލުހުންގެ ވޭނުގައި ޖެހި ވިއްސައިގެން ގޮސް އެ ސަރަހައްދުގައި ހުރި ގެއެއްގެ ފާރުގައި ޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ހާދިސާގައި ޒަޚަމްވި އިސްމާއިލަކީ ކުޑަހުވަދޫ ކޯޓުގައި މަސައްކަތް ކުރާ މީހެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ ވެހިކަލަކާއި ސައިކަލެއް ކުޑަހުވަދޫގައި ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަން ފުލުހުން ވެސް ކަށަވަރުކޮށްދިނެ އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ސައިކަލް ދުއްވަން އިންމީހާ އަށް މާ ބޮޑު އަނިޔާތަކެއް ނުވާ ކަމަށެވެ.
ފުލުހުންގެ ވޭނަކާއި ސައިކަލެއް ޖެހި ކުޑަހުވަދޫގައި މި އެކްސިޑެންޓް ހިނގީ، ގދ. ތިނަދޫގައި ސައިކަލަކާއި ފުލުހުންގެ ވޭނެއްޖެހި ހިނގި އެކްސިޑެންޓަށް ފަހު، ސައިކަލް ދުއްވަން އިން މީހާ އަށް ސީރިއަސް އަނިޔާތަކެއްވެ، އޭނާ އަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މަރުވިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.
ތިނަދޫ އެކްސިޑެންޓްގައި މީހަކު މަރުވީ ފުލުހުންގެ އިހުމާލުން ކަމެއް އަދި ފުލުހުން އެއްބަހެއް ނުވެ އެވެ. ނަމަވެސް ފުލުހުން ވަނީ އޭނާގެ އާއިލާ އިން މައާފަށް އެދިފަ އެވެ.