ކޮމެޓީތަކުގެ މައްސަލާގައި ޑީއާރްޕީއާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއަކީ "ރަންޑި އަންހެނެއް" ނޫން: ގާސިމް

ހަމައެކަނި ކޮމެޓީތަކުގެ މައްސަލާގައި ޑީއާރްޕީއާ އެކު ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީން އެއްބަސްވާންވީ ސަބަބެއް ނެތް ކަމަށާއި އެކަން އެގޮތަށް ކުރަން ޖުމްހޫރީ ޕާޓީއަކީ "ރަންޑި އަންހެނެއް" ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީއާ ދެމެދު އެއްބާރުލުން ދިނުމަށް ކޯލިޝަން ހަދާ ކަމަށް ޑީއާރުޕީން ދައްކާ ވާހަކަ އަށް އިޝާރާތް ކުރައްވައި، ގާސިމް މިއަދު ސަން އަށް ދެއްވި އިންޓަވުއެއްގައި، ވިދާޅުވީ ޑީއާރުޕީއާ އެކު މަޖިލީހުގައި އެއްބާރުލުން ދިނުމަށް ކޯލިޝަނެއް ހެދުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޑީއާރްޕީއާ އެކު ކޯލިޝަނަކަށް ދާ ނަމަ ޖުމްހޫރީ ޕާޓީން ވިސްނަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެ ގޮތުން ކޯލިޝަން ހަދައިފި ނަމަ، ޖުމްހޫރީ ޕާޓީން "ގުޅެނީ" ޑީއާރުޕީގެ ކޮން ފެކްޝަނަކާތޯ ސުވާލު އުފެދޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ޕާޓީ )ޑީއާރްޕީ( އެ ގޮތަށް އޮއްވައި އަޅުގަނޑުމެން ކޮން ފެކްޝަނަކާތޯ ކޯލިޝަން ހަދަނީ. އެ މީހުން )ޑީއާރްޕީގެ ތަސްމީން ފެކްޝަނުން( ކޯލިޝަން ހަދާ ވާހަކަތަކެއް ފެތުރި ނަމަވެސް އަޅުގަނޑުމެން އަދި ނިންމާފައެއް ވެސް ނެތް ކޯލިޝަންއެއް ހެދުމަކަށް،" މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މާމިގިލީ ދާއިރާގެ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޯލިޝަން ހެދުމާ މެދު ހިޔާލުތަފާތު ވަނީ "ހަމައެކަނި ކޮމެޓީތަކުގެ މައްސަލަ" ހައްލު ކުރުމަށް ކޯލިޝަން ހަދާތީ ކަމަށެވެ. އަދި ކޮމެޓީތަކުގެ މައްސަލަ ހައްލު ކުރުމަށް ޑީއާރްޕީން ބޭނުންހާ ގޮތެއް ހަދަން "އަހަންނަކީ މަގުމައްޗަށް ނިކުމެ ހުރި ރަންޑި އަންހެނެއް ނޫން" ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެ މަނިކުފާނަކީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ހަމައެކަނި ބައެއްގެ ޒާތީ ކަންތައްތަކެއް ފުއްދައި ދޭން ހުރި މީހެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ޑީއާރްޕީއާ އެކު ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ތެރެއިން ގައުމަށް ފައިދާ ހުރި، އެންމެ ރަނގަޅަށް ކަންތައްތައް ކުރާ ބަޔަކާ އެކު ކޯލިޝަން ހެދުމުގެ "ހުއްދަ" ޕާޓީގެ ލީޑަރަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއާރްޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފައި ނުވާ ކަމަށް ގާސިމް މިއަދު ވިދާޅުވިއިރު، ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެފައި ވަނީ ކޯލިޝަން ހެދުމަށްޓަކައި ދެ ޕާޓީން ރަސްމީ މަރުހަލާތައް ކަޑަތު ކުރަން ޖެހޭނެ ކަމަށެވެ. އެއީ ހަމައެކަނި ދެ ޕާޓީގެ ކައުންސިލްގެ ރުހުން ހޯދުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ކޮމެޓީތަކުގެ މައްސަލާގައި ލީޑާޝިޕް ލެވެލްގައި ކުރަންޖެހިއްޖެ ކަމެއް ކަމުގައިވާ ނަމަ އެކަންވެސް ކުރާ ގޮތަށް ވާހަކަ ދެކެވިފައިވާ ކަމަށް ތަސްމީން ވިދާޅުވެފައިވެ އެވެ.

ޑީއާރްޕީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 17 މެންބަރުންގެ ތެރެއިން އިއްތިފާގުން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީއާ އެކު ޑިއާރްޕީން ކޯލިޝަން ހެދުމަށް ޕާޓީގެ ކައުންސިލުން "ރުހުން" ދޭ ކަމަށެވެ. ނަމަވެސް ރޭގެ ކައުންސިލް ބައްދަލުވުމުގައި ޒެޑް-ފެކްޝަންގެ އެއްވެސް ކައުންސިލް މެންބަރަކު ބައިވެރިވަޑައިއެއް ނުގަންނަވަ އެވެ.

ޒެޑް ޑީއާރްޕީން ބުނެފައި ވަނީ ޑީއާރްޕީ/ޕީއޭ ކޯލިޝަނާ އެކު ޖުމްހޫރީ ޕާޓީ ގުޅިގެން މަޖިލީގުގެ މަސައްކަތް ކުރުމަށް ފުރިހަމައަށް ތާއިދު ކުރާ ކަމަށެވެ. ނަމަވެސް ޑީއާރްޕީ/ޕީއޭ/ޖުމްހޫރީ ކޯލިޝަންގެ ލީޑަރަކަށް ހުންނަން ބޭނުންފުޅު ވަނީ ތަސްމީން ނޫން ކަމަށާއި އެ ކޯލިޝަންގެ ލީޑަރަކަށް ހުންނަން ފެންނަނީ ގާސިމް ކަމަށް ޒެޑް ފެކްޝަނުން ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު