އިތުރަށް މީހުން އަރުވައިގެން ނައްޓައިލަނިކޮށް ފުލުހުން ގއ. އަތޮޅުގެ ފެރީ ހުއްޓުވައިފި

ކެޕޭސިޓީއަށް ވުރެ ގިނައިން ގއ އަތޮޅުގެ ފެރީއަށް މީހުން އަރުވައިގެން ފުރަން އުޅެނިކޮށް ހުއްޓުވައިފި އެވެ.

ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން ގއ. އަތޮޅުގައި ފެރީގެ ހިދުމަތް ދެނީ ޑްރައިމެކްސް އިން ނެވެ. ފުލުހުން ބުނީ އެ ކުންފުނިން އޮޕަރޭޓް ކުރާ ފެރީ، ހުއްދަ ކުރެވިފައިވާ ވަރަށް ވުރެ ގިނައިން މީހުން އަރުވައިގެން އެ އަތޮޅު ދާންދޫ ބަނދަރުން މިއަދު ނައްޓައިލަން އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.

އަދި ބުނީ ހުއްދަކުރާ ކެޕޭސިޓީއާ އެއްވަރަށް ނޫނީ ފެރީއަށް މީހުން އަރުވައިގެން ނުވާނެ ކަމަށް ފެރީ އޮޕަރޭޓް ކުރާ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.

ފުލުހުން މިއަދު ހެނދުނު ފެރީ ހުއްޓުވި އިރު އޭގައި ގއ އަތޮޅު ކައުންސިލްގެ މެންބަރު އަބްދުއް ސަލާމް ވެސް ހުންނެވި އެވެ.

އޭނާ މިއަދު ވިދާޅުވީ ޑުރައިމެކްސްގެ ފެރީއަށް ގިނަ އަދަދަކަށް މީހުން އަރުވާފައިވާކަން ފާހަގަ ކުރެވިގެން ދާންދޫ ބަނދަރުން، ފުލުހުން ހިފެހެއްޓި ކަމަށާއި 50 މީހުންގެ ޖާގަ އޮންނަ ފެރީގައި އޭރުވެސް 30 އަށް ވުރެ ގިނަ މީހުން އިތުރަށް އަރައި ތިބި ކަމަށެވެ.

"ވަރަށް ގިނަ މީހުން އެބަ ބޭނުންވޭ ދާން. ޖާގަނެތިސް ވެސް މީހުން އަރަމުން ދިޔައީ. ފުލުހުން އައިސް ބެލިއިރުވެސް ގާތްގަނޑަކަށް 30 މީހުން އިތުރަށް އުޅޭނެ،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެރީ ހުއްޓުވުމަށް ފަހު ފުލުހުން އަލުން ދަތުރުކުރުމުގެ ހުއްދަ ދިނީ އެއްގަޑި އިރު ފަހުން ގަވައިދަށް ފެއްތުމުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ހިދުމަތަށް ގިނަ ބަޔަކު ބޭނުންވިޔަސްފެރީގެ ހިދުމަތް ދިނުމަށް ގެންގުޅޭ ދޯނި ކުޑަކަމުން އެންމެންނަށް ދަތުރު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބޭފުޅުން (ޑްރައިމެކްސް) އިން އެއްބާރުލުމެއް ނުދެއްވާ. އެހާ މަދު މީހުންގެ ޖާގައިގެ ދޯންޏެއް މި އޮންނަނީ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ނުފުރިފައި ތިބެން ޖެހޭ،" ސަލާމް ވިދާޅުވި އެވެ.

ފެރީގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅައިލުމަކީ ސަރުކާރު ހިންގާ އެމްޑީޕީގެ މެނިފެސްޓޯގެ މުހިންމު ވައުދެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު