އެތިކޮޅުކޮޅުން ދީގެން މަސްތުވާތަކެތިން ސަލާމަތެއްނުވެވޭނެ: ޝެއިހް އިލްޔާސް

މަސްތުވާތަކެތީގެ ދެވިހިފާފައިވާ ޒުވާނުނަށް ފަރުވާއެއްގެ ގޮތުގައި މަސްތުވާތަކެތި "އެތިކޮޅު، އެތިކުޅުން" ދީގެން އެ ވަބާއިން ސަލާމަތް ނުވޭނެ ކަމަށާއި ދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެއް ބައްޔެއްގެ "ޝިފާއަކަށް" މާތްﷲ ލައްވާފައި ނުވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ ގޮފީގެ ނާއިބު ރައީސް ޝެއިހް އިލްޔާސް ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހާ ދިމާކޮށް ރޭ އާޓްފިޝަލް ބީޗުގައި އިސްލާމިކް މިނިސްޓްރީ އާއި ބައެއް ޖަމިއްޔާތައް ގުޅިގެން ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން، އެ ބަލިން ސަލާމަތް ކުރުމަށް ޓަކައި އެ މީހުން ބަލަހައްޓަމުންދާ ބައެއް ޓްރަގް ރިހެބިލިޑޭޝަން ސެންޓަރުތަކުގައި މަސްތުވާ އެއްޗެހި ޒުވާނުނަށް ދެމުންގެންދާ ކަމަށެވެ. ނަމަވެސް އެތިކޮޅުން އެތިކޮޅުން ދީގެން އެ ވަބާއިން ސަލާމަތް ނުވެވޭނެ ކަމަށާއި މަސްތުވާތަކެތިން އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައު ސަލާމަތް ކުރެވޭނީ އިސްލާމް ދީނުގައިވާ އުސޫލުތައް ހިފަހައްޓައިގެން ކަމަށެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުން އެ ވަބާއިން ސަލާމަތް ކުރެވޭނީ "މަދުމަދުން ދެމުން ދެމުން" ކަމަށް ބުނާ ބުނުމަކީ ހުޅަނގުގެ މީހުން އަޅުގަނޑުމެންގެ ތެރެއަށް ވައްދާފައިވާ ފިކުރެއް ކަމަށް ވިދާޅުވެ އިލްޔާސް ވިދާޅުވީ "ހުޅަގުގެ މީހުން ބުނާ ގޮތަށް ހަދައިގެން ހައްލެއް ނުވާނެ" ކަމަށެވެ. ނަމަވެސް މިހާރު ވެރިކަމުގައި ތިއްބެވި ބައެއް ބޭފުޅުންގެ އެ ފިކުރަށް ތަބާވެ، އެކަމަށް ގޮވާލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި "އިއްޔެ މަގުމަތިން މީހެއްގެ އަތުން ސިނގިރެޓެއް ހޯދައިގެން ބުއި ބައެއް މީހުން ވެރިކަމުގައި އެބަތިބި" ކަމަށާއި އެ މީހުން މިހާރު އާންމުންނަށް ފެންނަ ގޮތަށް އެކަން ކުރަމުން ނުދާ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

ޝެއިހް އިލްޔާސް އެހެން ވިދާޅުވި އިރު، އިއްޔެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް އަޅާލަން ޖެހޭނެ ކަމަށާއި އެ ވަބާއިން ސަލާމަތްވުމަށް ޓަކައި އެ ކުދިން ބޭނުންވާ ގޮތަށް "ބޮވެން ޖެހޭނެ" ކަމަށާއި "ބޯން އެބަ ޖެހޭ" ކަމަށެވެ. އަދި މަސްތުވާތަކެތިން ސަލާމަތް ވުމުގެ "ހަގީގީ ބަސްތައް ބޭނުންނުކޮށް" ސިޔާސީ ފިކުރެއްގައި ނުވަތަ އެހެން ވެސް މާރީތި ނިވަލެއް ހޯދުމުގެ ނިޔަތުގައި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިފާނު ވިދާޅުވި އެވެ.

ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ދަރުސްގައި އިލްޔާސް ވަނީ ރާއްޖޭގެ މިހާރުގެ ޒުވާން މުޖުތަމައުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން މަސްތުވާތަކެތި މުޖުތަމައުގައި އާންމު ވުމުން އީމާންކަން ގެއްލިފައިވާ ކަމަށާއި މަސްތުވާތަކެތިން މާއްދިޔަތުގެ ފައިދާ ލިބޭ ކަމަށް ބައެއް މީހުން ގަބޫލް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިސްލާމް ދީނުގައި މާތްﷲ ހަރާމް ކުރައްވާފައިވާ އެއްޗަކުން ދުވަހަކު ވެސް ފައިދާއެއް ނުވާނެ ކަމަށާއި އަދި ބައްޔެއްގެ "ޝިފާއަކަށް" މަސްތުވާތަކެތި ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.

ގޮތުން ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ މުހައްމަދުގެ ފާނުގެ ހަދީފްފުޅުތަކުގެ ދަލީލާއެކު އެކަމުގެ ހެކިތައް އިލްޔާސް ހާމަކޮށްދެއްވި އެވެ.

އޭނާ ވިދާޅުވީ މުޖުތަމައުގައި ހިނގާ ހުރިހާ "އަދާވާތްތެރި" ކަމުގެ ސިއްރަކީ މަސްތުވާތަކެތި ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ތެރެއަށް ދިވެހި މުސްލިމް ރައްޔިތުން ގެއްލިގެންދަނީ ގިޔާމަތް ދުވަސް އަންނާނެ ކަމަށް ހަނދާން ނައްތާލައި، އިސްލާމީ ގިއުގަނޑުގެތެރެ އިން ބޭރުވުމުން ކަމަށެވެ.

މަސްތުވާތަކެއްތި ބޭނުން ކުރާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް އިޝާރާތް ކުރައްވައި ޝެއިހް ވިދާޅުވީ ބަނގުރަލާއި އެހެނިގެން ޑްރަގްގެ ބޭނުން ކުރާ މީހުނަށް "ހައްދު ކަނޑައަޅަން" ޖެހޭނެ ކަމަށެވެ. ހައްދެއްގެ ގޮތުން އާންމުންގެ ކުރިމަތީގައި ކުށްވެރިއެއްކަން އިއުލާން ކުރުމަށް ފަހު، 40 އެތިފަހަރުން ހައްދު ޖަހަން ޖެހޭނެ ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރުން ތަކުރާރުކޮށްފި ނަމަ ހާކިމާއަށް އެކަމުގެ އަބަދަބު ބޮޑު ކުރެވިދާނެ ކަމަށް ޝެއިހް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު