ހުއްދަ ނެތި އެއްވެސް އޮފީހެއްގައި ހުރި ލިޔުމާއި އޯޑިއޯވީޑިއޯ ނައްތާލައިފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި

ހޯމް މިނިސްޓްރީގެ ހުއްދަ ނެތި ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއެއްގެ ދުވަސްވީ ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އަދި އޯޑިއޯ ނައްތާލައިފި ނަމަ، އެފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މި މަހުގެ 15 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާއެއްގައި ބުނަނީ، ސަރުކާރުގެ ރަސްމީ އެކިއެކި އިދާރާތަކުގައި ހުންނަ ދުވަސްވީ ލިޔެކިޔުންތަކާއި ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ ފަދަ ރެކޯޑެއް ނައްތާލަންވާނީ މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ރަސްމީ އިދާރާތަކުން މަސްއޫލުވާން ޖެހޭ އޮފީސްތަކަށާއި ހާއްސަކޮށް އެ އޮފީސްތަކުގެ ކަމާ ބެހޭ މުވައްޒަފުންނަށް އެކަން އަންގައިދިނުމަށް ވެސް އެ ސާކިއުލާގައި އެދިފައިވެ އެވެ.

"މި ސާކިއުލާގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް މިނިސްޓްރީގެ ހުއްދަ ނެތި ނައްތާލައިފި ނަމަ، އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ." ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.

ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވައިދުގެ 38 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާތަކުގައި މައުލޫމާތު ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި އަރުޝީފުކުރުމާއި ނައްތާލުމާ ބެހޭ އާއްމު ހަމަތައް ކަނޑައެޅޭ ވަކި މުއްދަތެއްގައި އާއްމުކުރުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު