ރަށްރަށުގައި ގާއިމުކުރާ ނަރުދަމާ އިން ކުރި އަށް އޮތްތަނުގައި އަގު ނަގާނެ ކަމަށް ސަރުކާރުން ބުނެފި

ރައްޔިތުންނަށް ދެމުން ގެންދާ ނަރުދަމާގެ ހިދުމަތުން ކުރިއަށްއޮތް ތަނުގައި، ސަރުކާރަށް އަގު ނަގާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅު ގަމު ތުނޑީ އަވަށާއި މަތިމަރަދޫ އަދި މުކުރިމަގުގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ފައިސާގެ އެއްބަސް ވުމުގައި 2008 ވަނަ އަހަރު ސޮއި ކުރުމަށް ފަހު މި ވޭތުވެދިޔަ އަހަރުތަކުގައި އެ މަސައްކަތް ފެށިފައިނުވާ މައްސަލައާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ޔޫސުފް އަބުދުލް ޣަފޫރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލާ ގުޅިގެން ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ނަރުދަމާގެ ހިދުމަތުން އަގު ނެގުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

"ނަރުދަމާގެ ހިދުމަތުން އަގު ނެގުމަކީ ސަރުކާރުގެ ސިޔާސަތެއް. އެހެންކަމުން އާހިރުގައި އެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން އަގެއް ނަގަން ޖެހޭ. ނަމަވެސް ސަރުކާރުން އަދި ކަނޑައަޅާފައެއް ނެތް އެއީ ކިހާވަރެއް ކަމެއް ގޭގެއަށް ނަގާނީ. އަދި އަގެއް ނަގަމަކުން ނުގެންދޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ގަމުގެ ތިން އަވަށުގައި ނަރުދަމާގެ މަސައްކަތް ފެށުން ލަސްވެފައި ވަނީ ކޮންސަލްޓަންސީ މަސައްކަތްތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމި ވަރަށް އަވަހަށް ނަރުދަމާގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގެ ނަރުދަމާގެ މައްސަލައާ ގުޅިގެން ބައެއް މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މިހިނގާ ފަސް އަހަރުގެ ތެރޭގައި، ނަރުދަމާގެ ހިދުމަތް ބޭނުން ވެފައިވާ ހުރިހާ ރަށެއްގައި، އެ ހިދުމަތް ގާއިމްކޮށް ނުނިމޭނެ ކަމަށެވެ.

"އަހަރަކު 15 ނުވަތަ 16 ވަރަކަށް ރަށުގެ މަސައްކަތް ނިމެނީ. އެހެންވީމަ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތެއް ނުނިމޭނެ. މި ވެރިކަމުގައި ވޭތުވެދިޔަ އަހަރާ ހަމައަށް 44 ރަށުގެ ބަނދަރު، 16 ރަށަށް ވުރެ ގިނަ ރަށުގެ ނަރުދަމާގެ މަސައްކަތް ނިމިފައިވާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އަދި ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރަން ޖެހޭ ކަމަށާއި އެ ނިޒާމަށް ބޭނުން ވެފައިވާ 160 އެއްހާރަށް މިހާރު ވެސް އެބައޮތް ކަމަށެވެ. އަދި ރަށެއްގައި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމަށް އެވްރެޖްކޮށް ހަތަރެއް، ނުވަތަ ފަސް މިލިޔަން ޑޮލަރު ހަރަދުވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު