ކެނެޑާގައި އަލިފާން ރޯވެފައިވާ އަލްބާޓާގައި ކުއްލި ހާލަތު އިއުލާންކޮށްފި

ފޯޓް މެކްމަރޭގެ މޮޓެލްއެއް ކައިރީގައި އަލިފާން ރޯވެފައި -- ފޮޓޯ: ސީބީސީ

ފޯޓް މެކްމަރޭ (މޭ 5): ކެނެޑާގެ އަލްބާޓާގައި އޮންނަ ފޯޓް މެކްމަރޭގެ ޖަންގައްޔެއްގައި ރޯވެ، ބޮޑު ސަރަހައްދަކަަށް އަލިފާންގަނޑު ފެތުރުމުގެ ސަބަބުން އަލްބާޓާގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ފޯޓް މެކްމަރޭގެ އޮފިޝަލުން ވަނީ އަލިފާންގަނޑުގެ ސަބަބުން އެސަހަރުގެ ބޮޑު ބައެއް އަނދާ ހުލިވެދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި 88،000 މީހުންގެ އާބާދީއެއް އޮންނަ އެސަހަރުގެ ހުރިހާ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވުމަށް އަންގާފަ އެވެ.

"ފޯޓް މެކްމަރޭގެ ބޮޑު ބައެއް އަނދައިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް،" އަލްބާޓާގެ އެމާޖެންސީ މެނޭޖްމެންޓް އޭޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރު، ސްކޮޓް ލޯންގް ވިދާޅުވި އެވެ.

ފޯޓް މެކްމަރޭގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 1،600 އިމާރާތް އަނދާ ހުލިވެފައިވެ އެވެ. އަދި އޭގެ ސަބަބުން އެސަރަހައްދުގައި ހުންނަ ތެޔޮ ކުންފުނިތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް، އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓުކޮށްފައި ނުވެ އެވެ.

ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ ވަނީ އަލިފާންގަނޑު އިތުރަށް ފެތުރެމުންދާ ނަމަ އެސަރަހައްދަށް އަސްކަރީ އެއާކްރާފްޓްތައް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް