ތުރުކީގެ ރައްޔިތުންނަށް އީޔޫގެ ބައެއް ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަދަނީ

ގްރީސްއަށް ދިޔަ ގިނަ ރެފިއުޖީން ވަނީ ގްރީސްގެ ބޯޑަރު ކައިރީ ތާށިވެފަ -- ފޮޓޯ: ރޮއިޓާސް

އީޔޫ (މޭ 3): ތުރުކީގެ ރައްޔިތުންނަށް ޔޫރަޕްގެ ޝެންގެން އޭރިއާގައި ހިމެނޭ ގައުމުތަކަށް ވިސާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ޔޫރަޕިއަން ކޮމިޝަން (އީޔޫ)ން މާދަން ދޭނެ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ޝެންގެން އެއްބަސްވުމަކީ ބޯޑާ ކޮންޓްރޯލެއް ނެތި އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭ ގޮތަށް ޔޫރަޕްގެ 26 ގައުމެއްގެ މެދުގައި ހަދާފައިވާ އެއްބަސްވުމެކެވެ.

ތުރުކީއަށް އެ ހުއްދަ ދޭން ނިންމާފައި ވަނީ ގްރީސްގައި ތިބި ރެފިއުޖީން ތުރުކީއަށް ގެންދާ ގޮތަށް ތުރުކީ އާއި އީޔޫއިން ހެދި އެއްބަސްވުމުގެ ދަށުންނެވެ.

ނަމަވެސް، އީޔޫގެ ވިސާ އެއްބަސްވުމަށް ބަދަލެއް އަތުވެއްޖެ ނަމަ ތުރުކީން އެގައުމަށް ރެފިއުޖީން ގެންދިޔުން ހުއްޓާލުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، ތުރުކީއާ އެކު ވިސާ އެއްބަސްވުން ހަދާނީ ވަކި ޝަރުތުތަކެއްގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިޔޫއާއި ތުރުކީން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ގްރީސްއަށް ގަވާއިދާ ހިލާފަށް ހިޖުރަ ކުރާ މީހުން އެގައުމުގެ ހިމާޔަތަށް ނޭދޭ ނަމަ ނުވަތަ އެމީހަކަށް ހިމާޔަތް ދިނުމަށް ގްރީސްއިން ދެކޮޅު ހަދައިފި ނަމަ، އެ ރެފިއުޖީން ތުރުކީއަށް ފޮނުވާލެވޭނެ އެވެ. އަދި ތުރުކީއަށް އަނބުރާ ފޮނުވާލާ އެފަދަ ކޮންމެ ސީރިޔާ ރައްޔިތެއްގެ ބަދަލުގައި، ތުރުކީގައި މިހާރު ވަޒަންވެރިވެފައިވާ ސީރިޔާ ރައްޔިތަކަށް އީޔޫގެ ގައުމަކަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. (ބީބީސީ)

comment ކޮމެންޓް