ރާވައިލެވޭ ގޮތަށް ހެދޭ އިންޖީނުގެތަކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ޕްރީފެބްރިކޭޓެޑް އިމާރާތެއް --

ރަށްރަށުގައި އިންޖީނުގެ އަޅާނެ ޕްރީފެބްރިކޭޓެޑް ނުވަތަ ރޫޅާލައި ރާވައި ހެދޭ އިމާރާތްތަކެއް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާނު ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ނިމާލް މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުން، ފެނަކައިން 48 ރަށުގައި ޕްރީފެބްރިކޭޓެޑް ޕަވާ ހައުސްތަކެއް ގާއިމު ކުރާނެ ކަމަށާއި، އެ އިންޖީނު ގެތައް ބޭނުން އިރަކުން ރޫޅާލައި، ރާވައި، އަދި އެކި ތަންތަނަށް ބަދަލު ކުރެވޭނެ އެވެ.

އަދި ތަފާތު ހަތަރު ސައިޒަކަށް މި ޕަވާ ހައުސްތައް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.

ފެނަކައިން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކޯޕަރޭޝަނަށް 41 ޕްރީފެބްރިކޭޓެޑް ޕަވާ ހައުސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އަދި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި، މިކަމަށް އެންމެ ފަހު ތާރީޚަކީ މެއި މަހުގެ 12 ވަނަ ދުވަސް ކަމަށް ފެނަކައިގެ އިއުލާނުގައި ބުނެފައި ވެ އެވެ.

ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ ނިމާލް މީގެ ކުރިން ވިދާޅުވެފައި ވަނީ، މިއަހަރުގެ ޖަނަވަރީ މަހު އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅިން އަނދާފައިވާ ތިނަދޫ އިންޖީނުގޭގެ ބަދަލުގައި، އެރަށުގައި ވެސް ދެން އަޅާނީ ރާވައިލެވޭ އިންޖީނުގެއެއް ކަމަށެވެ.

"އިންޖީނުގެ އެއްކޮށް ތަޅާލައި، އަލުން އައު އިމާރާތެއް އަޅައި، އައު އިންޖީނުގެއެއް އަޅަން ޖެހިފައި 'ވަނީ'. އަޅުގަނޑުމެންގެ ވިސްނުން އޮތީ އަތޮޅުތަކުގެ ރަށްތަކުގައި އިންޖީނުގެ އަޅާއިރު، ރާވައިލެވޭ އިންޖީނުގެތަކެއް އަޅަން. ގދ. ތިނަދޫގައި ވެސް ކުރިއަށް އޮތް ތިން ހަތަރު މަހެއްހާ ދުވަސް ތެރޭގައި މިފަދަ އިންޖީނުގެއެއް އެޅިގެން ދާނެ،" ނިމާލް ވިދާޅުވި އެވެ.

comment ކޮމެންޓް