ހައްގުތަކާ ގުޅޭ ގޮތުން އިނގިރޭސީވިލާތުގައި ނަޝީދު ތަގުރީރު ކުރައްވައިފި

ޔުނިވާސިޓީ އޮފް އެސެކްސްގައި ނަޝީދު : އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތަތީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ވިދާޅުވި--

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މިއަހަރުގެ "ހިއުމަން ރައިޓްސް އިން އޭޝިޔާ ކޮންފަރެންސް″ގެ ޝަރަފްވެރި ކޮށްދެއްވައި އެ ޔުނިވަރސިޓީގައި މިއަދު ރައީސް މުޙައްމަދު ނަޝީދު ތަގުރީރު ކުރައްވައިފި އެވެ.

އެމްޑީޕީން ބުނީ ނަޝީދު ވާހަކަފުޅު ދެއްކެވީ އިންސާނީ ޙައްޤުތައް ހިމަޔާތް ކުރެއްވުމުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ހަނދާންތަކާ އަދި މިހާރު ވެސް ކުރައްވާ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށާއި ޑިމޮކްރަޓިކް ވެރިކަމެއް ޤާއިމުކުރުމަށް އެމަނިކުފާނު ކުރެއްވި ކަންކަމާ މެދު ވާހަކަފުޅު ދެއްކެވި ކަމަށް އެމްޑީޕީން ބުންޏެވެ.

އެންމެ ފުރަތަމަ ލިޔުންތެރިއެއްގެ ހައިސިއްޔަތުން ފެއްޓެވި މަސައްކަތާ ގުޅިގެން ޖަލަށް ލައި އަނިޔާކޮށްފައިވާ ކަމަށާއި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތަތީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ނަޝީދުގެ ތަގުރީރުގައި ވިދާޅުވި އެވެ. ހުދުމުހުތާރު ވެރިއަކު ދުރުކުރެވުނު ނަމަވެސް ޚުދުމުހުތާރު ވެރިކަމާއި އެ ވެރިކަމުގެ ސަޤާފަތް އިސްލާޙް ކުުރުމަކީ ދަތިއުނދަގޫ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން އިންސާނީ ޙައްޤުތަކަށް އަރައިގަނެ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި ރައްޔިތުންގެ ބިރުވެރިކަމުގެ ތެރެއަށް ގަންބާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުން ކުރާ އެފަދަ ކަންކަން އަބަދުވެސް ހާމަ ކުރުމަކީ އިންސާނީ ޙަައްޤުތައް ހިމާޔަތް ކުރާ މީހުންގެ ޒިންމާއެއް ކަމުގައި ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުން ފަދަ ކަންކަމުގެ ވާހަކަ އަބަދުވެސް ދައްކަން ޖެހޭނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތުގައި އެންމެ ބޮޑު ހިއްވަރެއް ލިބިވަޑައިގަންނަވަނީ ޢައިލާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކިބައިން ކަމުގައެވެ.

ދެހާސްނުވަ ވަނަ އަހަރުން ފެށިގެން ޔުނިވާސިޓީ އޮފް އެސެކްސްގެ ހިއުމަން ރައިޓްސް ސެންޓަރުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ އެ ކޮންފަރެންސަކީ އޭޝިޔާ ސަރަޙައްދުގެ އިންސާނީ ޙައްޤުތަކަށް ޙާއްސަކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

comment ކޮމެންޓް