އަފްގާނިސްތާނުގެ ހޮސްޕިޓަލަަކަށް ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ނޫން: އެމެރިކާ

އަފްގާނިސްތާނުގެ ދެކުނުގައި އޮންނަ ޝަހަރެއްގެ ހޮސްޕިޓަލަކަށް އަމާޒުވި އެހަމަލާގައި 42 މީހަކު މަރުވި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޭޕްރިލް 30): އަފްގާނިސްތާނުގެ ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ހޮސްޕިޓަލަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިިކާގެ އަސްކަރިއްޔާ އިން ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

އެމެރިކާ އަސްކަރިއްޔާގެ ޖެނެރަލް ޖޯސެފް ވޯޓެލް އިއްޔެ ވިދާޅުވީ ޕެންޓަގަން އިން ކުރިއަށް ގެންދިޔަ ތަހުގީގަކުން އެނގިގެންދިޔައީ ހޮސްޕިޓަލަށް ހަމަލާ އަމާޒުވީ އޮޅުމަކުން ކަމަށް ކަމަށެވެ. އެ ހާދިސާގައި ޓެކްނިކަލް އަދި ހަމަލާ ދިން މީހާގެ މައްސަލަ ހިމެނޭ ކަމަށް ވޯޓެލް ވިދާޅުވި އެވެ.

"އެހަމަލާ ދިން މީހުންނަކަށް ނޭނގެ ހަމަލާ ދެވެނީ ސިއްހީ ހިދުމަތްދޭ ތަނަކަށް ކަން. ހަމަލާ ދޭން އަމާޒު ކުރީ ހޮސްޕިޓަލާ 400 މީޓަރު ދުރުގައި ހުންނަ ތާލިބާނުން ހިސާރުކޮށްފައިވާ ސަރަހައްދަކަށް،" އެމެރިކާ އިން ހެދި ތަހުގީގަކުން ދެއްކި ކަމަށް ވޯޓެލް ވިދާޅުވި އެވެ.

ނަމަވެސް، ހަމަލާ ދިން މީހުންނަށް އަސްކަރިއްޔާ އިން ދީފައި ވަނީ އަސްކަރިއްޔާ އިން ސަސްޕެންޑު ކުރުން އާދައިގެ އަދަބުތަކެވެ.

އަފްގާނިސްތާނުގެ ދެކުނުގައި އޮންނަ ޝަހަރެއްގެ ހޮސްޕިޓަލަކަށް އަމާޒުވި އެހަމަލާގައި 42 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި 24 ބަލި މީހަކާއި 14 މުވައްޒަފަކާއި ބަލިމީހުން ބަލާ ހަތަރު މީހަކު ހިމެނެ އެވެ. އެހަމަލާގައި އިމާރާތަށް ލިިބުނު ގެއްލުމުގެ ސަބަބުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން މަރުވުމުގެ ސަބަބުން އެސަރަހައްދުގެ ގިނަ މީހުންނަށް ވަނީ ސިއްހީ ފަރުވާ ލިބޭގޮތް ނުވެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް