ސޫރިޔާގެ ހަލަބްގެ ހަނގުރާމައިގާ 7 ދުވަހުގެތެރޭގައި އާންމުންގެ 202 މީހުން މަރުވެއްޖެ

ސޫރިޔާގެ މަންމައަކު އޭނާގެ ގެެއަށް ބޮންއެޅުމުން ޒަޚަމްވެފައިވާ ހާލު އެގެއިން ނުކުންނަނީ

ހަލަބް (އެޕްރީލް 29) : ސޫރިޔާގެ ރަށެއްކަމަށްވާ ހަލަބްގައި ހިނގަމުންދާ ހަނގުރާމާގައި މިދިޔަ ހަފްތާގައި އާންމުންގެ 202 މީހުން މަރުވެފައިވާކަމަށާ މީގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށް ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް އިން ބުނެފިއެވެ.

އެޖަމާއަތުން ބުނީ ހަލަބްގެ ހަނގުރާމައަކީ ގަތްލުއާންމު ތަކެއްކަމަށާ ބަރުހަތިޔާރާއެކު ހަނގުރާމަ ކުރަނީ މީހުން ދިރިއުޅޭ ގެތަކުގައި ކަމުގައެވެ. ހަލަބްގައި އެންމެފަހުން ހަނގުރާމަފެށުނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން އަތްދަށުލާފައިވާ އެރަށުގެ ސަރަހައްދުތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށްގެނައުމަށް ޓަކައި ސޫރިޔާ ސިފައިން ފެށި އަސްކަރީ އޮޕަރޭޝަނަކާ ގުޅިގެންނެވެ.

މިއޮޕަރޭޝަން ނިންމާލާނީ މުޅި ހަލަބް ހިފައި އިދިކޮޅު ޖަމާއަތްތައް އެރަށުން ބޭރުކޮށްލުމަށްފަހުގައި ކަމަށް ސޫރިޔާ ސަރުކާރުން ބުނެއެވެ. ހަލަބްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެރަށުގެ އާންމުންނަށް އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާކަމަށާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް އދ. އިންވަނީ އެމެރިކާއާއި ރަޝިޔާއަށް އިލްތިމާސްކޮށްފައެވެ.

ސޫރިޔާގައި ހިނގަމުންދަނީ ވެރިކަމުގެ އަރާރުމެކެވެ. މިއަރާރުމުގައި މުޅި ސޫރިޔާ ހަލާކުވެ އެގައުމުގެ އާންމުންގެ ތިން ލައްކައެއްހާމީހުން މަރުވެ މިލިޔަނަކަށްވުރެ ގިނަ މީހުން ޒަޚަމްވެ ނުކުޅެދޭ ހާލަތުގައިވާއިރުވެސް ހަނގުރާމަ ހުއްޓާލަން އެއްވެސް ފަރާތަކުން ބޭނުމެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކާއި އެފަރާތްތަކުގެ ފަހަތުގައިވާ ގައުމުތައްވެސް ބޭނުންވަނީ ސޫރިޔާ އެއްކޮށް ހަލާކުވިނަމަވެސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަކުރާތާ 5 އަހަރުވީއިރު އެކަންނުވެ ސޫރިޔާ ހަލާކުވިނަމަވެސް ހަނގުރާމަ ހުއްޓާލުމަށްފަހު ފަހަތަށްޖެހުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުގެ ކިބާގައި ނުވެއެވެ. އަނެއްކޮޅުން ސޫރިޔާ ހަނގުރާމަ މިހާރުއޮތް ޙާލަތުން ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލިނަމަވެސް އަދި ބައްޝާރު ވެރިކަން ދޫކޮށްލެއްވި ނަމަވެސް ސޫރިޔާގެ ތަޅާފޮޅުންތަކަށް ނިމުމެއް ނާންނާނެއެވެ. ސަބަބަކީ އިދިކޮޅު ޖަމާއަތްތަކަކީވެސް އެއްޖަމާއަތް އަނެއްޖަމާއަތާ ދެކޮޅަށް ވެރިކަމުގެ ބޭނުމުގައި ހަނގުރާމަ ކުރަމުން ގެންދާ ޖަމާއަތްތަކަކަށްވާތީއެވެ.

ކޮންމެ ޖަމާއަތަކުންވެސް ބޭނުންވަނީ އެޖަމާއަތުން ސޫރިޔާގައި ވެރިކަންކުރާށެވެ. އިދިކޮޅު ފަރާތްތައް ހަތިޔާރު ބޭނުންކޮށްގެން ގަދަބާރުން ވެރިކަން ވައްޓާލި އެއްވެސް ގައުމަކަށް ސުލްޙަ އައިސްފައެއް ނުވެއެވެ. ލީބިޔާއާއި އިރާގާއި އަފްޣާނިސްތާނާއި ސޮމާލިއާއި ޔަމަނަކީ މީގެ މިސާލުތަކެވެ. ސޫރިޔާގައި ތަޅާފޮޅުމާއި ހަނގުރާމަ ފެށުނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ހަތިޔާރާއެކު ނުކުތުމުންނެވެ. މިކަމުގެ ފަހަތުގައިތިބީ ގަތަރުފަދަ ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާއާއި ޔުރަޕްގެ ގައުމުތަކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު