މިސްކިތްތައް ބޭނުންކުރާ މީހުންނަކީ މިސްކިތް ފަދަ ތާހިރު ބަޔަކަށް ވާންޖެހޭ: މިނިސްޓަރު

"މަސްޖިދުލް ޒިކުރާ" ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ބާގިރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ކ. ހިންމަފުށި: މާހިލް މުހައްމަދު

މިސްކިތްތަކަކީ ރީތިކޮށް، ޒީނަތްތެރިކޮށް ހަދާފައިވާ ތަންތަން ކަމުގައި ވިޔަސް، މުޖުތަމައުއެއް އިސްލާހުވާނީ މިސްކިތް ބޭނުންކުރާ މީހުންނަކީ މިސްކިތްތައް ފަދައިން ތާހިރު ބަޔަކަށް ވެގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

ކ. ހިންމަފުށީގައި، އަމިއްލަ ވިޔަފާރިވެރިއަކު ގާއިމުކޮށްދެއްވި "މަސްޖިދުލް ޒިކުރާ"، މިއަދު މެންދުރު ހުޅުއްވައިދެއްވަމުން، އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިސްކިތްތަކަކީ އެތެރެއާއި ބޭރުން ވެސް ޒީނަތްތެރި ރީތި ތަންތަން ކަމަށް ވާ އިރު، މިސްކިތް ބޭނުންކުރާ މީހުންނަކީ ވެސް އެމީހުންގެ ބޭރުފުށުންނާއި އެތެރެއިން ރީތި، ތާހިރު ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

މަސްޖިދުލް ޒިކުރާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ

"މުޖުތަމައު އިސްލާހުވުން މި އަންނަނީ މިސްކިތް ބޭނުންކުރާ މީހުންނަކީ މިސްކިތް ފަދަ ރީތި ބަޔަކަށް ވުމުން. މުޖުތަމައު އިސްލާހުވެ، ހަރުދަނާވެ، އެއްބަޔަކު އަނެއްބަޔަކާ ދެމެދު ވާ ގުޅުން އަންނަނީ، މިސްކިތްތައް ރީތިކޮށް އޮންނަ ފަދައިން އަޅުގަނޑުމެން ތާހިރު ވެގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކ. ހިންމަފުށީގައި މިއަދު ހުޅުވިގެން ދިޔަ ޒިކުރާ މިސްކިތަކީ، ނަން ހާމަކުރަން ނޭދޭ ވިޔަފާރިވެރިއަކު، އޭނާގެ އަމިއްލަ ޚަރަދުގައި އަޅުއްވައި، ރަށުގެ ރައްޔިތުންނަށް ހަދިޔާ ކުރެއްވި ތަނެކެވެ.

ހިންމަފުށީގައި މިއަދު ހުޅުވި މަސްޖިދުލް ޒިކުރާ. އެއީ 650 މީހުންގެ ޖާގައިގެ މިސްކިތެއް -- ސަން ފޮޓޯ

އިސްލާމިކް މިނިސްޓަރު ޑރ ޒިޔާދު ވިދާޅުވީ، މި ކަމުން ދޭހަ ކޮށްދެނީ، މުޖުތަމައު ބިނާ ކުރުމުގައި، އަމިއްލަ ފަރުދުން ވެސް އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކުރާ ކަން ކަމަށެވެ.

"މިއީ ސަރުކާރާ އެކު އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މިންވަރު ދައްކުވައިދޭ ވަރަށް އަގުހުރި ނަމޫނާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހިންމަފުށީގައި މިއަދު ހުޅުވި މަސްޖިދުލް ޒިކުރާ. އެއީ 650 މީހުންގެ ޖާގައިގެ މިސްކިތެއް -- ސަން ފޮޓޯ

ހިންމަފުށީ ޒިކުރާ މިސްކިތަކީ، 650 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ، ޖާގަ ތަނަވަސް މިސްކިތެކެވެ. މި މިސްކިތް އިމާރާތްކުރުމަށް ޖުމްލަ 8.9 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައި ވެ އެވެ.

comment ކޮމެންޓް