މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާ އިރު މި އަހަރުގެ އެޕްރީލް މަހު މާލޭގެ އިންފްލޭޝަން ރޭޓް 9.39 ޕަސެންޓް މައްޗަށް ގޮސް، ކާބޯތަކެތީގެ އަގު 20.35 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.
މާލޭގައި ވިއްކާ މުދަލާއި ހިދުމަތުގެ އަގަށް މިދިޔަ މަހު އައި ބަދަލު ބެލުމަށް ފަހު ނޭޝަނަލް ޕްލޭނިން ޑިޕާޓްމެންޓުން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ވަނީ 20.35 ޕަސެންޓް އުފުލިފަ އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު މިއަހަރު ރޯ މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ރޭޓް ވަނީ 58.32 ޕަސެންޓް މަތިވެފަ އެވެ. މީގެ އިތުރުން ކައްކާ ގޭހާއި ފެނާއި އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިންފުލޭޝަން ރޭޓް ވަނީ 5.88 ޕަސެންޓު މަތިވެފަ އެވެ. އަދި ރިއެލް އެސްޓޭޓް ނޫނީ ގޯތިގެދޮރުގެ އަގުތައް ވެސް 5.13 އަށް މަތިވެފައިވާ އިރު، ސިއްހަތުގެ ދާއިރާގެ އިންފްލޭޝަން ވަނީ 5.07 ޕަސެންޓް މަތިވެފަ އެވެ. އަދި ތައުލީމީ ދާއިރާގެ އިންފްލޭޝަން ވެސް ވަނީ 10.59 ޕަސެންޓް މަތިވެފައި ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން ބުންޏެވެ.
އިންފުލޭޝަން ރޭޓް މިން ކުރާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)ގެ މުހިންމު ބައިތަކެއްގެ އަގުތައް މައްޗަށް ގޮސްފައިވުމުން މާޗް މަހާއި އަޅާ ބަލާ އިރު މިދިޔަ މަހު މާލޭގެ އިންފުލޭޝަން ރޭޓް ވަނީ 4.41 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.
މާލޭގެ އެނުއަލައިޒްޑް އިންފުލޭޝަން ރޭޓް ނޫނީ ވޭތުވެ ދިޔަ 12 މަސް ދުވަހުގެ (މެއި 2010 ކުން އެޕްރީލް 2011 އަށް) އިންފްލޭޝަން ހުރި ގޮތަށް ބަލާ އިރު އޭގެ ކުރީ 12 މަސް ދުވަހާ (މެއި 2009 ން އެޕްރީލް 2010 އަކަށް) އަޅާ ބަލާއިރު ވަނީ 6.89 ޕަސެންޓް މަތިވެފަ އެވެ.
ސީޕީއައިގެ ބައެއް ބައިތަކުގެ އަގުތައް މިދިޔަ މަހު މައްޗަށް ދިޔަ އަސް ގޭގައި ހިފައިގެންގުޅޭ ތަކެއްޗާއި އަދި މުނިފޫހި ފިލުވުމުގެ ދާއިރާގެ އިންފުލޭޝަން ރޭޓް ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު ތިން ޕަސެންޓާއި ދެ ޕަސެންޓާ ދެމެދަށް ތިރިވެފަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ސަރުކާރުން ޑޮލަރުގެ އަގަށް ބަދަލު ގެނައުމުގެ ސަބަބުން އިންފުލޭޝަން ރޭޓް އަންނަނީ އުފުލެމުންނެވެ.