ހަވީރު އިދާރާގައި ބަޔަކު ރޯކޮށްލުމުން، އަލިފާން ފެތުރުމުގެ ކުރިން ނިއްވާލައިފި

ހަވީރު އިދާރާގެ ރިސެޕްޝަން އޭރިއާގައި އަލިފާން ރޯކޮށްލުމުން، އެތަނުގެ ތެރެއަށް ބޮޑެތި ގެއްލުންތަކެއްވެފައި-- ސަން ފޮޓޯ/ ޙުސައިން ޙަސަން

ދުވަހު ނޫސް "ހަވީރު" އިދާރާގައި މިރޭ މެންދަމު ބަޔަކު ރޯކޮށްލުމުން، އަލިފާންގަނޑު އިމާރާތަށް ފެތުރުމުގެ ކުރިން ނިއްވާލައިފި އެވެ.

ހަވީރު އިދާރާގައި ބަޔަކު އަލިފާން ރޯކޮށްލީ އެތަނުގެ ރިސެޕްޝަން އޭރިއާގަ އެވެ. އެތަނުގެ އެތެރޭގައި ހުރި ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ، އަނދާފަ އެވެ. ނަމަވެސް އަލިފާންގަނޑު އިމާރާތަށް ފެތުރުމުގެ ކުރިން ފުލުހުން ވަނީ އަލިފާން ނިއްވާލާފަ އެވެ.

އަލިފާން ނިއްވާލީ ހަވީރު އިދާރާގެ ތެރޭގައި ހުރި އަލިފާން ނިއްވާ އާލާތްތައް ބޭނުންކޮށްގެންނެވެ. އަލިފާން ނިއްވާލުމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވީ ގަލޮޅު ފުލުސް ސްޓޭޝަންގައި ޑިއުޓީގައި ތިބި ފުލުހުންތަކެކެވެ.

އަލިފާން ނިއްވާލަން ސިފައިން އެ ސަރަހައްދަށް ދިއުމުގެ ކުރިން، "ހަވީރު" އިދާރާ ހިންގާ ގޯތީގެ ފާރުމަތިން މީހަކު ފުންމާލައިގެން ފިލިތަން ފެނުނު ކަމަށް މަންޒަރު ދުއް މީހަކު ބުންޏެވެ. އޭނާ ފިލީ ދަބަހެއް އެއްލާލުމަށްފަހު ކަމަށް އެ މީހާ ބުންޏެވެ.

ހަވީރު އިދާރާގައި އަލިފާން ރޯކޮށްލި މީހާ އެއްލާލި ދަބަހާއި ތޮފި-- ޓްވިޓާ ފޮޓޯ/ ހަމްޒާ ރަޝީދު

އެ ސަރަހައްދަށް ނޫސްވެރިން ދިޔައިރު، އެތަނުގެ ބޭރުގައި ދަބަހެއް އޮތެވެ. އަދި ތޮތްޕެއް ވެސް އޮތެވެ. ޒިބު ހުޅުވާފައިވާ އެ ދަބަހުގެ ތެރޭގައި ފަސްލީޓަރު ބޮޑު ފުޅިއެއް އޮތްތަން ވެސް ނޫސްވެރިންނަށް ފެނުނެވެ.

ނަމަވެސް އެ ފުޅީގެ ތެރޭގައި ހުރީ ކޯއްޗެއް ކަމެއް ނޭނގެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ސިފައިން އަދި ފުލުހުންގެ ރަސްމީ ކޮމެންޓެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.

comment ކޮމެންޓް