ސަރުކާރުން އިހަވަންދު އަށް ކޮށްދޭން ވައުދުވެފައިވާ ކަންތައްތައް ކޮށްދެއްވަމުން ނުދާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ ހއ. އިހަވަންދޫގައި ތިބި އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޮއިކޮޓްކޮށްފި އެވެ.
އެމްޑީޕީގެ އިވަންދޫ ގޮފީގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ވެސް އެމްޑީޕީގެ އިހަވަންދޫ ގޮފީގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދަވާ އަހުމަދު އަލީ ވިދާޅުވީ އިހަވަންދޫގައި ތިބި އެމްޑީޕީގެ މެމްބަރުން އެޕާޓީގެ އެތެރޭގެ އިންތިހާބު ބޮއިކޮޓް ކުރީ އިހަވަންދޫ ގޮފީގެ އެންމެހާ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން އިންތިހާބު ބޮއިކޮޓް ކުރީ ޕާޓީގެ ސަރުކާރުން އަޅުގަނޑުމެންނަށް ކޮށްދެއްވަން ވައުދުވެފައިވާ ކަންތައްތައް ކުރިއަށް ނުދާތީ ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން." އަހުމަދު އަލީ ވިދާޅުވި އެވެ.
އަހުމަދު އަލީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު އިހަވަންދުއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެފައިވާ ކަމަށެވެ. އެގޮތުން އިހަވަންދޫ ބަނދަރު، ބަނދަރުމައްޗަކާ އެކު ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުރިހާ އިންތިހާބެއްގައި އެމްޑީޕީ އަށް ވޯޓް ދިނީ ވަރަށް ފޮނި އުއްމީދެއްގައި. އިހަވަންދޫގެ ތަރައްގީއަށް ވުރެ އެމްޑީޕީގެ ރީނދޫކުލަ އަޅުގަނޑުމެންނަކަށް މުހިއްމެއް ނުވާނެ، އެ ވަގުތަކަށް ރަނގަޅު ކުލައަކާ ދިމާއަށް ދާންވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." އަހުމަދު އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިހަވަންދޫގައި ތިބި އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ވެސް ޝުއޫރަކީ މިހާރު އެއީ އެވެ.
އިހަވަންދޫގައި އިހުތިޖާޖެއް ކުރުމުގެ ގޮތުން އިންތިހާބު ބޮއިކޮޓް ކުރި ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރު އެ ރަށުގައި ވެސް ފޮށްޓެއް ބަހައްޓައިގެން ވޯޓް މެމްބަރުން ވޯޓްލަމުން ކުރިއަށްދާކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީން ބުންޏެވެ.
"އިހަވަންދޫގައި ޕާޓީގެ މެމްބަރުން ކޮންމެސް ކަމަކާ ހިތްހަމަ ނުޖެހިގެން ވޯޓްލުން ކުރިއަށް ނުގޮސް އޮތީ. ނަމަވެސް 10 ޖަހާކަށް ހާއިރު ވޯޓްފޮއްޓެއް ބަހައްޓައިގެން މިހާރު ވޯޓްލުން ކުރިއަށް އެބަދޭ،" އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ ސްޕޯކްސް ޕާސަން މުހައްމަދު ގަސަމް ވިދާޅުވި އެވެ.
ނަމަވެސް، އިހަވަންދޫން މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލުން އަދިވެސް އޮތީ ހުއްޓިފަ އެވެ.
ގަސަމް ވިދާޅުވީ އެއްވެސް މެމްބަރަކު ވޯޓްލުމަށް މަޖުބޫރު ކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެމެމްބަރެއްގެ އިހުތިޔާރުގައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އިހަވަންދޫ މެމްބަރުންގެ އިހުތިޖާޖަކީ އެ މެމްބަރުންނާއި ސަރުކާރާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.