އަނިޔާކުރުމާ ދެކޮޅަށް ބޭއްވި ހިނގާލުން:
އަނިޔާތައް ހުއްޓުވުމަށް މުޅި މުޖުތަމައު މިހާރަށްވުރެ ޒިންމާދާރުވާންޖެހޭ

ފަހަކަށް އައިސް ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނާއި އަދި މުސްކުޅިންނަށް ކުރާ އަނިޔާ އިތުރުވަމުންދާ މައްސަލައާ ގުޅިގެން، އެ ޖަރީމާތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް ބާރު އެޅުމުގެ ގޮތުން ހެލްތު މިނިސްޓްރީ އާއި ބައެއް ޖަމިއްޔާތައް ގުޅިގެން މިއަދު ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.

މިއަދު ހަވީރު ސޯޝަލް ސެންޓަރު ކައިރިން 4:00 ޖެހިއިރު ފެށި ހިނގާލުން ނިންމާލައިފައިވަނީ މަޖީދީ މަގުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދަށެވެ. އަދި ހިނގާލުން ކުރިއަށްދިޔައިރު، ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި ވަނީ އަނިޔާއާ ދެކޮޅަށް އެމީހުންގެ ޝުއޫރުތައް ލިިޔެފަ އެވެ. އެގޮތުން އަންހެނުންނާ ކުޑަކުދިންނަސޤ އަނިޔާ ކުރާ "ކުށްވެރިންގެ ސިއްރުތައް ނުފޮރުވާ" އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށާއި "އަނިޔާތައް ހުއްޓުވުމަށް މުޅި މުޖުތަމައު މިހާރަށްވުރެ ޒިންމާދާރުވާންޖެހޭ" ކަމަށް ބުނެފައިވެ އެވެ.

އަދި އަނިޔާކުރުން ހުއްޓުވުމަށް ކުޑައިރުއްސުރެ ކުދިން ހޭލުންތެރިކުރަން ޖެހޭ ކަމަށާއި އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމްކޮށް، ލޯތްބާއި އަޅާލުން ދިނުމަށް މިހާރަށްވުރެ ބޮޑަށް ދަސްކޮށްދޭން ޖެހޭ ކަމަށް ވެސް ހިނގާލުމުގައި ބައިވެރިވި ޖަމިއްޔާތަކުގެ ފާހަގަކުރި އެވެ.

މީގެ އިތުރުން، "އަނިޔާ ލިބޭ ގިނަ މީހުންނަށް އިންސާފު ހޯދައެއް ނުދެވޭ" ކަމަށާއި އެއީ ކީއްވެގެންތޯ ހިނގާލުމުގެ ބައިވެރިން ސުވާލުކުރަމުންދިޔަ އެވެ. ކުރިންވެސް އަންހެނުންނާއި ކުޑަކުދިންގެ އިތުރުން މުސްކުޅިންނަށް އަނިޔާކުރާ މައްސަލަތައް ފާހަގަވި ނަމަވެސް، މިހާރު އެއަށްވުރެ ބޮޑަށް އެފަދަ ޖަރީމާތައް ތަކުރާރުވަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށް "ޒީރޯ ޓޮލަރެންސް" ސިޔާސަތު މިހާރު އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށް ޖަމިއްޔާގެ ފަރާތްތަކުން ބުންޏެވެ.

މި ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓާ ޑރ. އައިމިނަތު ޖަމީލު ވިދާޅުވީ، ކުޑަކުދިންނަށާއި އަންހެންނުންނަށް ކުރާ އަނިޔާތައް ހުއްޓުވޭނީ އެފަދަ މައްސަލަތައް ރިޕޯޓްކޮށްގެން ކަމަށެވެ. މިދިޔަ ތިން ހަފްތާތެރޭ އެކަނިވެސް ޖިންސީ ހާނީއްކައިގެ 27 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވަރަށް ބޮޑަށް ބާރު އަޅަމުންދާ ކަމުގައިވެސް މިނިސްޓާ ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުންގެ ކަމުގައިވާ ޑރ. އަފްރާޝީމް އަލީއާއި އިމްތިޔާޒް ފަހުމީގެ އިތުރުން މުހައްމަދު ނިހާން ހުސެއިން މަނިކު ވެސް މި ހިނގާލުމުގައި ބައިވެރިވެވަޑައިގަތެވެ. އަދި ފިލްމީ ތަރިންގެ އިތުރުން ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ މަދަނީ ޖަމިއްޔާތައް ކަމުގައިވާ ކެއާ ސޮސައިޓީއާއި ހޯޕް ފޯ ވިމެން އާއި ސުވޮޑްް އާއި ޖޭސީއައި އާއި ރެޑް ކްރެސެންޓްގެ އިތުރުން ބައެއް އެހެނިހެން ޖަމިއްޔާތައް ވެސް ބައިވެރިވި އެވެ.

އެހެންނަމަވެސް، މިފަހަރުގެ ހިނގާލުމުގައި އެހާ ގިނަ އާއްމުންނެއް ބައިވެރިއެއް ނުވެ އެވެ. އެއީ އިއްޔެ ބާއްވަން އޮތް މި ހިނގާލުން ވިއްސާރައާ ހެދި ފަހުވަގުތު މިއަދަށް ފަސްކުރަން ޖެހުމުން ކަމަށް ޖެންޑާގެ އޮފިޝަލުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު