ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކު މަރާލައިފި

ނޫމަރާ ރީޑުއްފިލާ: އެ ކުއްޖާ މަރާލި ގެ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ށ. އަތޮޅު ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރާލައިފި ކަމަށް އެ ރަަށު ކައުންސިލުން ބުނެފި އެވެ.

ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާން ދެންމެ ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގި ކަމަށް ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ބޮޑަށް ބެލެވެނީ އެ ކުއްޖާގެ މަންމަ އެ ކުއްޖާ މަރާލީ ކަމަށެވެ. އަދި އެ ކުއްޖާ މަރާލާފައި ވަނީ ގަޔަށް ވަޅިހަރައިގެން ކަމަށް ބެލެވޭ ކަމަށެވެ.

"ތަންތަނަށް ވަޅި ހަރާފައި ހުރީ. ވަޅި ވެސް އެބަ އޮތް ލޭތަކާ އެކު ކަބަޑުގައި ބާއްވާފައި. އެ ކުއްޖާ އޮތީ ބަންޑުން ކަމަށްވާތީ ވަޅި ހަރާފައި ވަނީ ކޮންކޮން ތަންތަނަކަށް ކަމެއް އަދި ނޭނގޭ،" ވިޝާން ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ހަތަރު އަހަރުގެ އެ ކުއްޖާގެ މަންމައަކީ ކޮންމެވެސް ވަރަކަށް ބުއްދި ހަމަނުޖެހޭ މީހެއް ކަމަށާއި އެ ދެމައިން ރޭ ނިދީ އެއް ކޮޓަރީގައި ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި އެ މައްސަލަ ކައުންސިލަށް ރިޕޯޓް ކުރީ އެ ކުއްޖާގެ ކާފަ އެވެ. އަދި ކާފަ ފަތިސް ނަމާދަށް ހޭލުމަށް ފަހު، އެ ކޮޓަރި ބަލާލި އިރު އެ ހާދިސާ ހިނގައިގެން އުޅޭ ކަމަށާއިި އޭނާ ވަގުތުން ކައުންސިލަށް އެންގި ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ށ. ފުނަދޫގައި ތިބޭ ފުލުހުން އެ ރަށް ގޮސް މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

"އެ ސަރަހައްދު ޓޭޕް ދަމައި ބަންދުކޮށްގެން ފުލުހުން އެބަ ތަހުގީގު ކުރޭ. އެ ބޭފުޅުން އަދިވީ އެތެރޭގައި." އެ ރަށު ރީޑުއްފިލާގައި ހިނގި ހާދިސާއާ ގުޅޭ ގޮތުން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފުލުހުން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކުރީ ރޭ ފަތިހު 5:40 އެހާކަންހާ އިރު ކަމަށާއި ފުނަދޫގައި ތިބޭ ފުލުހުން އެ ރަށަށް ގޮސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ހދ. އަތޮޅުގައި ތިބޭ ފެމެލީ އެންޑް ހެލްތު ކެއާގެ ޓީމަކާއި ފުލުހުންގެ ފޮރިންސެކް ޓީމެއް އެ ރަށަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ރޭ އެގޭގައި ނިދީ އެ ދެމައިންނާއި އެ އަންހެން މީހާގެ މަންމަ އާއި ބައްޕަގެ އިތުރުން އެ އަންހެން މީހާގެ އެއްބަޑު އެއްބަފާ މީހެކެވެ.

އެ ހާދިސާ ހިނގި އިރު އެއިން މީހަށް އެއްވެސް އަޑެއް ނީވޭތޯ ދެންނެވުމުން ކައުންސިލްގެ ރައީސް ވިދާޅުވީ އެދެމައިން ނިދި ކޮޓަރިއަކީ ސީލިންގްކޮށް ވަރަށް ބޮޑަށް ބަންދުވާ ގޮތަށް ހުރި ކޮޓަރިއެއް ކަމުން އެއްވެސް އަޑެއް ބަޑެއް ނީވުނީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ އާއިލާއަކީ 2007 ވަނަ އަހަރު ށ. ފުނަދުއަށް، ނޫމަރައިން ބަދަލުވި އާއިލާ އެކެވެ. އެ އަންހެންމީހާގެ އަދި އިތުރު އަންހެން ކުދިން ތިބެ އެވެ. އެ ތަނުން އެއް ކުއްޖަކު، ރޭ އެ ހާދިސާ ހިނގި އިރު ހުރީ އެގޭގެ އެހެން ކޮޓަރިއެއްގަ އެވެ. ބޮޑު ކުއްޖާ ހުރީ އޭނާގެ ބައްޕަގެ ފަރާތު މާމަކައިރީ ފުނަދޫގަ އެވެ. ބައްޕަވީ ވަޑާމުގެ މަސައްކަތުގައި ހދ. އަތޮޅަށް ގޮހެވެ.

comment ކޮމެންޓް