މަރޭ: ދިވެހި ކުޅިވަރުގެ އިންސްޕިރޭޝަނަލް ލީޑަރެއް!

ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރާ ދިވެހި ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިސްމާޢީލް ޢީސާ (މެސީ) އާއެކު މަރުޒޫޤް މަޑުކޮށްލައިގެން --- ފޮޓޯ/ އިމޭޖަސްޑޮޓްއެމްވީ

އޭނާގެ ވާހަކަ ކިޔުންތެރިންނަށް ދޭހަކޮށްދިނުމަށް ޓަކައި ފަށަންޖެހޭނީ ބާސެލޯނާގެ ފުޓްބޯޅައިގެ ރަން ދުވަސްވަރުގެ ފެށުން އެމީހަކާ ގުޅިފައިވާ ހޮލެންޑްގެ ކުރީގެ ފުޓްބޯޅަ ތަރި ޔޯހާން ކްރައިފްގެ ވާހަކައިންނެވެ. ނަވާރަސަތޭކެ ހަތްދިހަ ތިން ވަނަ އަހަރު ބާސާއާ ގުޅުމަށް ފަހު ކްރައިފް ވަނީ، 1960 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބާސާއަށް ސްޕެނިޝް ލީގް ކާމިޔާބު ކޮށްދީފަ އެވެ. ސްޕެނިޝް ލީގް ބާސާ ކާމިޔާބު ކުރީ ސްޕޭނާއި ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރަމުންދިޔައީ ބާސެލޯނާއާ އެންމެ ވާދަވެރި ކުލަބު ރެއާލް މެޑްރިޑްގެ މައްޗަށް 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައިގެންނެވެ. މިއަދު ބާސާގެ ޓިކީ-ޓަކާ ސްޓައިލްއާއި މެދުކެނޑުމެއް ނެތި އެއް ޓެމްޕޯއެއްގައި ޕާސިން ގޭމް ކުރިއަށް ގެންދިއުމުގެ ފަންނުވެރި ކުލަ ބާސާގައި ލިޔެ އެކުލަވައިލައި ތައްގަނޑު ޖެހީ ކްރައިފްގެ މާލިމީ ކަމުގެ ދަށުންނެވެ.

ސާދަ އަހަރުގެ މެދު ކެނޑުމަކަށް ފަހު 1974 ވަނަ އަހަރު ބާސާއަށް ސްޕެނިޝް ލީގް ކާމިޔާބުކޮށްދިނުމުން ނިއުޔޯކް ޓައިމްސް ދުވަހު ނޫހުގައި ލިޔެފައިވެ އެވެ.

"އެތައް އަހަރުތަކެއް ވަންދެން ކެޓަލޯނިއާގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރަމުންދިޔަ ސިޔާސިންނަށް ވުރެ، 90 މިނެޓް ތެރޭގައި ކްރައިފް ކެޓަލޯނިއާގެ ހައްގުގައި މަސައްކަތްކޮށްފި" އެވެ.

މިއީ ކުޅިވަރުގެ ދާއިރާއިން އެތައް މިލިއަން ބަޔަކަށް ހިތްހަމަޖެހުން ގެނެސްދިން ކްރައިފްގެ ވާހަކަ އެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ވެސް އެފަދަ އިންސްޕިރޭޝަނަލް ލީޑަރުން އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (މަރޭ) އެވެ.

ކުރިން ފުޓްބޯޅަ ކުޅުއްވި މަރޭ އަކީ ކުޅިވަރު ހިންގެވުމުގެ ދާއިރާގައި ރާއްޖޭގެ އެންމެ ހަރަކާތްތެރިކޮށް ފެންނަ އެއް ނަމެވެ. ކުޅިވަރު ހިންގުމުގެ ދާއިރާއާ ގުޅުމަށް ފަހު މަރޭ އެންމެ ބޮޑަށް އުފެއްދެވި އެއް ސުވާލަކީ ރާއްޖޭގައި "ސިންތަޓިކްސް ޓްރެކެއް ނުވަތަ އޮލިމްޕިކް ސްވިމިން ޕޫލެއް ނެތޭ ކިޔާފައި ރާއްޖެއިން ގޭމްސްތަކުގައި މެޑަލް ހޯދުމުގެ ވާހަކަ ނުދައްކައި ތިބެންވީހޭ" ބުނެ އުފެއްދެވި ސުވާލެވެ.

ރާއްޖޭގެ ބައެއް އެތުލީޓުންނާއެކު މަރުޒޫޤް (މ) ފޮޓޯއަކަށް ހުއްޓިލައިގެން --- ފައިލް ފޮޓޯ

މިސުވާލު ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުންނާއި ކުޅިވަރު ކުޅުންތެރިންގެ ހިތުގައި އުފެއްދުމަށް އެކި މުނާސަބަތުގައި މަރޭ ވަނީ މިވާހަކަ ދައްކަވާފަ އެވެ. އެތުލީޓުންނާއި ކުޅުންތެރިންގެ ހިތުގައި ވެސް މިސުވާލު އުފެދި އެ ފަރާތްތައް ތަމްސީލްކުރާ ޖަމިއްޔާތަކުންވެސް ތިބީ މިސުވާލަށް ޖަވާބެއް ބޭނުންވެފަ އެވެ. އޭނާ އަމިއްލަ އަށް އުފެއްދެވި ސުވާލަށް ޖަވާބު ދެއްވުމަށް ޓަކައި މަރޭ ގެންގުޅުއްވީ އެހެން ވިސްނުމެކެވެ. އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ކުޅިވަރުތަކަށް ސްކޮލާޝިޕް ހޯދައިދީ، އެ ސްކޮލާޝިޕް މެދުވެރިކޮށް ދިވެހި އެތުލީޓުންނަށް ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމެވެ. ޖަމައިކާއާއި ބޮޓްސުވާނާ ފަދަ ތަންތަނަށް ދިވެހި އެތުލީޓުން ފޮނުއްވައި ޓްރޭނިން ހެދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. ބައިނަލްއަގްވާމީ ގިންތީގެ އެތުލެޓިކްސް އިންސްޓްރަކްޓަރުންގެ ޓެކްނިކަލް އެހީތެރިކަން ދިވެހި އެތުލީޓުންނަށް ފޯރުކޮށްދެއްވުމެވެ.

އޮލިމްޕިކް ކޮމިޓީގެ އިސް މަގާމެއްގައި ހުންނަވައި ކުޅުންތެރިންނާ އެއް ސަފެއްގައި މަރުޒޫގު މަސައްކަތް ކުރެއްވި އެވެ. ކުޅުންތެރިންނަށް ނާކާމިޔާބުވާ ވަގުތުގައި ވެސް ކުޅުންތެރިންގެ ކޮންޑަށް އަތްލައިގެން ހިތްވަރު ދެނީ އޭނަ އެވެ. ކާމިޔާބުވުމުން އޭނާގެ ލޮލުން ކަރުނަ ހިލެ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދުމުން ލިބުނު އުފަލާ އެކު މަރޭ ރޯންފެށިތަން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަވަރު ކުރި ދިވެހި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ހަސަން ސާއިދާއެކު މަރުޒޫޤް --- ފޮޓޯ/ އިމޭޖަސްޑޮޓްއެމްވީ

މަރުޒޫގު ދައްކަވާ ވާހަކައަކީ ދިވެހި ކުޅުންތެރިންނަށާއި އެތުލީޓުންނަށް ފުރުސަތު ތަނަވަސްކޮށްދޭންވީ އެވެ. ފުރަތަމަ ފަހަރު ކާމިޔާބު ނުލިބުމަކީ ޖެހިގެން އަންނަ ފަހަރު ފުރުސަތު ނުލިބެންވީ ސަބަބެއް ނޫނެވެ.

ސައުތު އޭޝިއަން ގޭމްސް ކައިރިވި އިރު ރާއްޖޭގެ ބައެއް ކުޅިވަރުތަކަށް ގޭމްސްއަށް ނުފޮނުވަން ކުޅިވަރުގެ ގައުމީ މަޖިލީހުން ނިންމުމުން، ކުޅުންތެރިން ޑީމޯޓިވޭޓް ވެފައިވާ މިންވަރު މަރުޒޫގަށް އެނގެ އެވެ. ފުރުސަތު ނުލިބުނު ކުޅިވަރުތަކުގެ ކުޅުންތެރިން އެކުޅުންތެރިންގެ އިހްސާސްތައް ބަނޑުންކޮށްލަން ކެރުނީ އެކުޅުންތެރިންގެ އިންސްޕަރޭޝަނަލް ލީޑަރު މަރޭ ކައިރީގަ އެވެ.

ޓޭބަލްޓެނިސް ކުޅުންތެރިޔާ މައިޒަރު އާދަމް ޒާހިރާއި މަރުޒޫޤް --- ފައިލް ފޮޓޯ

ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ގޮތްތަކެއް ހޯދުމަށް އޭނާ މަސައްކަތް ކުރި އެވެ. ބައެއް ކުޅިވަރުތަކުން މުބާރާތަށް ތައްޔާރުވެފައިވަނިކޮށް ލިބުނު މެސެޖަށް މަރުޒޫޤް ދެއްވި ޖަވާބަކީ ކުރު އެހެނަސް ފުން މާނައެއް އެކުލެވޭ ޖުމުލައެކެވެ.

"އަޅުގަނޑަކީ އުންމީދު ކަނޑާލާ މީހެއް ނޫން އިރާދަކުރެއްވިޔާ ހަމަޖެހޭނެ. އަޅުގަނޑު ދަންނަވާނީ އެސޯސިއޭޝަންތަކާއި އެތުލީޓުން އުންމީދު ކަނޑާނުލާށޭ 91 ވަނަ މިނެޓްގައި ވެސް އަޅުގަނޑުމެން ހުއްނާނެ ލަނޑުޖަހައިގެން މޮޅުވެ ތަށި ހޯދާފައި،" އެތުލީޓުންނަށް ދެއްވި މެސެޖުގައި މަރުޒޫޤް ވިދާޅުވި އެވެ.

ޓޭބަލް ޓެނިސް ކުޅުންތެރިޔާ އަޙްމަދު އަޖުފާން (ކ) އާއި ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ ނަޖީބު (ވ) އާއި މަރުޒޫޤް --- ފައިލް ފޮޓޯ

ތެދެކެވެ. ރާއްޖޭގައި ސިންތެޓިކްސް ޓްރެކެއްވެސް އަދި އޮލިމިޕިކް ސްވިމިންގް ޕޫލެއް ވެސް ނެތެވެ. ނަމަވެސް މަރުޒޫޤް އެތުލީޓުންގެ ސިކުޑިއަށް ވިސްނައިދިނީ ސްވިމިންގ ޓްރެކެއް ނެތަސް ސިންތަޓިކްސް ޓްރެކެއް ނެތަސް ރާއްޖެއަށް މެޑަލް ހޯދޭނެ ކަމެވެ. ދިވެހި އެތުލީޓުންގެ ބަހުންނަމަ އެއީ 'މަރޭގެ ފޯމިއުލާ' އެވެ.

ދިވެހި އެތުލީޓުންނަށް އޭނާ ދިން އިންސްޕިރޭޝަނާއި ތަނަވަސްކޮށްދިން ފުރުސަތުތަކާ އެކު މިއަދު ދިވެހި އެތުލީޓުން ސަރަހައްދީ މުބާރާތްތަކުގައި މެޑަލް ހޯދަން ފަށައިފިއެވެ. ރަން މެޑަލަކީ ދިވެހި އެތުލީޓުންގެ ރަދީފުގައި ލިޔެވިފައި ނެތް ބަހެއްގެ ގޮތުގައި ވަނިކޮށް އެ ވިސްނުން ދިވެހި އެތުލީޓުންގެ މެދުގައި އާންމު ކުރެއްވީ މަރޭއެވެ. ދިވެހި އެތުލީޓުންވެސް އެކަން ފާހަގަ ކުރެއެވެ. މަރޭ އަކީ ހަމަ ހަގީގަތުވެސް ދިވެހި ކުޅިވަރުގެ އިންސްޕިރޭޝަނަލް ލީޑިރެކެވެ.

comment ކޮމެންޓް