ފަހަކަށް އައިސް ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް ބާރު އެޅުމުގެ ގޮތުން ހެލްތު މިނިސްޓްރީ އާއި ރާއްޖޭގެ ބައެއް ޖަމިއްޔާތައް ގުޅިގެން މާދަމާ މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.
މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު އިއްޔެ ވިދާޅުވީ ހުކުރު ދުވަހު މުޒާހަރާ ކުރަން ނިންމީ އިއްޔެ އައްޑު އަތޮޅުގައި ދޮށީ އުމުރުގެ އަންހެނަކަށް އިންސާނިއްޔަތާ ހިލާފު އަނިޔާތަކެއް ދީފައި ވުމާއި އެނޫން ވެސް އެފަދަ ކަންތައްތައް ފަހަކަށް އައިސް އާއްމުވެފައި ވާތީ ކަމަށެވެ.
"އިއްޔެ ވެސް އެވަނީ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ދީފައި. އައްޑު އަތޮޅުގައި ހިނގި ހާދިސާގައި އަނިޔާވި މީހާ މިހާރު ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައި. ލިބުނު އަނިޔާގެ ސީރިއަސް ކަމުން." އަނީސާ ވިދާޅުވި އެވެ.
އަނީސާ ވިދާޅުވީ ހުކުރު ދުވަހު ބާއްވާ މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅެނީ ހެލްތު މިނިސްޓްރީގެ އިތުރުން "ހޯޕް ފޯ ވިމެން" ނަމަކަށް ކިޔާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކާއި މަންފާ ސެންޓަރުގެ އިސްފަރާތްތަކެވެ.
ހުކުރު ދުވަހު 4.00 ގައި ސޯޝަލް ސެންޓަރު ކައިރިން ފެށުމަށް ހަމަޖެހިފައިވާ މުޒާހަރާ ނިންމާލުމަށް ހަމަޖެހިފައި ވަނީ ހެދިގޮނޑުދޮށު ސަރަހައްދަށް ކަމަށް އަނީސާ ވިދާޅުވި އެވެ. އެ މުޒާހަރާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެކަން އިންތިޒާމް ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.