އަސާންޖެ މައްސަލައިގައި ޔޫއެން ވޯކިން ގްރޫޕްގެ ނިންމުމަށް އިނގިރޭސިން ތަބައެއްނުވި

މަޝްހޫރު ވިކިލީކްސް ވެބްސައިޓްގެ ފައުންޑަރ ޖޫލިއަން އަސާންޖް -- ފޮޓޯ: ބީބީސީ

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިއްރު ލިއުންތައް ބޭޒާރުކޮށްލާފައިވާ ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖް އިނގިރޭސިވިލާތުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާއަށް ބަދަލުދޭން ޖެހޭނެ ކަމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެޝަން އިން ނިންމުމުން އެ ނިންމުމަށް ތަބާ ނުވާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

ޔޫއެންގެ ޕެނަލްގެ ނިންމުމަކީތާކުން ތާކު ނުޖެހޭ ނިންމުމެއް ކަމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ފިލިޕް ހެމޮންޑް ވިދާޅުވި ކަމަށް ބީބީސީ ބުންޏެވެ. ހެމޮންޑް ވިދާޅުވެފައި ވަނީ އެނިންމުމާ ދެކޮޅު ހައްދަވާ ކަމަށާއި އަސާންޖް އުޅެނީ އިންސާފަށް ފިލަން ކަމަށެވެ.

އަސާންޖް ބުނެފައި ވަނީ ޔޫއެން ވޯކިން ގްރޫޕުން އެގޮތަށް ނިންމުމަކީ އޭނާއަށް ލިބުނު ފާހަގަކޮށްލެވޭ ފަދަ ނަސްރެއް ކަމަށާއި އެ ނިންމުމަށް އިނގިރޭސި ސަރުކާރުން އަމަލުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ބުނީ އެނިންމުމާ ރަސްމީކޮށް އިނގިރޭސި ސަރުކާރުން ދެކޮޅު ހަދާނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއްކަމަށްވާ އުމުރުން 44 އަހަރުގެ އަސާންޖް އިނގިރޭސިވިލާތުގައި 2010 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނީ އޭނާ މީހަކު ރޭޕްކުރި ކަމަށް ސްވިޑުން އިން ކުރާ ތުހުމަތަކާ ގުޅިގެން ޔޫރަޕިއަން ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކުރުމުން އޭނާ ވަނީ ލަންޑަންގައި ހުންނަ އިކުއެޑޯގެ އެމްބަސީއަށް ވަދެ އެތަނުން ހިމާޔަތްހޯދާފަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން އަންނަނީ އެތަނުގަ އެވެ.

comment ކޮމެންޓް