ނުރައްކާތެރި ނުވަ މީހުންގެ 40 މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅާފައިވޭ

މުޖްތަމައުމަށް ނުރައްކާތެރި ކަމަށް ފުލުހުން އާންމުކޮށްފައިވާ ނުވަ މީހުންގެ އެކި ބާވަތްތަކުގެ 40 މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ނުރައްކާތެރި ކަމަށް ފުލުހުން ހާމަ ކުރި ނުވަ މީހުންގެ 40 މައްސަލައެއް މިހާތަނަށް ފުލުހުސް އޮފީހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ އޮފީހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ އެންމެ ތިން މައްސަލައެއްގައި ކަމަށާއި އޭގެ ތެރެއިން ދެ މައްސަލައަކީ މިދިޔަ ހަފުތާގައި އެ އޮފީހަށް ލިބުނު ދެ މައްސަލަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ކަންބޮޑުވެގެން ފުލުހުން މި ވިދާޅުވާ ނުވަ މީހުންގެ ތެރެއިން ތިން މީހެއްގެ މައްސަލަ އަޅުގަނޑުމެންގެ އަތުގައި އޮތީ. މި ނުވަ މީހުންގެ ތެރެއިން މައްސަލަތަކުގެ ތެރެއިން ތިން މައްސަލައަކީ މިދިޔަ ހަފުތާގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބުނު ދެ މައްސަލަ،" ޝަމީމް ވިދާޅުވި އެވެ. "މި މައްސަލަތަކަށް ވެސް އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނަން،"

ޕީޖީ އޮފީހުން ބުނީ މިހާތަނަށް ނުވަ މީހުންގެ 40 މައްސަލަ އެ އޮފީހަށް ލިބިފައިވާއިރު އޭގެ ތެރެއިން އެއް މައްސަލަ މައުލޫމާތު އިތުރަށް ސާފު ކުރުމަށް ފުލުސް އޮފީހަށް ފޮނުވާލާފައިވާނެ ކަމަށާއި އިތުރު މައްސަލައެއްގައި ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ. އެ ނުވަ މީހުންގެ 17 މައްސަލައެއް މިހާރު ކޯޓުތަކުގައި ހިނގަމުންދާއިރު 16 މައްސަލައެއް ކޯޓުން ނިމިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އޭގެ ތެރެއިން ދައުވާ ސާބިތުނުވާ ކަމަށް ހަތް މައްސަލައެއް ނިމިފައިވާއިރު ސާބިތުވާ ކަމަށް ނުވަ މައްސަލައެއް ނިމިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ޝަމީމް ވިދާޅުވީ ބައެއް މައްސަލަތަކުގައި ތަހުގީގުގައި ލިބޭ ހެއްކާއި ޝަރީއަތުގެ މަޖިލީހުގައި ލިބޭ ހެކި ތަފާތުވަމުންދާ ކަމަށެވެ. އަދި ވަރަށް ސާފުކޮށް ކަމެއް ފެނުނު ކަމަށް ތަހުގީގުގައި ބުނާ ފަރާތްތަކުން ޝަރީއަތުގެ މަޖިލީހަށް ގޮސް ނުފެންނަ ކަމަށް ބުނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ މިފަދަ މައްސަލަތަކުގެ ސަބަބުން ވެސް ކުށް ސާބިތުނުވެދާ ކަމަށާއި ކަނޑައެޅިގެން ދޮގު ހެކި ދޭ މީހުންނާމެދު ދައުވާ ކުރައްވާނެ ކަމަށެވެ.

"ބައެއް މައްސަލަތަކުގައި އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް ހެކި ނުލިބި އެބަ ދޭ. އަޅުގަނޑުމެންނަށް ތަހުގީގު މަރުހަލާގައި ލިބޭ ހެކި ނުވަތަ ހެކިބަސް ދޭ މީހުން ކޯޓަށް ގޮސް ތިމަންނަމެން ހަނދާން ނެތުނީއޭ ނުވަތަ އެއްވެސް ވަރަކަށް ނުދެކެމޭ ބުނާތަން އެބަ އާދޭ،" ޝަމީމް ވިދާޅުވި އެވެ. "ކުދިކުދި އޮޅުންތައް އަރާފާނެ. އެކަމަކު ދިމާލަށް ސާފުކޮށް ދޮގު ހަދާ މައްސަލަތަކުގައި އަޅުގަނޑުމެން ދައުވާ ކުރާނަން."

އޭނާ ވިދާޅުވީ މިހާތަނަށް އެގޮތަށް މަރުގެ މައްސަލައެއްގައި ދޮގު ހެކިދިން ދެ މީހެއްގެ މައްޗަށް ދައުވާކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ކުށް ސާބިތު އެ ދެ މީހުން ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކުށްތައް ގިނަވެފައިވާ މި ދުވަސްކޮޅު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނާއި ގޭންގް ކުށްތައް މަނާ ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ވަރަށް ބޮޑު ފައިދާތަކެއް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ތޫނު ހަތިޔާރެއް ގެންގުޅުނު ނަމަވެސް ދައުވާ ނުކުރެވޭ ކަމަށާއި އެކަމަކު މިހާރު އެއްވެސް ސަބަބެއް ނެތި ތޫނު ހަތިޔާރެއް ގެންގުޅެފި ނަމަ ދައުވާ ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އަދި ގޭންގް ކުށްތައް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ވެސް ދައުވާއެއްކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ބައެއް މައްސަލަތަކުގައި ފުލުހުންނާއެކު ތަހުގީގުގައި ވެސް އެ އޮފީހުން ހަރަކާތްތެރިވެފައިވާނެ ކަމަށާއި ހިތްހަމަޖެހޭ ވަރަށް ހެކި ލިބެންދެން މަސައްކަތް ކުރުމަށް ފުލުހުންނަށް އަންގާފައި ވެސް ވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު