އުއްމުހާތުލް މުއުމިނީންގެ ތެރެއިން އުއްމުލް މުއުމިނީން: އައްސައްޔިދާ ޙަފްސާ ބިންތި ޢުމަރު ރަޟިޔަ ﷲ އަންހާ (ދެވަނަ ބައި)

(26 ޖެނުއަރީގެ އަދަދާ ގުޅޭ)

ޞަޙާބީންގެ އެހެނިހެން ބޭބޭކައުކަނބަލުންނާ މުޅިން ތަފާތުގޮތަކަށް މަދީނާއަށް ހިޖްރަކުރެއްވި ބޭކަލަކީ، السّيّدة حفصة رضى اللّـه عنــها ގެ ލޮބުވެތި ބައްޕާފުޅެވެ. އެކަލޭގެފާނު ހިޖްރަޔަށް ވަޑައިގަންނަވަން ގަސްދުކުރެއްވުމާއެކު، އެކަން ފާޅުގައި އިޢުލާން ކުރެއްވިއެވެ. ހަތިޔާރު އަޅުއްވައިގެން ޙަރަމުފުޅުގެ ތެރެއަށް ވަޑައިގެން ފާޅުގައި ޠަވާފުލްވަދާޢު ކުރެއްވުމަށްފަހު، ޤުރައިޝުންގެ މަޖްލިސްތަކުގެ ކުރިމައްޗަށް ވަޑައިގެން ވިދާޅުވިއެވެ. "އަހަރެން މިދަނީ މި ކުފުރުގެ ގޮވަތި ދޫކޮށްލައިފައި މަދީނާއަށް ދާށެވެ. ތިޔައިގެ ތެރޭގައި އަމާ ހޭރުވައިލައި ނިކަމެތިކޮށްލާން، ނުވަތަ އަނބިމީހާ ހުވަފަތްކޮށް ހުއްސަރިބައިކޮށްލާން ނުވަތަ ދަރީން ޔަތީމުކޮށްލަން އެދޭމީހަކު ހުރިކަމުގައިވާނަމަ، އަހަރެންގެ ފަހަތުން އައިސް، މި މައްކާގެ ޙަރަމުގެ ބޭރުން ނިކަން އަހަންނާ ބައްދަލުކޮށްބަލާށެވެ." عمر ގެފާނުގެ ހައިބަތާހުރެ، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މުޝްރިކުންގެ އެކަކަށްވެސް އިސްއުފުލައި ބަލައިލާކަށެއްވެސް ލާހިކެއް ނުވިއެވެ.

عمر رضى اللّـه عنــه އެކަލޭގެފާނުގެ އަރިހުގައި ޞަޙާބީންގެ ޖަމާޢަތެއްގެ ބޭކަލުން މަދީނާއަށް ގެންދެވިއެވެ. އޭގެތެރޭގައި، އެކަލޭގެފާނުގެ ދަރިކަނބަލުން السّيّدة حفصة رضى اللّـه عنــها އާއި، ދަނބިދަރިކަލުން خُنَيْس بن حُذافة ވެސް ހިމެނިވަޑައިގެންނެވިއެވެ. عمر بن الخطّاب رضى اللّـه عنــه ގެ ޢާއިލާއަށް މަދީނާއިން މަރްޙަބާ ވިދާޅުވީ، رفاعة بن عبدالمنذر رضى اللّـه عنــه އެވެ. އެކަލޭގެފާނު، عمر ގެފާނުގެ ޢާއިލާގެ މެމްބަރުންނަށް ނުހަނު އިޙްތިރާމާއެކު މެހްމާނުދާރީ އަދާކުރެއްވިއެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެން އަންޞާރުންނާއި މުހާޖިރުން އަޚުކޮށްދެއްވިއިރު، خُنَيْس بن حُذافة ގެ ދީނީ އަޚެއްކަމުގައި ހަމަޖައްސަވައިދެއްވީ، أبو عُمَيس بن جبر الأنصارى رضى اللّـه عنــه އެވެ. އެކަލޭގެފާނަކީވެސް ޢަސްކަރީ މައިދާނުގެ ވަރަށް މަޝްހޫރު އަސްވާރެކެވެ. އެ ދެބޭކަލުންނަކީވެސް، ނަބަވީ ދަރުބާރުން އުފެއްދެވި ކެޑެޓް ސްކޫލުގެ ދެ ދަސްވެނީންނެވެ.

ހުވަފަތްވެވަޑައިގަތުން

السّيّدة حفصة رضى اللّـه عنــها ގެ ދެމަފިރިކަނބަލުން މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު، އަނެއްކާވެސް ހަމަޖެހިވަޑައިގެން އުފާފުޅުން ދިރިއުޅުއްވާން ފެއްޓެވިއެވެ. حفصة رضى اللّـه عنــها އެންމެ ކުރައްވާ ހިތްޕުޅުވާ ކަމަކަށް ހެއްދެވީ، ޢިލްމު އުނގެނިވަޑައިގަތުމެވެ. جبريل الأمين، ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހަށް ގެންނަވާ ކޮންމެ ވަޙީބަސްފުޅެއް، އިތުރު ސާހިބާގެ އަރިހުން އަޑުއައްސަވައި، ދަސްފުޅު ކުރެއްވުމެވެ. އެބަސްފުޅުތަކުގެ މާނައާއި ޝަރަޙަ، ހިތްޕުޅުގައި ބިންވަޅު ނެންގެވުމެވެ. ކައުސާހިބާ صلّى اللّـه عليه وسلّم މުސްލިމުންނަށް ދެއްވަމުން ގެންދަވާ އިރްޝާދުތަކާއި ނަސޭހަތްޕުޅުތަކާއި، ދަސްކޮށްދެއްވާ ޙުކުމްތަކާއި، ޙިކުމަތްތަކުގެ ވީހާވެސް ބޮޑުބައެއް ހިތްޕުޅުގައި ޚަޒާނާ ކުރައްވަމުން ގެންދެވުމެވެ. އެކަންކަން ފަހުމުކުރައްވައި، ތަދައްބުރު ކުރެއްވުމެވެ.

މުސްލިމުން މަދީނާއަށް ހިޖްރަކުރުމަށްފަހު، މަދީނާގައި ހަމަޖެހިނުލެވި އުޅެނިކޮށް، މައްކާގެ މުޝްރިކުން ވަނީ މަދީނާގެ އިސްލާމީ ދައުލަތާއި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައެވެ. މުސްލިމުންނަށް މަދީނާގައި ފައިތިލަ ސާބިތުކުރުމުގެ ފުރުޞަތު ލިބުނަނުދީ މުސްލިމުން ވުޖޫދުން ފޮހެލުމަށްޓަކައެވެ. އެގޮތުން މުޝްރިކުން ގެންދިޔައީ މަދީނާގެ ޔަހޫދީންނާއި މުނާފިޤުންނާ ގުޅިގެން ސިއްރާއި ފާޅުގައި ނިރުބަވެރި ޙަރަކާތްތައް ހިންގަމުންނެވެ. މުޝްރިކުން ގެންދިޔައީ، އިސްލާމީ ދައުލަތުގެ ސަރަޙައްދަށް، ގަވާއިދާ ޚިލާފަށް ވަދެ، މުސްލިމުންގެ މުދާ ލޫޓުވަމުންނެވެ. އިސްލާމީ ދައުލަތުގެ ހުއްދަ ހޯދުމަކާނުލައި، އެދައުލަތުގެ ސަރަޙައްދުން ގަވާއިދާ ޚިލާފަށް ދަތުރުފަތުރުކޮށް، އިސްލާމީ ދައުލަތުގެ ސިޔާދަތީ ޙުރުމަތަށް އަރައިގަންނަމުންނެވެ.

އެހެންކަމުން، އިސްލާމީ ދައުލަތާއި އިސްލާމީ ދަޢުވަތު ޙިމާޔަތް ކުރެއްވުމަށްޓަކައި ޢަސްކަރީ ބާރެއް އުފައްދަވަން، އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އަށް މަޖުބޫރުވެވަޑައިގެންނެވިއެވެ.

އިސްލާމީ ދައުލަތުގެ ޢަސްކަރީ ބާރެއް އުފެއްދެވީއްސުރެ، خُنَيْس بن حُذافة رضى اللّـه عنــه އަވަދިނެތި އުޅުއްވަމުން ގެންދެވީ، މުސްލިމުންގެ އައު ވަޒަނާއި އިސްލާމީ އުންމަތުގެ ދިފާޢުގައި، ކައުސާހިބާ އުފެއްދެވި ސިފައިންގެ ލަޝްކަރުގެ ޙަރަކާތްތަކުގައެވެ. ޖިހާދުގެ ޝައުޤުވެރިކަމާއި، ޝަހީދުވެވަޑައިގަތުމުގެ އެދުންފުޅުގައި، ޢަސްކަރީ ތަމްރީނުތައް ފުރިހަމަކުރެއްވުމުގައެވެ. މުސްލިމުންގެ އެކިއެކި ދިފާޢީ ޙަރަކާތްތަކަށް އެއްބާރުލުން ދެއްވުމުގައެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އިސްލާމީ ދައުލަތުގެ ސަރަޙައްދު ޙިމާޔަތް ކުރެއްވުމަށްޓަކައި، ޢަސްކަރީ ޔުނިޓުތައް ފޮނުއްވާން ފެއްޓެވީ، ހިޖުރައިން އެއްވަނަ އަހަރުގެ ރަމަޟާންމަހު (މާޗް 623) ގައެވެ. މިގޮތުން ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާންމަހުގެ ފަހުކޮޅު، އިސްލާމީ ދައުލަތުގެ ސަރަޙައްދުން ޤަވާޢިދާ ޚިލާފަށް ޝާމްކަރަޔަށް ދަތުރުކުރި މައްކާގެ މުޝްރިކުންގެ ޤާފިލާއެއް އެނބުރި މައްކާއަށް ދަތުރުކުރި މަގުމަތީން އެ ޤާފިލާ ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އެކުވެރީންގެ ތެރެއިން ތިންސަތޭކަތޭރަ ބޭކަލަކާއެކު ކުރެއްވި ދަތުރުފުޅު އެންމެފަހުން ބަދަލުވެގެންދިޔައީ، ބަދުރުގެ ބޮޑު ހަނގުރާމައަށެވެ. އިސްލާމާއި ކުފުރާ ދެމެދު ނިޔާކަނޑައެޅުން މަޝްހޫރު ބަދުރު ހަނގުރާމައަށެވެ. السّيّدة حفصة رضى اللّـه عنــها ގެ ފިރިކަލުން خُنَيْس بن حُذافة ގެ ހިތްޕުޅުގައި އުފެދިފައިއޮތް ޝަހީދުވެވަޑައިގަތުމުގެ ނަސީބު ހޯއްދެވުމުގެ މުރާދު ޙާޞިލުވެވަޑައިގަތުމުގެ ސަބަބުކަމުގައެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އެ މުހިންމަތުގައި މަދީނާއިން ނުކުމެވަޑައިގަތީ، ރަމަޟާން 2 ހ. ގައެވެ.

السّيّدة حفصة رضى اللّـه عنــها ގެ ޢާއިލާގެ ހަތް މެމްބަރަކު، ބަދުރީ ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގެންނެވުމުގެ ޝަރަފު، އެކަމަނާއަށް ލިބިވަޑައިގެންނެވިއެވެ. އެކަމަނާގެ ފިރިކަލުންގެ އިތުރަށް، ބައްޕާފުޅު عمر بن الخطّاب އާއި، ބޮޑުބޭބޭފުޅު زيد بن الخطّاب އާއި ތިންމާބެއިން ކަމުގައިވާ عثمان بن مظعون އާއި، قدامة بن مظعون އާއި عبد اللّـه بن مظعون އާއި، ދެބޭންގެދެދަރި ބޭކަލެއްކަމުގައިވާ سائب بن عثمان مظعون އާއި، ބައްޕާފުޅުގެ މަވާލީއެއްކަމުގައިވާ مهجع بن صالح އަކީ، ބަދުރީ ޞަޙާބީންނެވެ. އަނެއްކޮޅުން އެކަމަނާގެ ޤަބީލާކަމުގައިވާ عدىّ ވަންހައިގެ އެއްވެސް މީހެއް، ބަދުރު ހަނގުރާމައިގައި މުޝްރިކުންނާ ބައިވެރިއެއް ނުވެއެވެ. އެކަމަނާގެ ބައްޕާފުޅުގެ ހައިބަތަށްޓަކައެވެ. ޝައްކެއްނެތްގޮތުގައި، މިއީ السّيّدة حفصة بنت عمر رضى اللّـه عنــها އަށް ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ޝަރަފެކެވެ. ނުހަނު މަތިވެރި ޢިއްޒަތެކެވެ.

އިސްލާމާއި ކުފުރާ ދެމެދު ހިނގި ޙައްޤާއި ބާޠިލު ވަކިވި މަޝްހޫރު ބަދުރު ހަނގުރާމައިގައި މުސްލިމުންނާއި މުޝްރިކުން ބަދުރުގެ މައިދާނުގައި ބައްދަލުކުރީ، 17 ރަމަޟާން 2 ހ. ގައެވެ. ދެފަރާތުގެ ފަހުލަވާނުން މައިދާނަށް ފައިބައި، މުބާރިޒާ ކުރުމުގެ މަރްޙަލާ ނިމި، ޢާއްމު ޙަމަލަޔަށް ފެނުމާއެކު، خُنَيْس رضى اللّـه عنــه އެކަލޭގެފާނުގެ ކަނޑިކޮޅުން ވިދުވަރު ކަނޑުއްވަމުން ދުޝްމިނުންގެ ސަފުތަކުގެ ތެރެއަށް ވެދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ގަދަފަދަ ޙަމަލަ ފަލަކުތަކުގެ ލޯތަކުން ބަލަމުންގެންދިޔައީ، އަންތަރީސްކަމާއެކުގައެވެ. އައްސަރިބަހާއި ސާބަސް ރައްދުކުރަމުންނެވެ. މުޝްރިކުން ތިބީ ދެލޯބޮޑުވެފައެވެ. ކަޅިހުއްޓިފައެވެ. އެގޮތުގައި އެތައްއިރަކު މުޝްރިކުންނާ ޙަމަލަދެއްވައި، އެއުރެންގެ ސަފުތައް ދޯހަޅިކުރެއްވިފަހުން، މުޝްރިކުންގެ ކަނޑިތަކުން خُنَيْس ގެ ހަށިކޮޅުގައި ވަރަށް ނުރައްކާތެރި ފުން ޒަޚަމެއް އުފެއްދުނެވެ.

އަރަހުށި މާތް اللّـه ބަދުރު ހަނގުރާމައިގައި ފަތަޙައާއި ނަޞްރު މިންވަރުކުރެއްވީ މުސްލިމުންނަށެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ހަނގުރާމަ ނިމުމަށްފަހު ތިންދުވަސްވަންދެން ބަދުރުގެ މައިދާނުގައި ލަޝްކަރާއިގެން މަޑުކުރެއްވިއެވެ. ތިންދުވަސްފަހުން އިސްލާމީ ލަޝްކަރު ފަތަޙައާއި ނަޞްރާއި ކާމިޔާބީގެ ދިދަތައް ވަޔާވިހުރުވަމުން މަދީނާއަށް ދަތުރު ފެށިއެވެ. އިސްލާމީ ލަޝްކަރު މަދީނާއަށް ވާސިލުވުމުން، السّيّدة حفصة بنت عمر رضى اللّـه عنــها އަށް އެކަމަނާގެ ފިރިކަލުންގެ ޙާލުކޮޅު ފެނިވަޑައިގެންނެވިއެވެ. އެކަމަނާ ވަރަށް ދެރަފުޅުވިއެވެ. ނަމަވެސް، ލޮބުވެތި ފިރިކަލުންނަކަށް އެކަމެއް ނާންގަވައެވެ. ފިރިކަލުންގެ ހިތްވަރުފުޅު ގަދަކަމާއި، ބިރުފުޅު ކުޑަކަމާއި، ޖިހާދުގައި ދެއްކެވި ސާބިތުކަމަށް ތާރީފު ކުރެއްވިއެވެ. ބަދުރުގެ މުޖާހިދުންނާ ބެހޭގޮތުން ބާވައިލައްވައިފައިވާ އަންނަނިވި އާޔަތް، ފިރިކަލުންނަށް ހަނދާންކޮށްދެއްވިއެވެ.

"އުފާވެރިކަމުގެ ޚަބަރެއް ކަމުގައްޔާއި، އެކަމުގެ ސަބަބުން، ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމެއް ކަމުގައި މެނުވީ، اللّـه އެކަންތަކެއް ނުލައްވައެވެ. އަދި اللّـه ގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ. ހަމަކަވަރުން اللّـه އީ ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." (الأنفال: 10)

السّيّدة حفصة بنت عمر رضى اللّـه عنــها ނުހަނު އޯގާވެރިކަމާއި، ހަމްދަރުދީއާއި، ހަންހާރަވެތިކަމާއެކު، ލޮބުވެތި ފިރިކަލުންގެ ޙާލުކޮޅު ބައްލަވައި، ހޭހަންކުރައްވަމުން ގެންދެވިއެވެ. خُنَيْس رضى اللّـه عنــه ގެ ޒަޚަމު ކުޑަކޮށް ފުރޭގޮތްވިއެވެ. ނަމަވެސް، މުޅިން ފުރި ފަސޭހަފުޅެއް ނުވިއެވެ. އަރަހުށި މާތް اللّـه سبحانه وتعالى ގެ މިންވަރުފުޅުގައިވަނީ، ޝަހީދުންނަށް ޚާއްޞަ ކުރައްވައިފައިވާ މަތިވެރި ދަރަޖަ، އެކަލޭގެފާނަށް ދެއްވުމަށެވެ. މާކުރީއްސުރެ އެކަލޭގެފާނު ހިތްޕުޅުގެ އަޑީން އެދިވަޑައިގަންނަވަމުން ގެންދެވި ފަދައިންނެވެ. އެހެންކަމުން، އެ ޒަޚަމުގެ ސަބަބުން އެކަލޭގެފާނުގެ ފުރާނަފުޅު، މާތް اللّـه ގެ ޙަޟްރަތަށް ދަތުރުކޮށްފިއެވެ. އަރަހުށި މާތް اللّـه ގެ ޙަޟްރަތުން ރިޒުޤު ލިބިވަޑައިގަންނަވާގޮތުގައި، ދާއިމަށް ދެމިތިއްބަވާ، ޝަރަފުވެރި މާތް ޖަމާޢަތުގައި ޝާމިލުވެވަޑައިގެންފިއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم އަށް خُنَيْس އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާއެކު، ޖަންނަތުލް ބަޤީޢުގައި، السّيّدة حفصة رضى اللّـه عنــها ގެ މާބެ عثمان بن مظعون رضى اللّـه عنــه ގެ މަހާނަފުޅާ ޖެހިގެން، خُنَيْس ފަސްދާނުލުމަށް އަމުރު ކުރެއްވިއެވެ. އިތުރު ސާހިބާ އިމާމުވެވަޑައިގެން، އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކޮށްދެއްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް