"ނުރައްކާތެރި ނުވަ މީހުން" ކަމަށް ބުނެ ފުލުހުން އާއްމުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ)ގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާއި އޭނާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް މިއަދު އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިބްރާހިމް އަބްދުﷲ ދޫކޮށްލުމަށް އަމުރު ކުރީ ފުލުހުން އޭނާގެ މައްޗަށް ކުރާ ދައުވާއާ އޭނާ އާ އެއްވެސް ގުޅުމެއްވާ ކަމުގެ ސާފު ހެކި ފުލުހުންނަށް މިހާތަނަށް ދެއްކިފައި ނުވާތީ ކަމަށެވެ.
"އަބްދުﷲ އިބްރާހިމް ކޯޓުން ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރުކޮށްފައި ހުންނަތާ 10 ދުވަސްވީރު ވެސް ތުހުމަތުކުރާ މައްސަލާގައި އެކަށީގެންވާ ހެކި ފުލުހުންނަށް ދެއްކިފައި ނެތުމާއި ތުހުމަތުކުރާ މައްސަލައާ އޭނާއާ އެއްވެސް ގުޅުމެއްނެތީމާ،" އޮފިޝަލް ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި އިބްރާހިމް އަބްދުﷲގެ ދިފާއީ ވަކީލް ވަނީ އޭނާގެ ބަލިހާލަތު ހުރި ގޮތުގެ ރިޕޯޓެއް ހުށަހަޅާފައި ކަމަށް ވެސް ކޯޓްގެ އޮފިޝަލް ވިދާޅުވި އެވެ. އަދި އޭނާ ދޫކޮށްލުމުގައި ކޯޓުން އެ ރިޕޯޓަށް ރިއާޔަތްކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން އިބްރާހީމް އަބްދުﷲގެ މައްޗަށް ދައުވާކުރަނީ މިދިޔަ މަހު 16 ވަނަ ދުވަހުގެ ރޭ ގަލޮޅު އަލިކިލެގެފާން މަގާއި މަޖީދީ މަގު ގުޅުނު ޓްރެފިކް ލައިޓް ކައިރީގައި މަރާލި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރުގެ މައްސަލައާ ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ މީހެއް ކަމަށް ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން އޭނާ ހައްޔަރުކޮށްފައި ބަހައްޓަން ބޭނުންވަނީ އޭނާ އަކީ މުޖުތަމައުއަށް ނުރައްކާތެރި މީހެއް ކަމަށްވާތީ، އޭނާ ދޫކޮށްލާފައި ބަހައްޓައިފި ނަމަ އޭނާގެ ފަރާތުން މީހަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.
ކޯޓުން އޭނާ ދޫކޮށްލުމަށް ހުކުމް ކުރި ނަމަވެސް އަދި އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"ހަމަބުރު" ކިޔާ ގުރޫޕަކަށް ނިސްބަތްވާ އިބްރާހިމް އަބުދުﷲ އަކީ ތަފާތު އެކިއެކި މައްސަލަތަކުގައި 14 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭނާގެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މާލެ ތެރޭގައި މާރާމާރީ އާއި ވައްކަމާއި ފޭރުން އިތުރުވެފައިވާތީ ފުލުހުން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގައި "ހައި ޕްރޮފައިލް" މީހުންގެ ގޮތުގައި ފާހަގަ ކުރާ ނުވަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ މީހަކު ކޯޓުން މިއަދު ދޫކޮށްލި އިރު އޭގެތެރެ އިން އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.