މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭގޮތަށް މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އިސްލާހުކުރުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލި ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ އިސްލާހް ބަލައި ގަތުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން އިސްލާހް ބަލައިގަތީ އެވަގުތު ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައި ގެންނެވެ. އެ އިސްލާހް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.

އެ އިސްލާހް މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.
މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، ގާނޫނުތަކުން މިހާރުވެސް މަރުގެ އަދަބު ކަނޑައެޅޭ ކަމަށެވެ. އެހެންކަމުން މީހުން މެރުމާއި މާރާ މާރީ ހިންގަނީ ގާނޫނުތައް ނެތިގެން ނޫން ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

"މީހުން މެރުމާއި މާރާމާރީތައް ހިނގަނީ ގާނޫނުތައް ނެތިގެނެއްނޫން. މަރަށް މިހާރުވެސް ހުކުން ކުރެވޭ. އަސްލު މައްސަލައަކީ އިހްލާސްތެރިކަން ނެތުން." މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ވިދާޅުވި އެވެ.

އެހެން މެންބަރުން ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ އެ އިސްލާހަކީ މިހާރު ގައުމުގައި މިހިނގާ މީހުން މެރުމާއި މާރާމާރީ ހުއްޓުވުމަށް ކޮންމެހެން ފާސްކުރަންޖެހޭ އިސްލާހެއް ކަމަށެވެ. އަދި ރާއްޖޭގައި ތިބި ފަނޑިޔާރުންނަކީ އެފަދަ ހުކުމެއް ކުރެވޭވަރުގެ ގާބިލްކަމެއްނެތް ބައެއްކަމަށް ބައެއް މެނަބަރުން ދައްކަވާ ވާހަކައަކީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"ރާއްޖޭގެ 800 އަހަރުވީ ތާރީހުގައި ގާބިލް ރަނގަޅު ފަނޑިޔާރުން ނެތްކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އަދި މަރުގެ އަދަބު ތަންފީޒު ކުރުމަށް މި އޮންނަނީ ޝައްކެއް ނެތްވަރަށް އެކަމަށް ހުކުމް ކުރުމުން. އަދި ދަށު ކޯޓުން އެ ހުކުމް ކުރީމަ ތަންފީޒު ކުރާ ގޮތަކަށް ވެސް ނޫން އޮތީ. ސްޕްރީމްކޯޓުންވެސް އެކަން ބަލަންޖެހޭގޮތަށް މި އޮންނަނީ. އަޅުގަނޑުގެ ސުވާލަކީ، މަރުގެ އަދަބު ދީގެން ނޭގުމެއްގެ ތެރޭގައި މީހަކު މަރާލެވިދާނެތީ އެ ހުކުމް ތަންފީޒު ނުކުރަން ވާހަކަ ދައްކާއިރު ގަސްތުގައި މީހުން މަރަމުންދާކަން ނޭނގެނީހޭ." އޭދަފުށީ ދާއިރާގެ އަހްމަދު ސަލީމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު