ޔާމީންގެ އިންޒާރު:
ދެން ދުވަހަކުވެސް ޑޮލަރުގެ އަގު 12.85ރ. އަށް ވުރެ ތިރިއެއް ނުވާނެ!

ރުފިޔާގެ އަގު ސަރުކާރުން ވައްޓާލީ އިގުތިސާދީ ސިޔާސަތު މުޅިން ފެއިލްވެ، ގޮތްހުސްވުމުން ކަމަށާއި ދެން ދުވަހަކުވެސް ބާޒާރުގައި ޑޮލަރުގެ އަގު 12.85ރ. އަށް ވުރެ ތިރިއެއް ނުވާނެ ކަމަށް އިދިކޮޅު ޕީޕަލްސް އެލައަންސް )ޕީއޭ(ގެ ލީޑާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ޑޮލަރުގެ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ބޭންޑެއްތެރޭ ވިއްކާ ގޮތަށް ހަމަޖެއްސީ، ކަޅުބާޒާރުގައި ބޮޑުއަގުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ފާއިތުވި ދެ އަހަރުތެރޭވެސް ސަރުކާރަށް ހައްލުނުވުމުން، އެންމެފަހުން އެ ޑޮލަރުކޮޅު "ނީލަން" ކިޔުމުގެ ބޭނުމުގައި ކަމަށެވެ.

"ބާރަ އަށްޑިހަ ފަހެކާ 15.42ރ. އާ ދެމެދުގައި ޑޮލަރުގެ އަގު މިޖެއްސީ. ޖެއްސީމާ ދެން މިވާގޮތަކީ ކަޅު ބާޒާރުގައި ވިއްކަން ގެންގުޅޭ މި ޑޮލަރުކޮޅު ދެނެއް ކޮންމެހެން ވަގަށް ފޮރުވައިގެންނެއް ތޭރަ ރުފިޔާ ސާދަ ރުފިޔާއަށް ވިއްކާކަށް ނުޖެހޭނެ. ހަމަ ރަސްމީކޮށް ވިއްކަންވީ 15.42ރ. އަށް. އެއީ މިކުރިކަމަކީ..އެހެންވީމާ މަދު މުދަލަކަށް އެންމެ ރަނގަޅު އަގު ލިބޭނީ ނީލަމުގެ އުސޫލުން ވިއްކައިގެން ކަމަށްވާތީ އެކަންކުރަން މަޖުބޫރުވެގެން އެނޫންކަމެއް ކުރަން ނެތިގެން އެނޫން ގޮތެއް ނެތިގެން ކުރި ކަމެއް މީ،" މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ޔާމީން ވިދާޅުވި އެވެ.

~
އިގުތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިފައިވާ ޔާމީން ވިދާޅުވީ، އެހެނިހެން ގައުމުތަކުގައި ފައިސާގެ އަގުވައްޓާލަނީ އެގައުމެއްގެ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި ހެޔޮކުރުމުގެ ބޭނުމުގައި، އެގޮތަށް އިގުތިސާދީ ސިޔާސަތު ރާވައިގެން ކަމަށެވެ. ނަމަވެސް، ރާއްޖެ ފަދަ މުދާ އެކްސްޕޯޓް ނުކުރާ ގައުމެއްގަ ފައިސާގެ އަގު ކުއްލިއަކަށް ޑިވެލިއު ނުވަތަ ވައްޓާލަނީ "އެ ތަނެއްގެ އިގުތިސޯދީ ސިޔާސަތު ފޭލްވެގެން، ގޮތްހުސްވެގެން ދެން ކުރެވޭނެ އެހެން ކަމެއް ނެތީމަ" ކަމަށެވެ.

އަދި ސަރުކާރުން ރުފިޔާގެ އަގު ވައްޓާލުމުން އިގުތިސާދު ހިންގަން ނޭގުނުކަން ސަރުކާރަށް އިއުތިރާފުވެވުނީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ފައިސާގެ އަގުވައްޓާލި ވައްޓާލުމަކީ އިގުތިސާދު ތިމަންނަމެންނަށް ހިންގަން ނޭގުމޭ، އެކަމަށް އިއުތިރާފުވެފައި ތިމަންނަމެންނަށް މިނޫންގޮތަކަށް މިކަން ނުކުރެވޭތީ، ބޭރުގައި މިއުޅޭ، ނޫނީ ބާޒާރުން މިއުޅޭ ޑޮލަރު ކޮޅު ހޯދަން، ބޮޑު އަގެއް ދިވެހި ފައިސާއިން ބޮޑު އަގަކަށް ހަމަޖައްސައިގެން ނޫނީ ޑޮލަރުކޮޅު މާކެޓަށް ނޫނީ ބާޒާރަށް މީހުން ގަންނާނެ ހިސާބަށް ނާންނާނޭ ކިޔައިފަ ނީލަންކިޔަން ކުރާ ކަމެއްމީ. އެއީ ސިޔާސީ ގޮތުން ކުރާ ކަމެއް،" މައުމޫންގެ ކެބިނެޓުގެ ޓްރޭޑް މިނިސްޓަރުކަން ކުރައްވައިފައިވާ ޔާމީން ވިދާޅުވި އެވެ.

އަދި ސަރުކާރުން "ޑޮލަރު މިއޮތީ ބަންދުން ވީއްލާފައޭ" ބުނި ނަމަވެސް، ހަގީގަތުގައި ކަންވީ އެހެންނޫން ކަމަށާއި މިއަދު ބަންދުން ވީއްލިފައިވަނީ ބާޒާރުގެ އަގުތައް ކަމުގައިވެސް ޕީއޭގެ ލީޑަރު ވިދާޅުވި އެވެ.

"ރައީސް ނަޝީދު މި ވިދާޅުވާ ވާހަކަ އަކީ ސިފައިން ނެރެގެން ކުރި ވަރަށް ވަރުގަދަ މަސައްކަތަކާ ގުޅިގެން ޑޮލަރުގެ އަގު މިއޮތީ ބަންދުން ވީއްލާފައޭ. ޑޮލަރު މިއޮތީ ބަންދުން ވީއްލާފައޭ. ރައީސް ނަޝީދު ކޮންމެ ކަމެއް ވެސް ސިފަކުރައްވާނީ މި ގޮތަށް. އަޅުގަނޑު ހިތަށް އަރަނީ އެހެނެއް ނޫނޭ މިވީކީ. އަސްލު މިވީ ގޮތަކީ ޑޮލަރު ހައްޔަރުގައި އިނދެ ގަރުބަ ނުގަތީމަ ޑޮލަރު ވައްޓާލަން ޖެހުނީ. އަސްލުގައި 12.85ރ. ގައި ޑޮލަރު އިންދާ ހައްޔަރުން ހަމަ ނުނެއްޓި އެއްގޮތަކަށް ވެސް. ނުނެއްޓީމަ ގަރުބަ މި ގަތީ. ގަރުބަ ނުގަތީމަ މި ޖެހުނީ ވައްޓާލަން. އެ ނޫން އެއްވެސް ކަމެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ. "އެހެންވީމަ ޑޮލަރު ބަންދުން ވީއްލިއޭ ބުނާއިރު އަޅުގަނޑުމެން މި ވީއްލީ ކޯންޗެއްތޯ؟ ހަގީގަތުގައި ހައްޔަރުން މިވީއްލީ ބާޒާރުގެ މުދަލުގެ އަގުތައް،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ 4000ރ. އާއި 5000ރ. ގެ މުސާރަ ލިބެ އާދައިގެ ނިކަމެތިންނެވެ. ޑޮލަރުގެ އަގުބޮޑުވުމާއެކު ކުއްޔާއި ދަތުރުފަތުރުކުރުމުގެ ހަރަދުތަކާއި އަދި ބާޒާރުގައި ހުރިހާ ތަކެއްޗެއްގެ އަގުވެސް އުފުލޭނެ ކަމަށާއި އެކަމުގެ ސަބަބުން ނިކަމެތިންނަށް ލިބޭ މަދު މުސާރަކޮޅުން ބޮޑު ބައެއް ހޭދަކުރަން ޖެހި، އިތުރަށް ފަގީރުން ފަގީރުވެގެންދާނެ ކަމަށެވެ. އަދި "ވަށް ބޮޅެއް"ހެން މުޅި އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމުގެ އިންޒާރު ޔާމީން ދެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު