ޒުވާނުންގެ ތެރެއިން ކޮންމެ ފަސް ކުއްޖަކުން އެކަކީ ވަޒީފާގައި ނޫޅޭ ކުއްޖެއް: ނާއިބު ރައީސް

ރާއްޖޭގައި 30 އަހަރުން ދަށުގެ ކޮންމެ ފަސް ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކީ ވަޒީފާގައި ނޫޅޭ ކުއްޖެއް ކަމަށާއި އެފަދަ ކުދިންނަށް ވެސް ތަޢުލީމު ލިބިދިނުމާއި އަދި ސްކޫލް ނުނިންމާ ކުދިންނަށް ވެސް ވަޒީފާގެ ބާޒާރަށް ނުކުމެވޭނެ ފުރުޞަތު ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށް ނައީބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކްލީކް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކުރީ ރޭ ވާހަކަ ދައްކަވަމުން ވަހީދު ހަސަން މަނިކު ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ ކުޑަ އާބާދީއެއް ކަމަށާއި ޤައުމުގެ ކުރިމަގުގައި ޒުވާނުންގެ ދައުރަކީ ކޮބައިތޯ ބަލައި ވިސްނަން ޖެހިފައިވާ ކަމަށެވެ. އަދި މުސްތަޤްބަލަށް ޕްރޮގްރާމްތައް ރާވަން ޖެހޭނީ، ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާ މިޞްރާބަކީ ކޮބައިތޯ ބަލައިގެން، އެ މިޞްރާބު ޙާޞިލު ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު މިޤައުމަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ބަލިތަކުން ޤައުމުގެ ޒުވާނުން ސަލާމަތް ކުރެވޭނީ ޒުވާނުންނަށް ވަޒީފާ އާއި ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދެވިގެންކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމުގެ ހުރިހާ މަރުޙަލާއެއްގައި، ޚާއްޞަ ގޮތެއްގައި ޒުވާނުންނަށް ދެވޭ ތަޢުލީމުގެ ތެރޭގައި ރާއްޖޭގެ ޘަޤާފީ ކަންކަމުގެ އިތުރުން، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ހިމަނައި ދަސްކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ޑިމޮކްރެޓިކް ވިސްނުމާއި، އާދަކާދަތަކަކީ ޢާއިލާގެ ތެރެއިން ފެށިގެންގޮސް މަސައްކަތާ ހިސާބަށް ހުންނަން ޖެހޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގައި ކުރީ ރޭ ބޭއްވި ކްލީކް ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެ ކޮލެޖުން ހިންގި ކޯސްތަކުން އެންމެ މަތީ މާކްސް ހޯދި ދަރިވަރުންނަށް ސެޓްފިކެޓާއި އެވޯޑްތައް ޙަވާލުކޮށްދެއްވީ ނައިބު ރައީސް ވަޙީދެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު