ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އެ ކުދިންގެ ޓިއުޝަން ޓީޗަރު ހައްޔަރުކޮށްފި

އަޑުއިވުމުން މަހްރޫމްވެފައިވާ ގިނަ އަދަދެއްގެ ކުދިންނަށް ފުޅާދާއިރާއެއްގައި ކިޔަވައިދެމުންދިޔަ ޖަމާލުއްދީން ސްކޫލްގެ ބޭރު ޓީޗަރަކު އޭނާ ޓިއުޝަން ދެމުންދިޔަ ބައެއް ދަރިވަރުންނާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އަމްރޭޝް ގޯޕަލަން ކްރިޝްނަ އެވެ. އާނާއަކީ ޖަމާލުއްދީން ސްކޫލްގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރެކެވެ. އަދި އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންގެ ހައްގުގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ޑެފް އެސޯސިއޭޝަންގެ އިސްވެރިޔެއްގެ އިތުރުން އެފަދަ ކުދިންނަށް ޕްރައިވެޓް ޓިއުޝަން ކްލާސްތައް ނަގައިދޭ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު އެމީހާ ހައްޔަރުކޮށްފައިވަނީ އޭނާ ޓިއުޝަން ނަގައިދެމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ބައެއް ކުދިންނާމެދު ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލްގެ އިސްވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ، އަމްރޭޝް އެ ސްކޫލްގައި މަސައްކަތްކުރަމުންދާތާ ތިން އަހަރުވެފައިވާ ކަމަށާއި އޭނާގެ އަހުލާގީ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

ނަމަވެސް، ސްކޫލްގެ ބައެއް ދަރިވަރުންނަށް ޓިއުޝަން ނަގައިދޭ މައްސަލައެއް މީގެ އަހަރެއްހާ ދުވަސް ކުރިން ފެންމަތިވި ކަމަށާއި، އެކަމަކީ ސްކޫލް ގަވައިދު މަނާކުރާ ކަމެއް ކަމަށް އޭނާ އަށް އެންގުމުން އެކަން އޭރު ހުއްޓާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަހުން ސްކޫލްގެ އެއްވެސް ދަރިވަރަކަށް އޭނާ ޓިއުޝަން ނަގައި ނުދޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސްކޫލްގައި އަމްރޭޝް ކިޔަވައިދެނީ ހަމައެކަނި ހިއަރިން އިމްޕެއާޑް ނުވަތަ އަޑުއިވުމުން މަހްރޫމްވެފައިވާ ކުދިންގެ ކްލާހަށް ކަމަށާއި އެ ކްލާހުގެ އެއްވެސް ދަރިވަރަކާމެދު ބަދުއަހުލާގީ އަމަލު ހިންގާފައިނުވާނެ ކަމުގެ 100 ޕަސަންޓް ޔަގީންކަން ސްކޫލް މެނޭޖްމަންޓަށް އެބަ އޮތް ކަމަށެވެ.

"ކްލާސްތައް ރޭވިފައި އޮންނަ ގޮތުން 100 ޕަސަންޓް ގެރެންޓީ އެބައޮތް ސްކޫލްތެރޭގައި އެކަހަލަ ބަދުއަހުލާގީ އެއްވެސް އަމަލެއް ނުހިންގޭނެކަން." އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު