ދިއްދޫ އަންހެން ކުއްޖާއާ ބެހުނުކަމުގެ ތުހުމަށް ހައްޔަރުކުރި މީހުން ދޫކުރަން ގޮވާލައި އެރަށު ބަޔަކު ފުލުސް މަރުކަޒު ކައިރިއަށް

ހއ. ދިއްދޫގައި ކުޑަ އަންހެން ކުއްޖަކާ ގަދަ ކަމުން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރު ކުރުމުން، އެ މީހުން ދޫކޮށްލުމަށް ގޮވާލާ އެރަށު ބަޔަކު ޕޮލިސް ސްޓޭޝަން ދޮށަށް އެ ރަށު ބަޔަކު އެއްވެ މުޒާހަރާ ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ އެކި ފަހަރު މަތިން ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި އެރަށުން ހަތް މީހަކު ހައްޔަރު ކުރުމާއި ގުޅިގެން ބައެއް މީހުން ހިތްހަމަ ނުޖެހުން ފާޅުކޮށް، ދިއްދޫ ޕޮލިސް ސްޓޭޝަން ކައިރިއަށް ރޭ އެއްވި ކަމަށެވެ.
ބަދުއަހުލާގީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުއްޖަކު ވެސް ހިމެނެ އެވެ.

ނަން ހާމަނުކުރުމަށް އެދި ދިއްދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ދިއްދޫ އަންހެނަކު އެ އަތޮޅުގެ އެހެން ރަށެއްގެ މީހަކާ އިނދެގެން ލިބިފައި ހުރި އެ އަންހެން ކުއްޖާ އާ އެރަށު ބަޔަކު ގަދަ ކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މީގެ ތިން ދުވަސް ކުރިން އެރަށުން ދެ ކުއްޖަކާއި ފަސް މީހަކު ހައްޔަރު ކުރުމުން ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ރޭ އިރާކޮޅު ފުލުހުންގެ މަރުކަޒު ކައިރިއަށް އެއްވެ އެ މީހުން ދޫކޮލުމަށް ގޮވާލައި ހެދި ކަމަށެވެ.

ދިއްދޫން ވާހަކަ ދެއްކި މީހާ ބުނީ އެއްވި މީހުންގެ މައިގަނޑު އެއް ޝުއޫރަކީ ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ހައްޔަރުކުރި މީހުންގެ ތެރޭގައި ސްކޫލްގައި ކިޔަވަމުން އަންނަ ދެ ކުދިން ވެސް ހައްޔަރު ކޮށްފައި ވާތީ އެކުދިން ސްކޫލަށް ދެވޭ ގޮތަށް މިނިވަން ކުރުން ކަމަށެވެ. ބަދު އަހުލާގީ އެ އަމަލު ހިންގާފައި ވަނީ ސްކޫލްގައި ކިޔަވަމުން އަންހެން ދަރިވަރުގެ ރުހުމުގައި ކަމަށް ވެސް އެމީހުން ރޭ އެއްވެ ތިބެ ގޮވާފައި ވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން މަނާ ކުރުމުގެ ގާނޫނުގައިވާ ގޮތުން "އެހެން ގޮތަކަށް ސާބިތު ނުވާހަ ހިނދަކު، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުއްޖަކު ޖިންސީ ޢަމަލެއް ހިންގުމަށް ރުހުނު ކަމުގައެއް ނުބެލެވޭނެ އެވެ. އަދި އެހެންގޮތަކަށް ސާބިތު ނުވާހާ ހިނދަކު، ބަލާނީ، ޖިންސީ ޢަމަލު ހިންގީ އެކުއްޖާގެ ނުރުހުމުގަ އެވެ."
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު