ހއ. ދިއްދޫގައި ކުޑަ އަންހެންކުއްޖަކާމެދު ބަދުއަހްލާގީ އަމަލު ހިންގަމުދިޔަކަމުގެ ތުހުމަތަށް ދެ ކުއްޖަކާއި ދެ މީހުން ހައްޔަރުކޮށްފި

ޭތޭރަ އަހަރުގެ އަންހެންކުއްޖަކާ އެކި ފަހަރުމަތިން ބަދުއަހްލާގީ އަމަލު ހިންގަމުން ދިޔަ ދެ ކުއްޖަކާއި ދެ މީހަކު ހއ. ދިއްދޫން، ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކުދިން ހައްޔަރުކޮށްފައިވަނީ އާއްމުންގެ ބަޔަކު ފުލުހުންނަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

"އެ ކުދިން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދުންނާއި 18 އަހަރު ވެފައިވާ ދެ ކުދިން. އެ ކުދިން އެކި ފަހަރުމަތިން ބަދުއަހްލާގީ އަމަލު ހިންގާފައިވަނީ 13 އަހަރުގެ އަންހެންކުއްޖަކާ." ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެ މައްސަލައާބެހޭ އިތުރު ތަފްސީލް މިވަގުތު ދެވެންނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ނަންހާމަ ނުކުރުމަށް އެދި ދިއްދޫން މައުލޫމާތު ދިން މީހަކު ބުނީ ރޭގެ ވަގުތެއްގައި ފުލުހުން އެ ކުދިން ހައްޔަރުކޮށްފައި ވަނީ ހަތަރު ކުދިން އެއްފަހަރާ އެ އަންހެންކުއްޖާއާ ބަދުއަހްލާގީ އަމަލު ހިންގަމުން ގެންދަނިކޮށް ރެޑްހޭންޑްކޮށް ކަމަށެވެ.

މިދިއަ މާޗް މާހުގެ 26 ވަނަ ދުވަހު ވެސް ހއ. ދިއްދޫގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާ ގަދަ ކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ 86 އަހަރުގެ މީހަކު ހައްޔަރުކުރި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު