އިޒްރޭލު ބަޔަކާ ރާއްޖޭގައި ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއްފަހުން ކޮންޓްރޯލާ ޝާހިދު އިޒްރޭލަށް ފުރާވަޑައިގެންފި

އިޒްރޭލުގެ ވަފުދެއް މިދިޔަ ހަފްތާގެ ތެރޭގައި އިމިގްރޭޝަން ޑިޕާޓްމަންޓަށް ޒިޔާރަތްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިމިގްރޭޝަންގެ ކޮންޓްރޯލާ އަބްދުﷲ ޝާހިދު އިޒްރޭލަށް ފުރައިވަޑައިގެންފައިވާ ކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.

ސަން އަށް ވަރަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންޓްރޯލާ އިޒްރޭލަށް ފުރައިވަޑައިގަތީ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ޔޫއެލް 108 ނަންބަރު ފްލައިޓުން ނެވެ. އަދި އިޒްރޭލަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި އިންޑޮނޭޝިޔާގެ ބާލީ އަށް ވަޑައިގަތެވެ.

ނަމަވެސް، އެކަން އިމިގްރޭޝަނުން ކަށަވަރުކޮށެއް ނުދެ އެވެ. އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ، އަދި ޒިންމާދާރު ވެރިޔާ، އަބްދުﷲ ވަހީދު އިއްޔެ ރޭ ވިދާޅުވީ، ޝާހިދު ހުންނެވީ އަމިއްލަ ބޭނުމެއްގައި ރަށުން ބޭރުގައި ކަމަށެވެ.

"އޮފީސް ދަތުރުފުޅެއްގައި ނޫންވީމަ ވަޑައިގަން ތަނެއް ނޭނގޭ. އެނގޭކަށް ވެސް ނުޖެހޭ،" ވަހީދު ވިދާޅުވި އެވެ.

ސަން އިން ޝާހިދުގެ ފޯނަށް ގުޅި އިރު، ފޯނު ރިންގުވާ ނަމަވެސް، ޝާހިދު ޖަވާބެއް ނުދެއްވަ އެވެ. އެހެންކަމުން އޭނާގެ ބަހެއް ނުލިބުނެވެ.

ސަން އަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އިމިގްރޭޝަނަށް އިޒްރޭލުގެ ވަފުދު އައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އިމިގްރޭޝަން އޮފީހުގައި ޝާހިދާ ބައްދަލުކުރި އެ ވަފުދުގައި ދެ ފިރިހެނަކާއި އަންހެނަކު ހިމެނޭ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އެމީހުންނަކީ، ޝާހިދު ޑިޒާސްޓާ ސެންޓަރާ ހަވާލުވެހުންނެވި އިރު މުއާމަލަތްކުރެއްވި ބަޔެކެވެ. ނަމަވެސް، އިމިގްރޭޝަންގެ ޝާހިދު ނޫން ބަޔަކަށް އެމީހުން އައި ކޮން ބޭނުމަކު ކަމެއް އެނގޭ ކަމަކަށް ނުވެ އެވެ.

އެމީހުން މުޅި ދުވަހު ދަތުރުކުރުމަށް ބޭނުންކޮށްފައި ވަނީ އިމިގްރޭޝަންގެ އިސްވެރިޔާއަށް ދައުލަތުން ދީފައި އޮންނަ ކާރުކޮޅެވެ. އަދި އިމިގްރޭޝަނުގެ އެއާޕޯޓް ފެރީން އެމީހުން އެ ދުވަހު ހަވީރު ވަނީ ކުރުނބާ ރިސޯޓަށް ވެސް ގެންގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި އެމީހުން ފުރައިގެން ދިޔައީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ނަމަވެސް، އިމިގްރޭޝަނުގެ އެއްވެސް ފަރާތަކުން އެކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެތަނުގެ ޒިންމާދާރު އިސްވެރިޔާ، ޑެޕިއުޓީ ކޮންޓްރޯލާ ވަހީދު މިއަދު ފޯނަށް ޖަވާބުނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފަލަސްތީނުގެ މުސްލިމުންނާ މެދު އިޒްރޭލުން އިހާނެތިކޮށް އަމަލުކުރަމުންދާ މައްސަލައިގައި ރާއްޖެ އިން ވަނީ އަދި މިހާތަނަށް އެގައުމާ އެކު ޚާރިޖީ ގުޅުން ގާއިމްނުކޮށެވެ. ނަމަވެސް، 2009 ވަނަ އަހަރު އިޒްރޭލާއެކު ދިވެހި ސަރުކާރުން އެއްބަސްވުންތަކެއްގައި ސޮއިކުރުމާ ގުޅިގެން، އެގައުމާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު މެމްބަރުން ވަނީ އޭރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. އަހްމަދު ޝަހީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓުވެސް މަޖިލީހުގައި ނަގައިފަ އެވެ.

އަދި މިދިޔަ އަހަރު ފަހުކޮޅު އިޒްރޭލުގެ ލޮލުގެ ޑޮކްޓަރުންތަކެއް ރާއްޖެ އައުމާ ގުޅިގެން، ސަރުކާރާ އެކު ކޯލިޝަން ހަދައިފައިވާ އަދާލަތު ޕާޓީއާއި އިސްލާމިކް އެފެއާޒްގެ އިސް ބޭފުޅުންގެ އިތުރަށް ގިނަ އަދަދެއްގެ މީހުން ވަނީ މަގުތަކަށް ނުކުމެ އިޒްރޭލު ޑޮކްޓަރުންނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު