ހަފުތާއަކު އެއް މިލިއަން ޕައުންޑަށް ވުރެ ބޮޑު މުސާރަޔާއެކު މެންސިޓީއިން މެސީ ގާތަށް

މެންޗެސްޓާ ސިޓީގެ ކެޕްޓަން އަދި ގޯލްކީޕަރު މައިކަލް ޖޯހާޓާއި މެސީ ސަލާން ކުރަނީ: މެސީ މެންސިޓީއަށް ގެނައުމަށް އެޓީމުންވަނީ ޕެކޭޖެއް ތައްޔާރުކޮށްފައި --- ފޮޓޯ/ މާސާ

ހަފުތާއަކު އެއް މިލިއަން ޕައުންޑަށްވުރެ ބޮޑު މުސާރައެއް ހުށަހަޅައި އާޖެންޓީނާއާއި ބާސެލޯނާގެ ފޮވާޑް ލިއޮނަލް މެސީ ގެންދަން މެންޗެސްޓާ ސިޓީއިން ހުށަހަޅައިފިއެވެ.

މިދިޔަ އަހަރު މެއި މަހުގެ 19 ވަނަ ދުވަހު ބާސާގެ އާ ކޮންޓްރެކްޓްގައި ސޮއިކޮށް މެސީގެ އެއްބަސްވުން 2018 ވަނަ އަހަރުގެ ޖޫން މަހާ ހަމަޔަށް ވަނީ އިތުރުކޮށްފައެވެ. މެސީގެ ޓްރާންސްފާ އަގަކަށް 170 މިލިއަން ޔޫރޯ ބާސާއަށް ހުށަހަޅަން މެންސިޓީ އޮތީ ތައްޔާރަށް ކަމަށް އިނގިރެސި ނޫސް ދަން ސަންގައި ބުނެފައިވެއެވެ.

އެނޫހުގައި ބުނެފައިވާ ގޮތުން މެސީ މެންސިޓީއަށް ގެންދަނީ ބާސާގައި މެސީއަށް ކޯޗްކޮށްދިން ބަޔާން މިޔުނިކްގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޯލާ އަންނަ ސީޒަންގައި އެޓީމްގެ ކޯޗަކަށް ގެންދިއުމަށް ލިބޭ ބާރެއްގެ ގޮތުންނެވެ.

މެސީއަށް ބާސާއިން މުސާރައިގެ ގޮތުގައި ޓެކްސް ނުލައި 36 މިލިއަން ޔޫރޯ އަހަރަކު ލިބޭއިރު އޭނާއަށް ސިޓީން އަހަރަކު 56.8 މިލިއަން ޔޫރޯ ދިނުމަށްވެސް ހުށަހަޅާފައިވާކަމަށް ދަ ސަންއިން ބުންޏެވެ.

މިއަހަރު ތެރޭގައި މެންސިޓީގެ އޮފިޝަލުންތަކެއް މެސީގެ އެޖެންޓާ ބައްދަލުކޮށް މެންސިޓީއަށް މެސީ ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދައްކަފައިވާ ކަމަށް ދަ ސަންގައި ބުނެފައިވެއެވެ.

comment ކޮމެންޓް