ނައިޖީރިޔާ ކައިރިން ޕޮލެންޑުގެ ބޯޓަކަށް ކަނޑުފޭރޭ ބަޔަކު ހަމަލާދީ ފަސް މީހަކު ރަހީނު ކޮށްފި

ކަނޑުފޭރޭ މީހުން ހަމަލާ ދިން ޕޮލެންޑުގެ ބޯޓު، ޒައިފާގެ ކުރީގެ ފޮޓޯއެއް -- ފޮޓޯ: އީޕީއޭ

ބެއިރޫތު (ނޮވެމްބަރ 28): ނައިޖީރިއާގެ އައްސޭރިފަށް ކައިރިން ދަތުރު ކުރަމުން ދިޔަ ޕޮލެންޑުގެ ކާގޯ ބޯޓަކަށް ކަނޑުފޭރޭ ބަޔަކު ހަމަލާދީ ފަސް މީހަކު ރަހީނު ކޮށްފި ކަމަށް ޕޮލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން އިއްޔެ ބުނެފި އެވެ.

ހަތިޔާރު އެޅި ބަޔަކު ސައިޕްރަސް އަށް ނިސްބަތްވާ ޒައިފާ ނަމަކަށް ކިޔާ ބޯޓަށް ހަމަލާ ދީފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ކަމަށް މައުލޫމާތު ލިބެ އެވެ. ރަހީނު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓުގެ ކެޕްޓަންއާއި ހަތަރު ކުރޫ މީހުންނެވެ.

އިއްޔެ ޕޮލެންޑުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޓޯލްޑް ވަޒްކުޒޯސްކީ ވިދާޅުވީ ހަމަލާ ދިން މީހުންގެ އެއްވެސް މައުލޫމާތެއް އަދި ނޭގޭ ކަމަށާއި މީހުން ރަހީނު ކޮށްފައި ވަނީ ކޮން ބޭނުމެއްގައި ކަން ވެސް އަދި ނޭގޭ ކަމަށެވެ.

"ބޯޓު ވަނީ ކޮންމެވެސް ވަރަކަށް ހަލާކުވެފައި، ނަމަވެސް ބޯޓުގައި ބާކީ ތިބި 11 މީހުންގެ ހާލު ރަނގަޅު،" ވަޒްކުޒޯސްކީ ވިދާޅުވި އެވެ.

ޕޮލެންޑުގެ ބޯޓަށް ހަމަލާދިން އިރު ބޯޓު އޮތީ ނައިޖީރިއާ އާ 56 ކިލޯ މީޓަރު ދުރަގަ އެވެ. އެ ހާދިސާއާ ބެހޭ ގޮތުން ނައިޖީރިއާގެ ކަމާ ބެހޭ ފަރާތްތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނައިޖީރިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފޭރޭ މީހުންގެ ސަބަބުން އެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ކަނޑުތަކުގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދަށް ވަނީ ވެފަ އެވެ. ނަމަވެސް، ޕޮލެންޑުގެ ބޯޓަކަށް ދިން އެ ހަމަލާއަކީ، ކަނޑުފޭރޭ ބަޔަކު އެފަދަ ހަމަލާއެއް ނުދޭތާ ގިނަ މަސްތަކެއް ފަހުން ދީފައިވާ ހަމަލާއެކެވެ.

މައުލޫމާތު: ރޮއިޓާސް

comment ކޮމެންޓް