ނަބީލު މެރުމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދަށް ކަޓަރަކުން ހަމަލާދީ މާޗް 8، 2009 ގައި މަރާލުމުގެ ކުށް ސާބިތުވެގެން ގ. ރީފް މުހައްމަދު ނަބީލު މެރުމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓްގައި އިސްތިއުނާފުކޮށްފި އެވެ.

ފަރުހާދުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރި ނަބީލުގެ މައްޗަށް ކްރިމިނަލް ކޯޓްގައި ޝަރީއަތް ހިންގުމަށް ފަހު ގާޒީ އަލީ ރަޝީދު ނޮވެންބަރު 22، 2010 ގައި އިއްވެވި މަރުގެ ހުކުމް ހައި ކޯޓްގައި އިސްތިއުނާފުކޮށްފައި ވަނީ ފެބްރުއަރީ 1، 2011 ގަ އެވެ.

ހައި ކޯޓްގެ އޮފިޝަލަކު މިއަދު ވިދާޅުވި ދަށު ކޯޓުން އިއްވެވި މަރުގެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ނަބީލުގެ ފަރާތުން ކަމަށާއި އެ މައްސަލައިގެ ޝަރީއަތްތައް ހައި ކޯޓުގައި ވަރަށް އަވަހަށް ހިންގަން ފަށާނެ ކަމަށެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ އަލީ ރަޝީދު، ނަބީލުގެ މައްޗަށް މިދިޔަ އަހަރު އިއްވެވި މަރުގެ ހުކުމްގައި ބުނެފައި ވަނީ ކުށެއްގެ އަމަލުން މީހަކު މަރުވެއްޖެ ނަމަ އެ ކުށް ކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ކަމަށް ގާނޫނުލް އުގޫބާތުގެ 88 ގެ (ރ) ގައި ބަޔާންވެގެންވާތީ އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ މަރުވި މީހާގެ ވާރުތަވެރިންގެ އެކަކު ވެސް އިއުތިރާޒު ނުކުރާ ނަމަ މަރަށް މަރުހިފުން ކަމަށްވުމުން ފަރުހާދުގެ ވާރުތަވެރިން ބޭނުންވަނީ މި މައްސަލައިގައި މަރަށް މަރުހިފަން ކަމަށް ޝަރީއަތުގައި ބުނެފައި ވާތީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ނަބީލަށް ދޭން ޖެހޭ އަދަބަކީ މަރުގެ އަދުބު ކަމަށާއި ނަބީލު މެރުމަށް ހުކުމް ކުރެއްވީ ކަމަށެވެ.

ފަރުހާދު މަރުވެފައި ވަނީ މަޖީދީ މަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށް ފަހު ނަބީލުގެ ކޮއްކޮ ނިއުމާއާ ފަރުހާދު ބެހުނުތޯ އަހައި ފަރުހާދު ނުބެހޭ ކަމަށް ބުނުމުން ތަޅައި އަނިޔާކުރުމަށް ފަހު ބުރައްކައްޓަށް ހަ އިންޗީގެ ކަޓަރެއް ހަރައިލުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ފަރުހާދުގެ މެޑިކޯލީގަލް ރިޕޯޓްގައި ބުނެފައި ވަނީ ތޫނު އެއްޗެއް ހަރާލާފައި ވަނީ ފަރުހާދުގެ ބުރަކަށީގެ އެންމެ ތަނަކަށް ކަމަށާއި އޭނާ މަރުވެފައި ވަނީ ތޫނު އެއްޗެއް ހަރާލުމުން ފުއްޕާމޭގެ ތެރެއަށް ލޭ އެޅި ނޭވާ ނުލެވިގެން ކަމަށާއި ހަމަލާގެ ސަބަބުން ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭ ހޮޅިތައް ބުރިވެފައިވާ ކަމަށެވެ.

ފަރުހާދަށް ކަޓަރުން ހަމަލަދީ ޒަހަމްކޮށްލިކަމަށް ސާބިތުވުމުން އިތުރު ދެ މީހަކު ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ. ނަމަވެސް ނަބީލުގެ މައްޗަށް މަރުގެ ހުކުމްކޮށްފައިވާ އިރު، މަރުގެ ހުކުމެއް ރާއްޖޭގައި ތަންފީޒުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 1953 އަހަރު ހުޅުލޭ ރުކެއްގައި އައްސައި މެޔަށް ބަޑި ޖަހައި މަރާލީ ގއ. ނިލަންދޫ ސިހުރުވެރިއެއް ކަމަށްވާ ހަކީމް ދީދީ އެވެ. އޭނާ އަށް މަރުގެ ހުކުމް އިއްވެވީ އަބްދުﷲ ޖަލާލުއްދީން ފަނޑިޔާރު މަނިކުފާނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު