ކެބިނެޓް އޮފީސް ހިންގެވުން ހިސާނާ ހަވާލުކުރައްވައިފި

ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު "ރަސްމީ ދަތުރުފުޅެއްގައި" ރާއްޖެ އިން ބޭރުގައި ހުންނެވުމުން އޭނާ އެނބުރި މާލެވަޑައިގަންނަވަންދެން ކެބިނެޓް އޮފީސް ހިންގެވުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓަރީ ހިސާން ހުސައިނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ކެބިނެޓުން ނިންމަވާ ނިންމެވުންތަކާއި އަދި ވަޒީރުންނަށް އަންގަވަން ޖެހޭ އެންގެވުންތައް ގާނޫނުގައިވާ ގޮތުން އަންގަވަން ޖެހޭ ބޭފުޅަކީ ކެބިނެޓް ސެކްރެޓަރީ ކަމަށް ވުމުން، ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ރަށުގައި ނޫޅުއްވާ ދުވަސްވަރު އެ އޮފީސް ހިންގެވުން ހިސާނާ ހަވާލުކުރެއްވީ ކަމަށެވެ.

ކެބިނެޓް ސެކްރެޓަރީ އެނބުރިވަޑައިގަންނަވާނީ ކިހާ ދުވަހަކުންތޯ ދެންނެވުމުން ޒުހައިރު އެކަމަށް ސިދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ ރާއްޖެ އިން ބޭރުގައި މަސައްކަތެއް ކުރައްވަނީ ކަމަށެވެ.

ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ހުންނެވީ ސިންގަޕޫރުގައި ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ކެބިނެޓް އޮފީސް ހިންގަވަން އެހެން ބޭފުޅަކާ މި ހަވާލު ކުރެއްވީ، ކެބިނެޓް ސެކްރެޓަރީގެ ބަދުއަހުލާގީ މައްސަލައެއްގެ ތުހުމަތުތަކެއް މީޑިއާ އާއި ސޯޝަލް މީޑިއާގައި ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު