"ޖީ-ސްޕޮޓް"ގެ ހުއްދަ ބާތިލް ކުރުމަށްފަހު އަލުން އެ ނަމުގައި ފިހާރަ ހިންގުމުގެ ހުއްދަ ނުދިން މައްސަލަ ކޯޓަށް

ހެންވޭރު ކޮޅުގައި "ޖީ-ސްޕޮޓް" ގެ ނަމުގައި އަންހެން ކުދިންނަށް ހާއްސަކޮށްގެން ހެނދުން ވިއްކަމުން އައި ފިހާރައިގެ ފީ ނުދައްކައިގެން ވިޔަފާރީގެ ހުއްދަ ބާތިލް ކުރުމަށްފަހު ފައިސާ ދެއްކުމުން އަލުން އެ ނަމުގައި ފިހާރަ ހިންގުމުގެ ހުއްދަ ނުދީގެން ވެރިފަރާތުން އިކޮނޮމިކް މިނިސްޓްރީ ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.

ސިވިލް ކޯޓުގައި މިއަދު ހިންގި ޝަރީއަތުގެ މަޖިލީހުގައި ފިހާރައިގެ ވެރިފަރާތް ހ. ފްލޭޝް، މުހައްމަދު ނިޒާމް އަހުމަދު ބުނީ ޖީ-ސްޕޮޓް ފިހާރައަކީ ސަރުކާރަށް ހުށަހަޅައިގެން ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފިހާރައެއް ކަމަށެވެ. އަދި ފިހާރަ ހިންގަމުން ދިޔައީ ޖީ-ސްޕޮޓްގެ ނަމުގައި ލޯގޯ އާއި ވިޔަފާރީގެ ނަމާއި ވިޔަފާރީގެ ހުއްދަ ވެސް ނަގައިގެން ކަމަށް ނިޒާމް ބުންޏެވެ. އެކަމަކު އެއްފަހަރު ސަރުކާރަށް ދައްކަންޖެހޭ ފީ ނުދައްކައިގެން ވިޔަފާރީގެ ހުއްދަ ބާތިލް ކުރުމުން އަލުން އެ ނަމުގައި ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނިޒާމް ބުނީ އޭނާ ފިހާރަ ހުޅުވާފައި ވަނީ އެންމެ މިޒަމާނުގެ ފެންވަރަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން ކަމަށެވެ. އޭނާ ބުނީ ޖީ-ސްޕޮޓް ނަމަށް ހާއްސަކޮށްގެން ޓެގާއި ކޮތަޅު ތައްޔާރުކޮށް ނަން ބޯޑު ވެސް ހައްދާފައި ވަނީ ބޮޑު ހަރަދެއްކޮށްގެން ކަމަށެވެ. އެހެންކަމުން ކުރިން ވެސް ހުއްދަ ދީފައިވާ ނަމެއްގެ ދަށުން މިހާރު ހުއްދަ ނުދިނުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ނިޒާމަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ އައިޝަތު ސީޒާ ވިދާޅުވީ ޖީ-ސްޕޮޓް އެ ނަމަކީ އަދަބީ ގޮތުން ފިހާރައަކަށް ކިޔުމަށް އެކަށީގެންވާ ނަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުރިން އެ ނަމުގައި ވިޔަފާރި ކުރުމަށް ހުއްދަ ދެވިފައި ވަނީ އޮޅުމަކުން ކަމަށެވެ.

ވަކީލާ ވިދާޅުވީ ޖީ-ސްޕޮޓްގެ މާނައަކީ "އަންހެނެއްގެ ނުވަތަ ފިރިހެނެއްގެ ޖިންސީ އެދުންވެރިކަން އިހްސާސްކޮށްދޭ ހަށިގަނޑުގެ ވަކި ބައެއް" ކަމަށެވެ. އަދި މިއީ އާންމުންނާއި ކުދިބޮޑު އެންމެނަށް ފެންނާނޭ ގޮތަށް ބެހެއްޓުން ރަނގަޅު އެއްޗެއް ނޫން ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ވަކީލާ އެހެން ވިދާޅުވި ނަމަވެސް ނިޒާމް ބުނީ ޖީ-ސްޕޮޓްގެ މާނައަކީ ދައުލަތުން އެ ބުނާ މާނަ ނޫން ކަމަށާއި އެބުނާ ޖީ-ސްޕޮޓަކީ އޮންނަ ވެސް އެއްޗެއް ނޫން ކަމަށެވެ. އަދި އެކަން ސާބިތު ކުރުމަށް ނިޒާމް ވަނީ ދަ ޓައިމްސް ނޫހާއި ސީއެންއެން އަދި ބީބީސީގައި ޝާއިއުކޮށްފައިވާ ރިޕޯޓުތަކެއް ޝަރީއަތަށް ހުށަހަޅައިފަ އެވެ.

ނިޒާމް ބުނީ އޭނާގެ ފިހާރައިގައި ޖީ-ސްޕޮޓް ލިޔެފައި ވާނީ ވެސް ދައުލަތުން އެ ބުނާ ޖީ-ސްޕޮޓް ލިޔާ ގޮތާ ތަފާތު ގޮތަކަށް ކަމަށާއި އޭގެ މާނަ ވެސް ތަފާތު ކަމަށެވެ. ނިޒާމް ފިހާރައަށް ކީ ޖީ-ސްޕޮޓްގެ މާނައަކީ ކޮބައިތޯ ގާޒީ މަރިޔަމ ނިހާޔަތު އެއްސެވުމުން އޭނާ ބުނީ "ޖީ" ގެ މާނައަކީ "ގާލް" ނުވަތަ އަންހެން ކުއްޖާ ކަމަށާއި "ސްޕޮޓް" ގެ މާނައަކީ "ތަން" ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު