މަންމަ އާއި ދައްތަ ގަދަކަމުން ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއް ކޯޓުގައި ހިންގައިފި

މަންމަ އާއި އެއްބަނޑު އެއްބަފާ ދައްތަ ކުޑަކުއްޖަކު ލައްވައި ގަދަކަމުން ހަށިވިއްކާފައިވާތީ އެ ދެ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ބަދުއަހުލާގީ މައްސަލަތަކާއި ކުޑަކުދިން ޝާމިލްވާ މިފަދަ މައްސަލަތައް އަޑުއެހުމަށް ކޯޓުން ނޫސްވެރިންނެއް ނުވައްދަ އެވެ. އެކަމަކު ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މަންމަ އޭނާގެ އަމިއްލަ ދަރިފުޅު ލައްވައި ގަދަކަމުން ހަށިވިއްކާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އަދި އެކަމުގައި ކުޑަކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަ ވެސް ބައިވެރިވެފައިވާ ކަމަށްވެ އެވެ. މީގެ އިތުރުން އެހެން ކުޑަކުއްޖަކު ލައްވައި ގަދަކަމުން ހަށިވިއްކުމަށް މަސައްކަތް ކުރި ކަމަށް ވެސް އެނގިފައިވެ އެވެ.

އެ މައްސަލައިގެ އިތުރުން ކުޑަކުއްޖާގެ ދައްތަގެ މައްޗަށް ޒިނޭ ކުރުމާއި ބަނގުރާ ބުއިމުގެ މައްސަލައިގެ ޝަރީއަތް ވެސް ހިންގަ އެވެ. ޒިނޭ ކުރުމުގެ ދައުވާ ކުރަނީ އޭނާ އިންޑިޔާގައި ވިހޭ ކުއްޖަކީ ރައްޓެހިވެގެން އުޅުނު ފިރިހެނެއްގެ ދަރިއެއް ކަމަށް ތަހުގީގުގައި އެއްބަސްވެފައިވާތީ އެވެ. އަދި އެ ފިރިހެން މީހާ އާއި އިތުރު ބަޔަކާއެކު ބަނގުރާ ބޮއެ އުޅުނު ކަމަށް އޭނާ ފުލުހުންނަށް ކިޔައިދީފައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ މީހަކު ކުޑަކުއްޖަކު ލައްވައި ގަދަކަމުން ހަށިވިއްކައިފި ނަމަ ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވެއްޖެ ނަމަ އެއީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު