ޑރ. ޝަހީދު ލީލާ އަހުމަދާ ކައިވެނި ބައްލަވައިގެންފި

ކުރީ ހާރިޖީ ވަޒީރު އަދި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު ޑރ. އަހުމަދު ޝަހީދުގެ އަނބިކަނބަލުން ޒުލޭހާ ޝާޒިޔާ ވަރިކުރައްވައި މއ. ހައިވަކަރުގޭ ލީލާ އަހުމަދާ ކައިވެނިބައްލަވައިގެންފި އެވެ.

ޑރ. ޝަހީދު އަލަށް ކައިވެނި ބައްލަވައިގަތް ލީލާ އަކީ ކުރީގެ މިނިސްޓަރު އިބްރާހިމް ހަސަން (ޗަބީ)ގެ ކުރީގެ އަނބިކަނބަލުންނެވެ. ޑރ. ޝަހީދާއި ލީލާ ކައިވެނި ބައްލަވައިގަތީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ޝަހީދާއި ލީލާ މިއަދު ސަން އަށް ވިދާޅުވި އެވެ.

"ވަރަށް ލޯބިވާވަރުން، ލޯބިން މިކައިވެނި ކުރީ،" ޑރ. ޝަހީދު މިއަދު ވިދާޅުވި އެވެ.

ޝަހީދު ލީލާއާ ކައިވެނި ބައްލަވައިގެންނެވި އިރު އެމަނިކުފާނުގެ މީގެ ކުރިން ވަނީ ދެ ކައިވެންޏެއް ކުރައްވައިފަ އެވެ. އޭގެ ތެރެއިން ފުރަމަ ކައިވެންޏަށް ލިބިވަޑައިގެންނެވި ބޭފުޅަކާއި ވަރި ކުރެއްވެވި ޒުލޭހާ އަށް ލިބިވަޑައިގެންނެވި ތިން ބޭފުޅަކާ އެކު ޖުމްލަ ހަތަރު ބޭފުޅުން ޝަހީދުގެ ތިއްބަވަ އެވެ. އަދި އަލަށް ކައިވެނި ބައްލަވައިގެންނެވި ލީލާގެ ދެ ބޭފުޅުން ތިއްބަވަ އެވެ. ~

އަދި އިތުރަށް ކުދިން ހޯއްދަވަން ގަސްތުކުރައްވަންތޯ ދެންނެވުމުން ޑރ. ޝަހީދު ވިދާޅުވީ އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

"ހަ ކުދިން މިހާރު އެވީ. އަދި ކުދިންގެ އަދަދު ޗައިނާގެ އާބާދީ ޕްލޭންއާ އެއްވަރުވީ، އެހެންވީމާ ދެން އިތުރަށް ކުދިން ހޯދުމުގެ ވިސްނުމެއް ނެތް." ސަމާސާ ކުރެއްވުމުގެ ގޮތުން ޑރ. ޝަހީދު ވިދާޅުވި އެވެ.

ކުރީގެ އަނބިކަނބަލުން ޒުލައިހާ ޝާޒިޔާ ޝަހީދު ވަރިކުރެއްވީ މިދިޔަ މަހު 28 ގައެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު