އެލިއާ ވަނީ ރާއްޖޭގެ އިގްތިޞާދުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައި: ރައީސް ޔާމީން

އެލިއާ ކުންފުނިން ވަނީ ރާއްޖޭގެ އިގްތިޞާދުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއެޖެ އެވެ.

އެލިއާއަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، "މި ފެނިގެން ދަނީ ވަރަށް އާދައިގެ ގޮތެއްގައި ރާއްޖޭގެ އަތޮޅެއްގައި ކުރެވުނު މަސައްކަތްތަކެއް. އެހެންނަމަވެސް އުއްމީދާ އަދި ވިޝަން އާ އެކު މަސައްކަތްކުރައްވައި އެ މަސައްކަތުގައި ދެމި ތިބުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ރާއްޖޭގެ އިގްތިސާދަށް މި 50 އަހަރުގައި އައިސްފައި އޮތް ބަދަލު ރަމްޒުކޮށްދޭ ވަރުގަދަ ފިލާވަޅެއްގެ ގޮތުގައި" މި ކުންފުނި ހިމެނުން ކަމަށެވެ.

އެ ބޭފުޅަކަށް އެލިއާ ކުންފުނި ނިސްބަތްވާ އެލިއާ އަލީ އަބްދުﷲ އެ ކުންފުނީގެ ވިޔަފާރި ފެށީ 1962ގައި ބ. ގޮއިދުގައި ވަރަށް އާދައިގޮތަކަށެވެ. އޭރު ކުރަމުން ދިޔަ ވިޔަފާރިއަކީ ގޮއިދޫ އިން މާލެއަށް ހިކި ކަނޑުމަހާއި ރުއްވަކަރު ފޮނުވައި ވިއްކުމުގެ ވިޔަފާރި އެވެ. އެ ވިޔަފާރި މަޑުމަޑުން ކުރިއަރައި، އިމާރަތްކުރުމުގެ ވިޔަފާރިއަށް އެލިއާ ވަނީ 1964 ގަ އެވެ. އެހެންކަމުން އެ ކުންފުނި ވިޔަފާރީގެ އަހަރުތައް ގުނަނީ 1964 އަކުން ފެށިގެންނެވެ.

ރޭގެ އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެލިއާ އިންވެސްޓްމެންޓްގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ، ވަރަށް އާދައިގެ ގޮތަކަށް ފެށި މި ވިޔަފާރި މިހާރު ވަނީ ބޮޑެތި ކަމިޔާބީތައް ހާސިލްކޮށްފައި ކަމަަށެވެ. އެގޮތުން ކުންފުނީގެ ކުރިއަރާފައިވާ ކަމުގެ ރަމްޒެއްދައްކަވަމުން އަލާއު ވިދާޅުވީ، އެއްމެ ފުރަތަމަ ބ. ގޮއިދޫގައި އާދައިގެ ގެއެއް އިމާރާތްކޮށްގެން ވިޔަފާރި ފެށި އެ ކުންފުނިން މިހާރު ވަނީ ގިރާވަރު ރިސޯޓް އިމާރަތްކުުރުމުގެ މަސައްކަތް ވެސް ކޮށްފައި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު އިމާރާތްތައް އެލިއާ އިން އިމާރަތްކޮށްފައިވާ ކަމަށް އަލާއު ވިދާޅުވި އެވެ. އޭގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިރާގު އޮފީސް އިމާރާތް ހިމެނޭ ކަމަށް އަލާއު ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި އެލިއާ އިން ވަނީ އެ ކުންފުންޏާއި ޔަމަހާގެ ވިޔަފާރީގެ ގުޅުމަށް 40 އަހަރު ފުރިފައި ވާތީ އެކަންފާހަގަކޮށް ޔަމަހާ ކުންފުނީގެ މާކެޓިން މެނޭޖަރު ޓަކާޝީ ޔާނޯ އަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީނަށް ވެސް އެކުންފުނިން ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

އެލިއާ އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ސަރުކާރުގެ ވަޒީރުންނާއި ރާއްޖޭގެ ވިޔަފާރިކުންފުނިތަކުގެ އިސްބޭފުޅުންނާއި ރާއްޖޭން ބޭރުގެ ބައެއް ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު