ލީޑިން ޓީޗަރުންގެ މަގާމެއް އުވައެއް ނުލާނެ، އެ މަގާމަކީ ދައުރުވާ މަގާމެއް: އެޑިއުކޭޝަން

ލީޑިން ޓީޗަރުންގެ މަގާމަކީ ކުރީއްސުރެ ވެސް ދައުރުވަމުންދާ ގޮތަށް އޮތް މަގާމެއް ކަމަށާއި އެ މަގާމު ސަރުކާރަކުން އުވައެއް ނުލައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ލީޑިން ޓީޗަރުން ވަކި ކުރާ ކަމަށް ބުނާ ވާހަކަތަކަށް ރައްދުދެއްވައި ރޭ ސަން ޓީވީގެ 50 މިނެޓް ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، ލީޑިން ޓީޗަރުންގެ މަސައްކަތަކީ ސްކޫލްތަކަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި އެމަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޓެނުވާޝިޕް ބޭފުޅުން ކަމަށެވެ.

"ލީޑިން ޓީޗަރުންގެ މަސައްކަތް އެގޮތުގެ މަތީގަ ދެމިއޮންނާނެ. އެ މަސައްކަތްތަކަކީ ސްކޫލްތަކަށް މުހިއްމު މަސައްކަތްތަކެއް. އެއީ އުވިގެންދިޔަ ކަމެއް ނޫން. ސަރުކާރުން ލީޑިން ޓީޗަރުންގެ މަސައްކަތްތަކެއް އުވައެއް ނުލައްވާ. ލީޑިން ޓީޗަރުން ތިއްބަވާނެ. ހަމައެކަނި ޓެނުވާޝިޕެއްގެ ގޮތުގައި ދައުރުވާގޮތެއްގައި،" އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ކުރީއްސުރެ ވެސް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުންގެ ދައުރަކީ ދައުރުވާ ގޮތަށް އޮންނަ މަގާމުތަކެއް ކަމަށެވެ. އަދި އެގޮތަށް ނިންމާފައި އޮތީ ތައުލީމީ ނިޒާމް ފައްކާކުރުމަށްޓަކާ އެބޭފުޅުންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި އެ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކޮށްގެން އަންނަ ބޭފުޅުންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

"...ލީޑިން ޓީޗަރުންގެ ހަގީގީ މާނައިގެ ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޮތީ އެއީ ދައުރުވާ އެއްޗެއް ގޮތުގައި. ވަކި އަހަރުތަކަކަށް ހިދުމަތްކޮށްފަ އަނެއްކާ ވެސް އިއުލާންކުރެވިގެން އެކަމުގެ ކެޕޭސިޓީ ހުރި ބޭފުޅުންނަށް ލިބޭގޮތަށް. އެގޮތުގެ މަތިން މިގެންދަނީ. އެހެންކަމުން އެއީ ލީޑިން ޓީޗަރުން އުވާލުމެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު