ރިޟްވާނާ ބެހޭ މައުލޫމާތުދޭ ފަރާތަކަށް 50،000ރ. ދޭން އާއިލާ އިން ނިންމައިފި

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާ ބެހޭ މައުލޫމާތެއްދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އޭނާގެ އާއިލާއިން ނިންމައިފި އެވެ.

ރިޟްވާންގެ އެއްބަނޑު އެއްބަފާ ބޭބެ މޫސާ ރިޟްވާން މިއަދު "ސަން"އަށް ބުނީ ރިޟްވާންވީ ތަނަކާ ބެހޭ މައުލޫމާތު ނުވަތަ ރިޟްވާނަށްވީ ކިހިނެތް ކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ދިން ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އެ އާއިލާއިން ނިންމާފައިވާ ކަމަށެވެ.

"އެފަދަ މައުލޫމާތެއް ދީފި ނަމަ އަޅުގަނޑުމެން ބަލާނަން އެއީ ތެދެއްތޯ ޕޮލިހަށް ލީޑެއް ލިބޭ ކަމެއްތޯ. ރިޟްވާން ހޯދަން އަޅުގަނޑުމެން މުޅި ހުޅުމާލެ ބަލައިފިން. އެއްވެސް ޚަބަރެއް މިހާތަނަށް ނުވޭ،" މޫސާ ރިޟްވާން ބުންޏެވެ.

ރިޝްވާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތު އާއިލާއާ ހިއްސާކޮށްދިނުމަށް އޭނާ ވަނީ އެދިފަ އެވެ.

"ރިޟްވާންވީ އެއްވެސް ތަނެއް އަދިވެސް ނޭނގެ. ރާއްޖެ އިން ބޭރަށް ފުރާފައިނުވާ ކަމަށް އިމިގްރޭޝަނުން އެބަބުނޭ،" މޫސާ ރިޟްވާން ބުންޏެވެ.

ރިޟުވާން ގެއްލިގެން އާއިލާ އިން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކުރިފަހުން ހުޅުމާލެ އާއި މާލޭގެ އިތުރުން ކަނޑުގެ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ.

ރިޝްވާން ގެއްލުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އޭނާ ފެރީ އަށް އެރިތަން ދުށް ކަމަށް މައުލޫމާތު ދިން އެކަކު ބުނެފައިވާ ކަމަށެވެ. ނަމަވެސް ހުޅުމާލެއަ ހިސާބަށް ދިޔަކަމެއް ކަމެއް އަދި ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު