ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އުޅެނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރަން ކަމަށާއި މަރުގެ ހުކުމް އަލުން ތައާރަފް ކުރުމުގެ ސަބަބުން ބައިނަލް އަގުވާމީ މަސްރަހުގައި ސަރުކާރުގެ ތަސައްވުރު ހަޑިވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަޔަލެންޑްގެ އައިރިޝް ޓައިމްސްގައި ރައީސް ނަޝީދާ މުޅިން ވެސް ހަވާލާދީ ލިޔެފައިވާ ލިޔުމުގައި ނަޝީދު ވިދާޅުވި ކަމަށް ލިޔެފައި ވަނީ "ގައުމެއް ނެތިއްޔާ ޑިމޮކްރަސީއެއް ނުހޯދޭނެ" ކަމަށެވެ.
އެ އާ ވިދގެން ދެން ނޫހުގައި ބުނެފައި ވަނީ އިންތިހާބަށް ފަހު، މަރުގެ ހުކުމް އަލުން ތައާރަފް ކުރުމުން ބައިނަލްއަގުވާމީ މައިދާނުގައި ސަރުކާރުގެ ތަސައްވަރު ހުތުރުވެފައިވާ ކަމަށެވެ. އަދި މަރުގެ ހުކުމް އަލުން ތައާރަފް ކުރުމުން އެ ގާނޫނުގެ ދަށުން އުމުރުން ހަތް އަހަރުގެ ކުދިންނަށް ވެސް ހުކުމް އައިސްދާނެ ކަމަށާއި ޕީޕީއެމް އިން ދަތުރުކުރަމުން ދަނީ ޝަރީއާ ގާނޫނާ ދިމާ އަށް ކަމަށެވެ.
ރާއްޖެ އަށް އޮތް އެންމެ ބޮޑު ދެ ނުރައްކަލަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދީނީ ގޮތުން ހައްދު ފަހަނަޅައިދާ މީހުން ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
"...26 އަތޮޅުގެ މައްޗަށް އެކުލެވޭ އޭނާގެ މުސްލިމް ގައުމަށް އޮތް އެންމެ ބޮޑެތި ނުރައްކާތަކުގެ ގޮތުގައި ވަށައިގެންވާ ކަނޑުގެ ލޮނުގަނޑު އުފުލުމާއި އިސްލާމީ ހައްދުފަހަނަޅައި ދިއުން ލިސްޓް ކުރައްވައި ނަޝީދު ވިދާޅުވީ ޚުދުމުޚުތާރު ވެރިކަން އަލުން ފައްކާ ވަމުން އަންނަ ކަމަށެވެ." ނޫހުގައިވެ އެވެ.