"ރާއްޖެ ރޭޑިއޯ"ގެ ފްރިކުއެންސީގެ ނަމަކީ "ދިވެހި ރާއްޖޭގެ އަޑު": ކޮމިއުނިކޭޝަން އޮތޯރިޓީ

"ދިވެހި ރާއްޖޭގެ އަޑު”ގެ ނަން “ރާއްޖޭ ރޭޑިއޯ”ގެ ނަމުގައި ހިންގި ނަމަވެސް އަދި ވެސް އެ ރޭޑީއޯގެ ފްރިކުއެންސީ ރަޖިސްޓްރީކޮށްފައި ވަނީ ދިވެހި ރާއްޖޭގެ އަޑުގެ ނަމުގައި ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ބުނެފި އެވެ.


މިދިޔަ އަހަރުގެ އޮގަސްޓް، 10 ގައި ރާއްޖެ ރޭޑިއޯގެ ނަމަށް ބަދަލުކުރި ރޭޑިއޯ ސްޓޭޝަންގެ ފްރިކުއެންސީއާ ބެހޭ ގޮތުން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް މުހައްމަދު ނާސިހު މިއަދު ވިދާޅުވީ ކުރީގެ ދިވެހި ރާއްޖޭގެ އަޑުގެ ފްރިކުއެންސީގައި، ހިންގަމުންދާ ރާއްޖެ ރޭޑިއޯގެ ފްރިކުއެންސީ ނަން ބަދަލު ކުރުމަށް އަދި މިހާތަނަށް އެ އޮތޯރިޓީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.


ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ކުންފުނި އެމްއެންބީސީގެ ރާއްޖެ ރޭޑިއޯގެ ފްރިކުއެންސީގެ ނަން ބަދަލު ކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީއަށް ހުށަހެޅި ކަމުގައިވިޔަސް އެ ނަން ބަދަލު ނުކުރެވޭނެ ކަމަށާއި ސަބަބަކީ ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑަކީ ގާނޫނަކުން އުފައްދާފައިވާ އެމްބީސީގެ މުދަލެއް ކަމަށް ބުނެ، ސިވިލް ކޯޓްގައި މައްސަލަ ކުރިއަށްދާތީ ކަމަށް ނާސިހު ވިދާޅުވި އެވެ.


ރާއްޖެ ރޭޑިއޯގެ ފްރިކުއެންސީ ދިވެހި ރާއްޖޭގެ އަޑުގެ ނަމުގައި ހިންގިދާނެތޯ ސަން އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާސިހު ވިދާޅުވީ "އެ މައްސަލައަކީ ވެސް ގާނޫނީ މައްސަލައެއް ކަމަށާއި އެ ކަމުގައި ވެސް ގޮތެއް ނިންމޭނީ ކޯޓުން ގޮތެއް ނިންމުމުން،" ކަމަށެވެ.


އޭނާ ވިދާޅުވީ 2007 އަހަރު އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިނުމާއި ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އެކުލަވާލުމާ އެކު، އެ ފުރުސަތުގައި ދިވެހި ރާއްޖޭގެ އަޑުން ފްރިކުއެންސީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.


ނަމަވެސް ޓީވީއެމް ރަޖިސްޓްރީކޮށްފައި ނުވާ ކަމަށާއި އަދި އެނަމުގައި ފްރިކުއެންސީ ވެސް ކޮމިއުނިކޭޝަން އޮތޯރިޓީން ދޫކޮށްފައި ނުވާނެ ކަމަށް ނާސިހު ވިދާޅުވި އެވެ. އަދި އޭރު ޓީވީއެމް ހިންގަމުންދިޔައީ ސަރުކާރުން ކަމަށާއި 2007 އަހަރު ބްރޯޑްކާސް ކުރުމުގެ ގަވާއިދަށް އަމަލު ކުރަންފެށި އިރު ވެސް ޓީވީއެމް ރަޖިސްޓްރީ ނޮކޮށް އޮތުމަށް ފަހު، މިދިޔަ އަހަރުގެ މެދުތެރޭގައި "އެމްއެންބީސީ ވަން"ގެ ނަމުގައި ރަޖިސްޓްރީކޮށް އެނަމުގައި ފްރިކުއެންސީ ދޫކޮށްފައިވާ ކަމަށް ނާސިހު ވިދާޅުވި އެވެ.


ނަމަވެސް އޭރު ޓީވީއެމް ރަޖިސްޓްރީ ނުކުރުމުން މިހާރުގެ އެންއެންބީސީ ވަންގެ ނަމުގައި ހިންގާ ޗެނަލަކީ ކުރީގެ ޓީވީއެމްކަން އިނގޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު