ޅ. ނައިފަރުގައި އަމިއްލަ އަންހެން ދަރިފުޅާ ބެހިގެން ހުކުމް ކޮށްފައި ހުރި ބައްޕައަކު އޭނާގެ ކޮއްކޮގެ ދެ ދަރިންނާ ބެހުނު ކަމުގެ ތުހުމަތުގައި ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އުމުރުން 52 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މީގެ ކުރިން ވެސް އެފަދަ މައްސަލަ އެއްގައި އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނައިފަރުން ވާހަކަ ދެއްކި މީހަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ މީގެ އަހަރުތަކެއް ކުރިން އަމިއްލަ އަންހެން ދަރިފުޅާ ބެހިގެން ހައްޔަރު ކޮށްފައި ހުރުމަށްފަހު ހުކުމް ލުއި ކޮށްދިނުމުން އެ ހުކުމް ތަންފީޒު ކުރިފަހުން، މިފަހަރު އެ މީހާ ބެހިފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ފިރިހެނެއްގެ ދެ ކުދިންނާ ކަމަށެވެ. އެކަން ފަޅާއެރީ އެތަނުން އެއްކުއްޖަކު އެވާހަކަ އެހެން މީހަކަށް ކިޔައިދިނުމުން އޭނާގެ ހަރަކާތްތަކަސް ފާރަލައިގެން ބެލުމުން ކަމަށެވެ.
ނައިފަރުން ވާހަކަ ދެއްކި މީހާ ބުނީ އެ ކުދިންނަށް އޭނާ ބިރުދައްކާ ހަދާ ކަމަށާއި އަދި އެކުދިންގެ ގައިގައި ސިނގިރޭޓް ޖައްސާފައި ހުރި ކަމަށް ވެސް މީހުން ބުނާ ކަމަށެވެ. އޭނާ ބުނީ އަލިފާނުގެ ހާދިސާ އެއްގައި މީގެ އަހަރުތަކެއް ކުރިން އެ ދެ ކުދިންގެ ބައްޕަ މަރުވުމާއި ގުޅިގެން އުޅެމުން ދިޔައީ އެ މީހާގެ ގޭގައި ކަމަށާއި ނަމަވެސް އެކުދިންނާ ބެހުނު މައްސަލަ ފެންމަތިވި ހިސާބުން އެ ކުދިންގެ ތިމާގެ އެހެން ބައެއްގެ ގެއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އޭނާ އަދި ބުނީ ހައްޔަރުކުރި މީހާ ކުރިން ވެސް ބެހުނު، މިހާރު މީހަކާ އިނދެގެން އުޅޭ، އަމިއްލަ ދަރިފުޅާއެކު މިހާރުވެސް ބަދުއަހުލާގީ އަމަލު ހިންގަމުންދާ ވާހަކަތަކެއް މިފަހުން ވެސް ރަށުތެރޭގައި ފެންމަތިވެފައިވާ ކަމަށެވެ.