ޖަމިއްޔަތުލް ސަލަފުން އިންތިޒާމްކޮށްގެން އަލީ ރަމީޒާ އެކު ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ނޮވެންބަރު މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުގުވެރިކުރުވަނިވި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ސަލަފްގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ސޮބާހު މިއަދު ވިދާޅުވީ "ބަނޫން"ގެ ނަމުގައި ބާއްވާ މި ހަވީރަކީ ކުޑަކުދިންނަށް އިސްލާމް ދީނުގެ ހުދޫގެ ތެރޭގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ.
"މި އިވެންޓަކީ ހަމަކޮންސެޓެއްގެ ކޮންސެޕްޓަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ ހަރަކާތެއް. ނަމަވެސް އެހަރަކާތްތައް ކުރިއަށް ގެންދާނީ އިސްލާމީ ހުދޫދުގެ ތެރޭގައި،" ސޮބާ ވިދާޅުވި އެވެ.
އެދުވަހުގެ ހަރަކާތްތަކުގައި އިސްލާމީ އުސޫލުތަކާ ގުޅޭ ތަފާތު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުއަށް ބޭނުންވާ ބައެއް ކަހަލަ މެސެޖްތައް އެ ކުދިންނަށް ދިނުމާ ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުޑަކުދިންތަކެއް ހުށަހަޅައިދޭ މަދަހައަކާއި، ޝެއިޚެއްގެ ނަސީހަތް ކޮޅަކާއި، އަދި ދޮންދޫނި ޕްރީސްކޫލްގެ ފަރާތުން ހުށަހަޅައިދޭ ކުޑަކުދިންގެ ޑްރާމާކޮޅެއްގެ އިތުރުން ކުޑަކުދިންނަށް ވާހަކަ ކިޔައިދިނުން ވެސް ހިމެނެ އެވެ.
ބަނޫން ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްމެ ކޮންމެ ވެސް ކަހަލަ ހަދިޔާއެއް ދޭގޮތަށް އެޖަމިއްޔާ އިން ވަނީ ހަމަޖައްސައިފަ އެވެ.
އާޓިފިޝަލް ބީޗްގައި ބާއްވާ ކުޑަކުދިންގެ ހަވީރުގެ ހުށަހަޅައިދޭނީ އަލީ ރަމީޒުގެ އިތުރުން އަހުމަދު ސިމާއު (ކުޅޭބޭބެ) އެވެ.
މީގެ އިތުރުން އެދުވަހުގެ ރޭ ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ސަލަފުން ބާއްވާ ސުވާލު ޖަވާބު ޕެނެލްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ސުވާލު ޖަވާބު ޝެސަންގެ މިފަހަރުގެ މައުލޫއަކީ "އަޤީދާއާއި ނަމާދު" އެވެ.