މިއަހަރުގެ ނުވަ މަސްދުވަސް ފާއިތުވީއިރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދު އިތުރުވެ ދައުލަތުގެ ބަޖެޓް ޑެފިސިޓް، ނޫނީ ދަރަނީ 2 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާންމު ކުރާ ދައުލަތުގެ އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 7.9 ބިލިއަން ރުފިޔާ އާމްދަނީއަށް ވަނީ ލިބިފައިވާއިރު ޖުމްލަ ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ދަރަނީ އަދާކުރުމާއި ލޯނު ދޫކުރުމަށް 1.6 ބިލިއަން ރުފިޔާވެސް ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތުގެ ޖުމްލަ ހަރަދުގެ ތެރެއިން ރިކަރަންޓް ހަރަދަށް 7.1 ބިލިއަން ރުފިޔާ ހަރަދު ކުރީއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އެންމެ ގިނައިން ހަރަދުކުރީ މުވައްޒަފުންގެ އެލަވަންސްތަކާއި މުސާރައަށެވެ. އެގޮތުން 3.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އޮފީސް ހިންގުމުގެ ހަރަދަށެވެ. އެބައިން 3.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޮފީސް ހިންގުމުގެ ހަރަދުގެ ތެރެއިން އެހީ އާއި ސަބްސިޑީ އަދި އިޝްތިރާކު ކުރުމަށް 1.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތުގެ އޮފީސްތަކުގެ ހަރަދަށް ބަލާއިރު އެންމެ ގިނައިން ހަރަދުކޮށްފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން ނެވެ. އެ މިނިސްޓްރީން ވަނީ 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން 3.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން 125.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ރައީސް އޮފީހަށް ވަނީ 86.2 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ހެލްތް މިނިސްޓްރީގެ ހަރަދަށް 1.2 ބިލިއަން ރުފިޔާވެސް ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބޭ ޓެކްސްގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ޓެކްސްއިން އެންމެ ގިނަ އާމްދަނީއެއް ލިބުނީ ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގަ އެވެ. އެބައިން އާމްދަނީއަށް 2.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.